ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި، ދެ މަސް ދުވަހުގެ ތެރޭގައި 160 އަށްވުރެ ގިނަ މީހުން އިތުރަށް ރަޖިސްޓްރީވެފައިވާ ކަމަށް އެންސްޕާގެ ތަފާސްހިސާބުން ދައްކައިފި އެވެ.

އެންސްޕާއިން މިދިޔަ ފެބްރުއަރީ މަހު އާއްމުކުރި މައުލޫމާތު ދައްކާ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވަނީ 15،236 މީހުންނެވެ. ނަމަވެސް، މިއަދު ހިއްސާކުރި މައުލޫމާތަށް ބަލާއިރު 167 މީހުން ވަނީ އިތުރުވެފަ އެވެ. 

އެންސްޕާއިން މިއަދު އާންމުކުރީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި އޭޕްރީލްގެ ނިޔަލަށް ތިބި އަދަދެވެ. އެއީ ޖުމްލަ 15،403 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 8،915 ފިރިހެނުންނާއި 6،488 އަންހެނުންނެވެ.

އެ ދަފްތަރުގައި 18 އަހަރުން ދަށުގެ 5،226 ކުދިން ތިބިއިރު އެއީ 3،636 ފިރިހެން ކުދިންނާއި 1،590 އަންހެން ކުދިންނެވެ. އުމުރުން 10 އަހަރާއި 64 އަހަރާމެދު 7،773 މީހުން ތިބިއިރު 65 އަހަރުން މަތީގެ 2،404 މީހުން އެ ދަފްތަރުގައި އެބަ ތިއްބެވެ.

ނުކުޅެދުންތެރިކަމުގެ ދަފްތަރުގައި ތިބި މީހުން

  1. އުނގެނުމުގެ ނުކުޅެދުންތެރިކަން: 58 މީހުން
  2. އޯޓިޒަމް: 590 މީހުން
  3. ފެނުމުގެ ނުކުޅެދުންތެރިކަން: 1025 މީހުން
  4. އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން: 1828 މީހުން
  5. ސިކުނޑީގެ ނުކުޅެދުންތެރިކަން: 1841 މީހުން
  6. ނަފްސާނީ ނުކުޅެދުންތެރިކަން: 2284 މީހުން
  7. މަލްޓިޕްލް ޑިސެބިލިޓީސް: 3489 މީހުން
  8. ޖިސްމާނީ ނުކުޅެދުންތެރިކަން: 4287 މީހުން

މާލީ އެހީތެރިކަމަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީގެ ގޮތުގައި 15،146 ފަރާތަކަށް ޖުމްލަ 55,920,000ރ. ދޫކޮށްފައިވެ އެވެ.

އެންސްޕާގެ ތަފާސްހިސާބަށް ބަލާއިރު އޭޕްރީލް މަހު 253 މީހުންނަށް ތެރަޕިއުޓިކް ފަރުވާއަށް 7،072،834ރ. ދޫކޮށްފައިވެ އެވެ. އަދި ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން ތެރަޕިއުޓިކް ފަރުވާއަށް 80 މީހަކަށް 524,615 ރުފިޔާގެ އެހީ ފޯރުކޮށްދީފައިވެއެވެ.