މުހައްމަދު އުމެއިރާއި އަމްދާން އަލީ (އެންޑީ) އާ އެކު މާޒިޔާގެ ނުވަ ކުޅުންތެރިޔަކު އަންނަ ސީޒަނުގައި ވެސް އެ ކްލަބުގައި މަޑުކުރަން ނިންމައި ކޮންޓްރެކްޓް އާކޮށްފި އެވެ.

މި އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީމުގައި މަޑުކުރަން ނިންމާފައިވަނީ އުމެއިރާއި އެންޑީގެ އިތުރުން އެއްބަނޑުއެއްބަފާ ދެބެން ކަމަށްވާ ސަމޫހު އަލީ (ސަމުއްޓެ) އާއި ގާސިމް ސައްމާމް (ސައްމޭ) އާއި މޫސާ ޔާމީނާއި އަހުމަދު އިރުފާން (އިރޭ) އާއި ޔަސްފާދު ހަބީބް (މުލަކޭ) އާއި ހަސަން ޝިފާޒް (ޑުންގާ) އަދި އަހުމަދު އިމާޒް (އާއްކޮ) އެވެ.

މާޒިޔާއާ މިދިޔަ އަހަރު ގުޅުނު އުމެއިރަށް އަނިޔާގެ ސަބަބުން ކުރީކޮޅު މެޗުތަކެއް ގެއްލުނު ނަމަވެސް އޭނާ ވަނީ އެނބުރި އައިސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަންބޫޓް ހާސިލްކޮށްފައިވާ އުމެއިރު ވަނީ މާޒިޔާ އިން ލީގު ކާމިޔާބުކުރި އިރު، މުހިއްމު ގޯލްތަކެއް ޖަހައިދީފަ އެވެ. މާޒިޔާގެ ވައިސް ކެޕްޓަން އެންޑީ އަކީ އެ ޓީމުގެ އިތުރުން ގައުމީ ޓީމުގެ ވެސް މުހިއްމު ޑިފެންޑަރެކެވެ.

މި ނުވަ ކުޅުންތެރިންގެ އިތުރުން ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި އަސްހަދު އަލީ (އަޑުބަރޭ) ވެސް ވަނީ މާޒިޔާގެ ކޮންޓްރެކްޓް އާކޮށްފަ އެވެ. ކްލަބް ދޫކޮށްލާފައިވަނީ މިހާތަނަށް އަހުމަދު ނާޝިދު (ނައްޓޭ) އެކަންޏެވެ.

މާޒިޔާ އިން މި ވަގުތު އަންނަނީ އާ ކޯޗެއް ހަމަޖެއްސުމަށް ވެސް މަސައްކަތްކުރަމުންނެވެ. މިދިޔަ ތިން އަހަރު ކޯޗުކޮށްދިން އަލީ ސުޒޭން ވަނީ އިސްތިއުފާ ދީފަ އެވެ.