އއ. ތޮއްޑޫގައި ގަވާއިދާ ހިލާފަށް އުޅެމުން އައި 107 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ތޮއްޑުއަށް އަމާޒުކޮށްގެން ޓާސްކްފޯހުން ހާއްސަ އޮޕަރޭޝަނެއް ހިންގާފައި ވަނީ އެ ރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑު ކަމަށް އާންމުންގެ ގިނަ ޝަކުވާތަކެއް ލިބިފައިވާތީ ކަމަށެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި އިއްޔެ ހެނދުނު 6:00 އިން ހަވީރު 4:00 އަށް ހިންގި އެ އޮޕަރޭޝަނުގައި 507 ބިދޭސީއަކު ބަލައިފާސްކޮށްފައިވެ އެވެ. އޭގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުން އަންނަ މައްސަލާގައި 107 މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ދޭތެރެދޭތެރެއިން އިމިގްރޭޝަނުން އަންނަނީ މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި އޮޕަރޭޝަންތައް ހިންގަމުންނެވެ. ބިދޭސީން މަސައްކަތްކުރާ އެކި ތަންތަން މިފަދަ އޮޕަރޭޝަންތަކުގައި ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސް، ފަހުން ޑީޕޯޓުކޮށްފަ އެވެ.
މިދިޔަ ޖުލައި މަހު ހޯމް މިނިސްޓްރީން ބުނި ގޮތުގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 12،552 މީހަކު އަނބުރާ ގައުމަށް ފޮނުވައިލާފައިވެ އެވެ. އެއީ ނޮވެމްބަރު 17، 2023 އިން މި އަހަރުގެ ޖޫން 13 ގެ ނިޔަލަށް އަނބުރާ ގައުމަށް ފޮނުވާލި މީހުންނެވެ.
އަނބުރާ ފޮނުވާލާފައިވާ މީހުންގެ ތެރޭގައި ޑީޕޯޓުކޮށްފައިވާ މީހުންނާއި އެ ނޫން ވެސް ގޮތްގޮތަށް ފޮނުވާލާފައިވާ މީހުން ހިމެނެ އެވެ. ޑީޕޯޓުކުރި މީހުންގެ ތެރޭގައި ހިމެނެނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ މީހުންނާއި ޑޮކިއުމަންޓްތައް ފުރިހަމަ ނޫން މީހުންނެވެ.
ސަރުކާރުގެ މާސް ލީގަލައިޒޭޝަން ޕްރޮގްރާމުގެ ދަށުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން، ވަޒީފާ އަދާކުރުމުގެ ހުއްދަ ނެތް މީހުންނާއި ހުއްދައިގެ މުއްދަތު ހަމަވެފައިވާ މީހުންނާއި ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ނެތް ބިދޭސީންނަށް ވެސް ގާނޫނާ ގަވާއިދުގެ ތެރެއިން ރާއްޖޭގައި އުޅުމަށް ފުރުސަތު ދިނެވެ.