ބާސެލޯނާ (އޮކްޓޫބަރު 13) – ލިއޮނަލް މެސީ ބާސެލޯނާ ދޫކޮށްލަން އޭނާ ބޭނުންނުވާ ކަމަށް ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލް ބުނެފި އެވެ.
މެނޭޖްމަންޓާ މެދު ހިތްހަމަނުޖެހިގެން މެސީ ދާދި ފަހުން ބާސެލޯނާ ދޫކޮށްލަން އުޅުމުން ޕުޔޯލް ވަނީ އޭނާ އަށް އެކަމުގައި އޭރު ތާއީދުދީފަ އެވެ. ޕުޔޯލް އޭރު ކުރި ޓްވީޓެއްގައި ބުނީ މެސީ އަށް އޭނާގެ އިހުތިރާމާއި ލޯބި އެބައޮތް ކަމަށާއި މެސީ އާށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.
ޕުޔޯލް މި ހަފުތާގައި ބުނީ ބާސެލޯނާގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން މެސީ ބާސެލޯނާ ދޫކޮށްލަން އޭނާ ބޭނުންނުވާ ކަމަށެވެ.
"އެކަމަކު އެއީ ފުޓްބޯޅަ. އެންމެ ފަހުން އޭނާ ނިންމީ މަޑުކުރަން. މެސީ ދާދި ފަހުން ބުނި އޭނާ ހުރީ ރޫހާއި ފޯރީގައި ކަމަށް. އަހަރެމެން އުއްމީދުކުރަން އޭނާ މި ޓީމާ އެކު ގިނަ އަހަރުތަކެއް ކުރިއަށްދާނެ ކަމަށް. އޭނާ އަކީ ސްޕެނިޝް ލީގަށް ވެސް މުހިއްމު ކުޅުންތެރިއެއް. އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ،" ޕުޔޯލް ބުންޏެވެ.
ޕުޔޯލް މުޅި ކެރިއަރު ހޭދަކުރީ ބާސެލޯނާގެ އެވެ. އޭނާ ވަނީ ސްޕެނިޝް ލީގު ހަ ފަހަރު، ޗެމްޕިއަންސް ލީގު ތިން ފަހަރު ހޯދައި ބާސެލޯނާއާ އެކު ޖުމްލަ 20 ތަށި ހޯދައިފަ އެވެ.
އިޓަލީގެ ގެޒެއްޓާ ޑެލޯ ސްޕޯޓްސްއާ ވާހަކަދައްކަމުން ޕުޔޯލް ބުނީ އޭނާގެ ކެރިއަރު އިޓަލީގައި ނިންމާލެވުން ނަމަ އުފާވީސް ކަމަށެވެ. އެގޮތުން ޕުޔޯލް ބުނީ އޭނާގެ ހީރޯ އަކީ އޭސީ މިލާނުގެ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީ ކަމަށާއި އޭނާއާ އެކު ކުޅެލަން ބޭނުންވީސް ކަމަށެވެ.
"އަހަރެން މިލާނާ ގުޅުމުގެ ފުރުސަތު އޮތް،" ޕުޔޯލް ބުންޏެވެ. "އަހަންނަށް އިންގްލެންޑާއި އިޓަލީގެ ކްލަބްތަކުން އޮފާ ލިބުނު. އެކަމަކު އެ މީހެއްގެ ކްލަބަކީ އެ މީހެއްގެ ގެ ކަމަށްވީމާ އެެހެން ކްލަބެއްގެ ޖާޒީއެއް ލާ ހިތެއް ނުވާނެ."