ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު މިއަދު ފެށި ފްރެޒިޑެންޓްސް ކަޕުގެ ފުރަތަމަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އިން ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު 5-0 އިން ބަލި ކޮށްފި އެވެ.

ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށީއްސުރެން، ވޭތުވެ ދިޔަ ތިން ސީޒަނުގައި ވެސް ތަޖުރިބާކާރު ގިނަ، މަޝްހޫރު ކުޅުންތެރިންނާ އެކު ފެނުނު ދަ ގްރާންޑޭ ޓީމުގައި މި ސީޒަނުގައި މުޅިންހެން ތިބީ ފުރަތަމަ ޑިވިޝަނާއި ފުޓުބޯޅައަށް އާ މޫނުތަކެއް ކަމަށް އެ ޓީމުގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ވަނީ މި މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަ ކޮށްފަ އެވެ.

ޓީމު ވުޖޫދަށް އައީއްސުރެ ޓީމުގެ ކާމިޔާބީގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިން ކަމަށްވާ އަޔާޒް އަހުމަދު (އަޔާ) އާއި އަހުމަދު ވިޖުދާން (ވިޖުއްކޮ) އަދި ސިޒާން އަހުމަދު (ސިއްޕެ) ވަނީ މިދިޔަ ސީޒަނަށް ފަހު ޓީމު ދޫކޮށްލައިފަ އެވެ. މީގެ އިތުރުން ކީޕަރު އިޔާން އަބްދުލް އަލީމް އާއި ޔަސްފާދު ހަބީބް (މުލަކޭ) އަދި އަހުމަދު ހަސަން (އަންމަޑޭ) ވެސް ވަނީ އެހެން ޓީމުތަކަށް ބަދަލުވެފަ އެވެ.

މި ސީޒަނަށް އުނދަގޫ ހާލަތެއްގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް ގޮވައިގެން ކޯޗު އަލީ ނިޝްތާރު ނުކުންނަން ޖެހުނީ ބެންޗުގައި ތިން ކުޅުންތެރިން ހިމަނައިގެންނެވެ. ނަމަވެސް ގްރީންގެ އަބްދުﷲ ޔާމީން (ޔާނު) ހުރަސް ކޮށްލި ބޯޅައެއް ދިފާއުކުރަން ގްރާންޑޭގެ ޑިފެންޑަރު އަހުމަދު ނައުފަލް ބޮލުން ޖައްސާލި ބޯޅަ ގޯލަށް ވަދެގެން ގްރީން އަށް ވަނީ މެޗުގެ 11 ވަނަ މިނިޓުގައި ލީޑު ލިބިފަ އެވެ.

ފުރަތަމަ ހާފުގައި އެންމެ ގޯލަކުން ގްރީން ކުރީގައި އޮތް ނަމަވެސް ގްރާންޑޭ އިން ވަނީ މި ހާފުގައި ގޯލު ޖަހާނޭ މަދު ފުރުސަތު ތަކެއް ހޯދައިފަ އެވެ. އަދި ގްރާންޑޭގެ ކީޕަރު އިސްމާއިލް ޝިހާމް ވަނީ ގްރީންގެ ޔާމީނާއި ހަސަން ނަޒީމް (ޗޯޓު) އަދި އަންސަރު އިބްރާހިމް (އަންކޮ) ގޯލާ އަމާޒުކޮށް ފޮނުވާލި ހަމަލާތައް ދިފާއު ކޮށްފަ އެވެ.

ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި ގްރީންގެ އަހުމަދު ނާހިލް އިބްރާހީމަށް ވަނީ ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިފަ އެވެ. ނާހިލް ފޮނުވާލި ހަމަލާ ގްރާންޑޭގެ ކީޕަރު ޝިހާމް އަތުގައި ޖެހިފައި ގޯލަށް ވަންނަން ދިޔަ ބޯޅަ ދިފާއު ކުރީ ގްރާންޑޭގެ އިބްރާހިމް ސުނީޒް އެވެ.

ގްރީން ސްޓްރީޓްސްގެ ހުސެއިން އަބްދުﷲ އަތުން ބޯޅަ ހޯދަން ގްރާންޑޭގެ ސުނީޒް މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ގްރީން ސްޓްރީޓްސްގެ ހުސެއިން އަބްދުﷲ އަތުން ބޯޅަ ހޯދަން ގްރާންޑޭގެ ސުނީޒް މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ގްރީންގެ ދެވަނަ ލަނޑު 60 ވަނަ މިނިޓުގައި ޖެހީ އަންކޮ އެވެ. އޭގެ މިނިޓެއް ކުރިން، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި، އަންކޮ ގޯލުގެ ސީދާ މަތީ ކަނަށް ފޮނުވާލި ބާރު ހަމަލާއެއް ކީޕަރު ޝިހާމް ވަނީ މަތަކޮށްފަ އެވެ. އަންކޮގެ ލަނޑަށް ފަހު ގްރީން އިން ގާތް ގާތުގައި ލަނޑުތައް ޖެހިއިރު، 68 ވަނަ މިނިޓުގައި ނާހިލްގެ ޕާހަކުން ގްރީންގެ ތިންވަނަ ލަނޑު ޖެހީ ޔާނު އެވެ. އޭގެ ތިން މިނިޓު ފަހުން ހިލޭޖެހުމަކުން ޔާނު ހުރަސް ކޮށްލި ބޯޅައަކުން ޑިފެންޑަރު މުހައްމަދު ސާއިފް ގްރީންގެ ހަތަރު ވަނަ ލަނޑު ޖެހި އިރު، ފަސްވަނަ ލަނޑު 76 ވަނަ މިނިޓުގައި ޖެހީ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އެވެ.

މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕަކީ ދަ ގްރާންޑޭ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން ބާއްވާ ފުރަތަމަ ގައުމީ ފުޓުބޯޅަ މުބާރާތެވެ. އެންމެ ފަހުން މު މުބާރާތް ބޭއްވީ 2017 ވަނަ އަހަރެވެ. އެ އަހަރުގެ މުބާރާތް ނިއުރޭޑިއަންޓް ކާމިޔާބު ކުރީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކުލަބް ބަލިކޮށްފަ އެވެ.

އެހެން އަހަރުތަކާ ހިލާފަށް ލީގު އުސޫލުން ކުރިޔަށް ގެންދާ މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕް މުބާރާތުގެ ދެވަނަ މެޗުގައި މިރޭ 9 ޖަހާއިރު ވާދަކުރާނީ ކްލަބް ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ އެވެ.