ކުޅިވަރު / ލެސްޓާ ސިޓީ

ޔޫރޮޕާ ލީގުން ކަޓައި، ލެސްޓާ ސިޓީ ކޮންފަރެންސް ލީގަށް

ލެސްޓާ ސިޓީގެ ޖޭމީ ވާޑީ، ބޯޅައާ އެކު ކުރިޔަށް ދާން މަސައްކަަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ނޭޕްލްސް (ޑިސެމްބަރު 10) - ޔޫރަޕުގެ ދެވަނަ ފަންތީގެ ފުޓުބޯޅަ މުބާރާތް، ޔޫއެފާ ޔޫރޮޕާ ލީގު ގުރޫޕް ސްޓޭޖުން ކަޓައި، އިނގިރޭސި ކްލަބް ލެސްޓާ ސިޓީ، ޔޫރޮޕާ ކޮންފަރެންސް ލީގު ނޮކައުޓް ބުރުގެ ޕްލޭއޮފުފައި ވާދަކުރަން ޖެހިއްޖެ އެވެ.

ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ ލެސްޓާއިން ނަޕޯލީއާ ދެކޮޅަށް ނުކުތުމުގެ ކުރިން އެޓީމު އޮތީ ގުރޫޕުގެ އެއްވަނައިގަ އެވެ. ނަމަވެސް ރަށުން ބޭރުގައި ނަޕޯލީ އަތުން 3-2 އިން ބަލިވެ، އެ ޓީމު ވަނީ ގުރޫޕުގެ ތިންވަނައަށް ވެއްޓިފަަ އެވެ.

މެޗުގެ ފުރަތަމަ ހާފު ފަށައިގެން ނަޕޯލީން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ލެސްޓާއިން ވަނީ ހާފު ނިމުމުގެ ކުރިން ގާތްގާތުގައި ޖޯނީ އީވަންސް އާއި ކީނަން ޑޫސްބެރީ ހޯލްގެ ލަނޑުތަކުން ނަތީޖާ އެއްވަރު ކޮށްފަ އެވެ. ނަޕޯލީ އަށް މެޗުން ތިން ޕޮއިންޓް ލިބުނީ، ދެވަނަ ހާފުގެ ކުރީކޮޅު، އެޓީމުގެ ނޯތު މެސެޑޯނިއާގެ ޒުވާން މިޑްފީލްޑަރު އެލިފް އެލްމަސް ޖެހި ލަނޑުންނެވެ.

ނަޕޯލީން މެޗުން މޮޅުވި ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މި ގުރޫޕުގެ އެއްވަނަ ހޯދައި، މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރީ، ރޭ ޕޮލެންޑުގެ ލީގާ ވާސޯއާ ވާދަކޮށް، 1-0 އިން މޮޅުވި ރަޝިއާގެ ސްޕާޓަކް މޮސްކޯ އެވެ. ސްޕާޓަކް މޮސްކޯ އާއި ނަޕޯލީ އަށް ވެސް ލިބިފައި ވަނީ 10 ޕޮއިންޓެވެ. ނަމަވެސް ހެޑް-ޓު-ހެޑް ނަތީޖާއިން ކުރި ލިބުނީ ސްޕާޓަކަށެވެ. ސްޕާޓަކް މޮސްކޯ ވަނީ ގުރޫޕް ސްޓޭޖުގައި ނަޕޯލީއާ ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.

ގުރޫޕު ދެވަނައިގައި ނިންމަން ޖެހުމުން ނަޕޯލީ އަށް މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދޭނީ، 16 ޓީމު ވާދަކުރާ، ޔޫރޮޕާ ލީގު ނޮކައުޓް ބުރުގެ ޕްލޭއޮފް މެޗު ކާމިޔާބު ކޮށްގެންނެވެ. ޔޫރޮޕާ ލީގު ގުރޫޕް ސްޓޭޖުގެ ދެވަނައަށް ދާ ޓީމުތަކާއި، ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖު ތިންވަނައިގައި ނިންމި ޓީމުތައް، ޔޫރޮޕާ ލީގު ނޮކައުޓް ބުރުގެ ޕްލޭއޮފް ކުޅެން ޖެހޭ އިރު، ގަދަ 16 އަށް ދަތުރުކުރާނީ ޕްލޭއޮފުން މޮޅުވާ އަށް ޓީމެވެ.

ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ތިންވަނަ ހޯދި ޓީމުތައް:

އާރުބީ ލައިޕްޒިގް (ޖަރުމަން)، ޕޯޓޯ (ޕޯޗުގަލް)، ބޮރޫޝިއާ ޑޯޓްމަންޑް (ޖަރުމަން)، ޝެރިފް ޓިރާސްޕޯލް (މޯލްޑޯވާ)، ބާސެލޯނާ (ސްޕެއިން)، އެޓަލާންޓާ (އިޓަލީ)، ސެވިއްޔާ (ސްޕެއިން)، ޒެނިތު (ރަޝިއާ)

ލިއޯން އާއި ރޭންޖާސް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ޔޫރޮޕާ ލީގު ގުރޫޕް އޭގެ އެއްވަނަ ހޯދީ ސްކޮޓްލެންޑުގެ ރޭންޖާސްއާ ވާދަކޮށް 1-1 އިން އެއްވަރުކުރި، ފްރާންސްގެ ލިއޯން އެވެ. ރޭންޖާސް އަށް ގުރޫޕުގެ ދެވަނަ ލިބުނުއިރު، ތިންވަނައަށް ދިޔައީ ޗެކް ރިޕަބްލިކުގެ ސްޕާޓާ ޕްރާގެވެ.

ސްޕެއިންގެ ރެއާލް ސޮސިއެޑާޑް ވަނީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގަައި ނެދަލެންޑްސްގެ ޕީއެސްވީ 3-0 އިން ބަލިކޮށް، ގުރޫޕުގެ ދެވަނަ ހޯދައިފަ އެވެ. މި ގުރޫޕުގެ އެއްވަނަ ހޯދީ ފްރާންސްގެ މޮނާކޯ އެވެ.

އިޓަލީގެ ލާޒިއޯ އިން، ގުރޫޕް އީގެ އެއްވަނައިގައި އޮތް ތުރުކީގެ ގަލަޓެސަރާއީއާ ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އަދި ތިންވަނަ ހޯދި ފްރާންސްގެ މާސޭ ވަނީ ފުލުގައި ނިންމި ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯ ބަލިކޮށްފަ އެވެ.

ގުރޫޕް ޖީގައި ހިމެނޭ ސްކޮޓްލެންޑުގެ ސެލްޓިކުގެ ފަހު މެޗުގައި ރޭ ސްޕެއިންގެ ރެއާލް ބެޓިސްއާ ވާދަކޮށް މެޗު ކާމިޔާބު ކުރި ނަމަވެސް އެ ޓީމު ނިންމާލަން ޖެހުނީ ގުރޫޕުގެ ތިންވަނައިގަ އެވެ. ބެޓިސް ގުރޫޕުގެ ދެވަނައިގައި ނިންމި އިރު، އެއްވަނަ ހޯދީ، ރޭ ހަންގޭރީގެ ފެރެންކްވާރޯސް އަތުން ބަލިވި ޖަރުމަންގެ ބެޔާ ލެވެކޫސަން އެވެ.

ގުރޫޕް ސްޓޭޖުގައި އެއް މެޗު ބާކީ އޮއްވައި އިނގިރޭސި ކްލަބް ވެސްޓް ހޭމް ޔުނައިޓެޑް، ވަނީ އެ ޓީމު ހިމެނޭ ގުރޫޕުގެ އެއްވަނަ ޔަގީން ކޮށްފަ އެވެ. ނަމަވެސް ގުރޫޕްގެ ފަހު މެޗުގައި ވެސްޓް ހޭމް ވަނީ ރޭ، ދެވަނައިގައި ނިންމި ކްރޮއޭޝިއާގެ ޑައިނަމޯ ޒަގްރެބް އަތުން 1-0 އިން ބަލިވެފަ އެވެ. ގުރޫޕުގެ ތިންވަނައިގައި ނިންމީ ރޭ ބެލްޖިއަމްގެ ކޭއާރުސީ ގެންކް ބަލިކުރި އޮސްޓްރިއާގެ ރެޕިޑް ވީން އެވެ.

ޔޫރޮޕާ ލީގު ނޮކައުޓް ބުރުގެ ޕްލޭއޮފް ކުޅޭނީ އަންނަ ފެބްރުއަރީ މަހު އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454