އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގައި މާޒިޔާ އާއި ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އުމެއިރުގެ ކުޅުން ފަނޑުވި އެވެ. ޕީޕަލްސް ކަޕަށް ފަހު ނިއު ރޭޑިއަންޓް ދޫކޮށް މާޒިޔާ އަށް ބަދަލުވުމަށް ފަހު އުމެއިރަށް އޭނާގެ މޮޅު ކުޅުން ނުދެއްކުނު އެންމެ ބޮޑު އެއް ސަބަބަކީ އަނިޔާގެ މައްސަލަ އެވެ. ގައުމީ ޓީމު ތިން މުބާރާތަކާއި ވޯލްޑް ކަޕް ކޮލިފައިންގެ ބައެއް މެޗުތައް ކުޅުނުއިރު އުމެއިރު ނެތުމަކީ، ލިބުނު އުނި ކަމެއް ކަމަށް ފުޓްބޯޅަ ސަޕޯޓަރުން ފާހަގަކުރެ އެވެ. އެކަމަކު އޭނާ ވަނީ އަނިޔާ އިން ސަލާމަތްވެ މި ސީޒަނުގައި ކުރީގެ ފޯމަށް އައިސްފަ އެވެ. ފިޓްވުމަށް ފަހު، މާޒިޔާ ފަދަ ވަރުގަދަ ސްކޮޑެއް އޮތް ޓީމެއްގައި މުހިއްމު ދައުރެއް އަދާކުރެވޭނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެންނެވެ.
"މިދިޔަ އަހަރުގެ ގައުމީ މުބާރާތް ނިންމާފައި، ވޯލްޑް ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅުމަށް ފަހު ހަ މަސް ދުވަސް އިންޖަރީގައި ހުރެފައި މި އަހަރުގެ ސީޒަން ހުޅުވި މެޗުގައި މި ކުޅުނީ. ފުޓްބޯޅަ ކެރިއަރުގައި ކުރިމަތިވި އެންމެ ބޮޑު އިންޖަރީ މިއީ. މި އިންޖަރީގައި އެހާ ގިނަ ދުވަހު ނުކުޅެ ހުރެފައި އަލުން ކުޅެން ނުކުމެ ކުރީގެ ފޯމަށް ދިއުމަކީ ވަރަށް ބޮޑު ޗެލެންޖެއް." އުމެއިރު "މިހާރު" އަށް ވާހަކަ ދައްކަމުން ބުންޏެވެ.
މި ސީޒަނުގައި މިހާތަނަށް މާޒިޔާ ހޯދަމުން އަންނަ ކާމިޔާބީގައި އުމެއިރުގެ ދައުރު ބޮޑެވެ. ޓީމުގެ ފުރަތަމަ އެގާރައިގައި ސީޒަންގެ ކުރީކޮޅުގެ މެޗުތަކުގައި ނުކުޅުނު ނަމަވެސް ފަހަކަށް އައިސް ގަވައިދުން ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެ، އުމެއިރު އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އުމެއިރު ބުނީ ކުރީގެ ފޯމަށް އެނބުރި އައުމަށް މުޅި ޓީމުގެ ފަރާތުން އެއްބާރުލުން ލިބޭ ކަމަށެވެ.
"ވަރަށް ބުރަ މަސައްކަތުން އަލުން މިހިސާބަށް އާދެވުނީ. ޕްރެކްޓިހުގައި ވެސް އިތުރު ހިތްވަރު ލައި ވަރަށް ބޮޑަށް މަސައްކަތްކުރިން. ހުރިހާ ވެސް އެއްޗަކީ މަސައްކަތް. ޓީމުގެ ސަޕޯޓް ވެސް ވަރަށް ބޮޑަށް ލިބުނު. ކޯޗާއި ކުޅުންތެރިންގެ ފަރާތުން ވެސް އެހީތެރިކަން ލިބުނު. އެންމެ ރަނގަޅު ފޯމަށް ނޭޅުނު ނަމަވެސް އެ ހިސާބަށް ދިއުމަށް އެ އެންމެންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު." ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ރަންބޫޓު ހާސިލްކޮށްފައިވާ އުމެއިރު ބުންޏެވެ.
ސީޒަން ފެށިއިރު މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ އުމެއިރު އަންނަނީ އަނިޔާއިން ރަނގަޅަށް ރިކަވާވަމުން ކަމަށާއި އޭނާ ކުރިން ދެއްކި މޮޅު ކުޅުން މި އަހަރު މާޒިޔާގައި ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
މި ސީޒަނަށް މާޒިޔާ އިން ނުކުތީ ވަރުގަދަ ސްކޮޑަކާ އެކު އެވެ. ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް އެ ޓީމާ ގުޅުނެވެ. މާޒިޔާގެ ފުރަތަމަ އެގާރައިގެ ވާދަވެރިކަން ބޮޑުވުމާއި އަދި އަނިޔާގައި ހުރުމާ އެކު އުމެއިރަށް ޖާގަ ގެއްލިދާނެ ކަމަށް ބެލެވުނެވެ. އެކަމަކު މި ސީޒަނުގައި އެންމެ ބޮޑު ތަފާތެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔާ ލ. ކުނަހަންދޫ އަށް އުފަން އުމެއިރެވެ.
"މާޒިޔާގައި މަޑުކުރީ މުުހިއްމު ސަބަބުތަކަކަށްޓަކައި. ފުރަތަމަ ކަމަކީ، މާޒިޔާ އަކީ ރާއްޖޭގެ އެންމެ ރަނގަޅު މެނޭޖްމަންޓް އޮތް ކްލަބް. ދެ ވަނަ ކަމަކީ އޭއެފްސީ ކަޕުގައި އެ ޓީމު ކުޅުން. ހުރިހާ ގޮތަކުން ވެސް އެންމެ ރަނގަޅު އެއް ޓީމު މާޒިޔާ އަކީ މިވަގުތު ރާއްޖޭގެ. ކްލަބް ބަދަލުކުރާއިރު ތިބޭ ކުޅުންތެރިންނަށް ނުބަލަން. މަސައްކަތްކޮށްފިއްޔާ ކުޅެވޭނެކަން ޔަގީން،" އުމެއިރު ބުންޏެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) މާޒިޔާއާ ގުޅުމަކީ ޓީމަށް ލިބުނު ހިތްވަރެއް ކަމަށް އުމެއިރު ދެކެ އެވެ.
"ދަގަނޑޭ މިވަގުތު ޓީމާ ގުޅުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އޭނާ އަކީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ. އޭނާގެ ސަޕޯޓް މުޅި ޓީމަށް ލިބޭ. ދަގަނޑޭ ވެސް ނުކުޅެ ގިނަ ދުވަހު ހުރެފައި އައިސް މެޗަކަށް ފަހު މެޗެއް އިމްޕްރޫވް ކުރަމުން އަންނަނީ. ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ދަގަނޑޭ އަށް ސަޕޯޓްދޭ." ދަގަނޑޭއާ ބެހޭގޮތުން އުމެއިރު ބުންޏެވެ.
މާޒިޔާ މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ ތިން ޕޮއިންޓުގެ ލީޑަކާ އެކު އެވެ. މިއަދު ހަވީރު ނިއު ރޭޑިއަންޓް އަތުން މާޒިޔާ މޮޅުވެއްޖެނަމަ އެ ޓީމުގެ ލީޑު ހަ ޕޮއިންޓަށް ފުޅާވާނެ އެވެ. އުމެއިރު ބުނީ އަމާޒަކީ މި ބުރުގެ ހުރިހާ މެޗަކުން މޮޅުވުން ކަމަށެވެ.
"މިހާރު މިއޮތީ ލީގުގެ އެއް ވަނައިގައި. އެންމެ މުހިއްމު ކަމަކީ ލީޑު ހިފެހެއްޓުން. ލީގު ކާމިޔާބުކުރުމަކީ ފަސޭހަކަމެއް ނޫން. ތިން ވަނަ ބުރުގައި ބަލާނީ މޮޅުވާން ހުރިހާ މެޗަކުން ވެސް. އެއްވަރު ނުވަތަ އެހެން ނަތީޖާއަކަށް ނުވިސްނާނަން.،" އުމެއިރު ބުންޏެވެ.
ވިކްޓަރީ ސްޕޯޓްސް ކްލަބުން ޑިފެންޑަރެއްގެ ގޮތުގައި 2006 ވަނަ އަހަރު ކެރިއަރު ފެށި އުމެއިރު ވަނީ މާޒިޔާ އާއި ވީބީ ސްޕޯޓްސް ކްލަބް އަދި ނިއު ރޭޑިއަންޓަށް ވެސް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ފަހުން އޭނާ ފެނިފައިވަނީ މިޑްފީލްޑަރެއް ނުވަތަ ފޯވާޑެއްގެ ގޮތުގަ އެވެ.