ނ. އަތޮޅަށް ހާއްސަ ފުޓްބޯޅަ މުބާރާތް 'ސިޔާމް-މައުރޫފް ސޮކާ ކަޕް' ގެ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު އަދި ބާސެލޯނާގެ ލެޖެންޑް ކާލްސް ޕުޔޯލް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ކުރިއަށް ގެންދަވާ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 27 ގައި ނ. ކެނދިކުޅުދޫގަ އެވެ. ޕުޔޯލް އާއި އޭނާގެ އަންހެނުން ސުޕަމޮޑެލް ވަނެއްސާ ލޮރެންޒޯ މި މަހުގެ 26 ވަނަ ދުވަހު ރާއްޖެ އަންނާނެ އެވެ.
ފުޓްބޯޅަ ކުޅުން 2014 ވަނަ އަހަރު ހުއްޓާލާފައިވާ އުމުރުން 38 އަހަރުގެ ޕުޔޯލް ވަނީ ސްޕެއިނާ އެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ބާސެލޯނާއާ އެކު ސްޕެނިޝް ލީގު ހަ ފަހަރު، ސްޕެނިޝް ކަޕް ދެ ފަހަރު، ޗެމްޕިއަންސް ލީގު ތިން ފަހަރު އަދި ކްލަބް ވޯލްޑް ކަޕް ދެ ފަހަރު ހާސިލްކުރި އެވެ. މީގެ ތެރެއިން ގިނަ ތަށި ކެޕްޓަންގެ ހައިސިއްޔަތުން އުފުލާލީ ޕުޔޯލް އެވެ.
ހުނަރުވެރި ޑިފެންޑަރެއްގެ އިތުރުން ޕުޔޯލް ފާހަގަކުރެވެނީ އާދާޔާހިލާފު ކެޕްޓަނެއްގެ ގޮތުގަ އެވެ. ދަނޑުމަތީގައި ޓީމް ލީޑްކޮށް ކުޅުން އޯގަނައިޒްކޮށް ކުޅުންތެރިންނަށް ހިތްވަރު ދިނުމުގައި އޭނާ އަކީ ނަމޫނާ ކުޅުންތެރިޔެކެވެ. ސްޕެއިން ގައުމީ ޓީމަށް 13 އަހަރުތެރޭ 100 މެޗު ކުޅެދީފައިވާއިރު ބާސެލޯނާގެ ސީނިއާ ޓީމަށް 1999-2014 އަށް 400 އެއްހާ މެޗު ކުޅެދިނެވެ.
ޕުޔޯލް ޝަރަފްވެރިކޮށްދޭ ސިޔާމް-މައުރޫފް ސޮކަ ކަޕުގައި މިލަދުންމަޑުލު ދެކުނު ބުރީގެ 13 ރަށަކުން ޓީމުތައް ބައިވެރިވެފައިވާއިރު މިއީ އަތޮޅުތެރޭގައި ބާއްވާ އެންމެ ފޯރިގަދަ އެއް މުބާރާތެވެ. ޗެމްޕިއަން ޓީމަށް ދޮޅުލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ދެ ވަނަ ޓީމަށް 100،000ރ. ލިބޭނެ އެވެ.
ޕުޔޯލްގެ ފަހުން ބާސެލޯނާގެ ކެޕްޓަންކަން ކުރި ޒަވީ ހެނާންޑޭޒް ވެސް ވަނީ ދާދި ފަހުން ރާއްޖެ ޒިޔާރަތްކޮށްފަ އެވެ. ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިތާ އަށް އަހަރު ފުރުން ފާހަގަކުރަން ކުޅުނު މެޗު ޝަރަފްވެރިކޮށްދޭން ޒަވީ އައިއިރު އާޖެންޓީނާގެ ކުރީގެ ކެޕްޓަން ރޮބާޓޯ އަޔާލާ ވެސް ދަތުރުގައި ބައިވެރިވެ އެ މެޗުގައި ކުޅުނެވެ.