ކުޅިވަރު / ޕްރެޒިޑެންޓްސް ކަޕް

މާޒިޔާ މޮޅުވިޔަސް، ކުޅުމާމެދު މޯހަން ހިތްހަމައެއް ނުޖެހޭ

މާޒިޔާގެ ފުރަތަމަ ލަނޑު ޖެހުމުން އެ ޓީމުގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

20 ޑިސެމްބަރ 2021 - 19:42

ޕްރެޒިޑެންޓް ކަޕްގައި މިއަދު ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 2-0 އިން މާޒިޔާ މޮޅުވިޔަސް، އެޓީމުގެ ކުޅުމާމެދު، ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ހިތްހަމަ ނުޖެހޭކަން ހާމަކޮށްފި އެވެ.

މެޗު ފެށުމުގެ ކުރިން ވަނީ، މިއަދު އަވަހާރަވި، ކުރީގެ ސްޕޯޓްސް މިނިސްޓަރު އުމަރު ޒާހިރުގެ ހަނދާނުގައި ސުކޫތެއް ގެނެސްފަ އެވެ. އަދި ފުރިހަމަނުކޮށް ނިންމާލި މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޝީލްޑް އެފްއޭއެމުން ވަނީ މާޒިޔާއާ ހަވާލުކޮށްފަ އެވެ. މިދިޔަ ސީޒަންގެ ލީގުގެ ދެބުރު ކުޅުނު ފަހުން، ކޮވިޑް-19 އާ ގުޅިގެން ސީޒަން ހުއްޓާލަން ޖެހުމުން، އެފްއޭއެމުން ނިންމީ ލީގުގެ އެންމެ ކުރީގައި އޮތް ޓީމަކީ ލީގުގެ ޗެމްޕިއަން ޓީމު ކަމަށެވެ. ލީގު މެދުކަނޑާލިއިރު އެއްވަނައިގައި އޮތީ މާޒިޔާ އެވެ.

މިދިޔަ ހަފުތާގައި ހޯދި ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާގެ ފަރާތުން ފެނުނު ކުޅުމެއް މިއަދު މެޗުގައި ނުފެނުނެވެ.

"އެންމެ ހިތްހަމަޖެހޭ ދުވަހެއް ނޫން. ކުޅުންތެރިންގެ ފަރާތުން ފެންނަން ޖެހޭ ވަރަށް ވުރެ ތަންކޮޅެއް ދަށްކޮށް ފެނިގެން ދިޔަކަން ފާހަގަ ކުރެވޭ،" މެޗަށް ފަހު ވާހަކަ ދައްކަމުން މޯހަން ބުންޏެވެ.

ޕްރެޒިޑެންޓް ކަޕްގައި މިއަދު ހަވީރު މާޒިޔާގެ ހަމްޒާ މުހައްމަދު (ވ) އަތުން ބޯޅަ ހޯދަން ސަސްގެ މަމްދޫހް (ކ) މަސައްކަތް ކުރަނީ --- ފޮޓޯ: އެފްއޭއެމް

އޭނާ ބުނީ ތިން ޕޮއިންޓް ލިބުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ. އެކަމަކު އޭނާގެ ޓީމުގެ ފަހަތަށް އަމާޒުވާ ބޯޅަތާކާ މެދު ކުޅުންތެރިން އިތުރަށް ފަރުވާތެރި ވާން ޖެހޭ ކަމަށް މޯހަން ބުންޏެވެ.

މެޗުގައި މާޒިޔާގެ ދެ ލަނޑު ވެސް ޖެހީ ޓީމުގެ އެންމެ ފަހަތަށް ކުޅޭ ދެ ޑިފެންޑަރުން ކަމަށްވާ، ސަމޫހް އަލީ (ސަމުއްޓޭ) އާއި އަކުރަމް އަބްދުލް ގަނީ އެވެ. ސަމުއްޓޭ ލަނޑު ޖެހީ މެޗުގެ 28 ވަނަ މިނިޓުގައި ނެގި ކޯނަރަކުން ތަނަވަސްވި ބޯޅައިންނެވެ.

މާޒިޔާގެ ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) ނެގި ކޯނަރު އޭރިއާގެ އަރިމަތީގައި ހުރި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބޮލުން އޭރިއާ ތެރެއަށް ނަގައިދިނުމުން ގޯލް ކުރިމަތީގައި ހުރި ސަމުއްޓޭ ވަނީ އެ ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިފަ އެވެ. މާޒިޔާގެ ދެވަނަ ލަނޑު އަކުރަމް ޖެހީ އިބްރާހިމް އައިސަމް (ޓޯނީ) ނަގައިދިން ކޯނަރު ބޮލުން ޖަހަ އެވެ.

މެޗާ މެދު ހިތްހަމަނުޖެހޭ ސަބަބެއް ކަމަށް މޯހަން ބުނީ އޯޕަން ޕްލޭގައި އުފެއްދުނު ފުރުސަތުތައް ބޭނުން ނުކުރެވުމާއި ކޮމްބިނޭޝަން ޕްލޭގައި އެންމެ ރަނގަޅު ކުޅުން ފެނިގެން ނުދިއުމެވެވެ. އޭގެ އިތުރަށް އޭނާ ބުނީ ކުޅުންތެރިންގެ އެޓިޓިޔުޑް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

ޕްރެޒިޑެންޓް ކަޕްގައި މިއަދު ހަވީރު މާޒިޔާ އާއި ސަސް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

"މެޗު މާފަސޭހަ ކޮށްލެވޭ ކަންތައް މައްސަލައަކީ. އިދިކޮޅު ޓީމަށް ބަލާލާފައި ފަސޭހަކޮށްލެވޭ ކަންތައް މައްސަލައަކީ. މީޑިއާތަކުގައި މިދެކެވޭ ވާހަކަޔާ އަނެއް ޓީމު ތައްޔާރުނުވާ ވާހަކަތައް އައީމަ ކުޅުންތެރިން ވެސް ކިޔާނެ އެހުރިހާ އެއްޗެއް. އެވާހަކަތައް ކީމަ މާބޮޑަށް ރިލެކްސް ކޮށްލެވެނީ ހަމަ. އެކަން ރަނގަޅު ކުރުމަށް ކުޅުންތެރިންގެ އެޓިޓިޔުޑް ބަދަލުކުރަން ޖެހޭނީ. މޯޓިވޭޓް ވުން. މެޗަށް ރަނގަޅަށް ތައްޔާރުވުން ވަރަށް މުހިންމު."

މެޗުގައި ސަސް އަށް ވެސް ބައެއް ފުރުސަތުތައް ލިބުނެވެ. ފުރަތަމަ ހާފުގައި އެ ޓީމުގެ އިބްރާހިމް އަތީގް ހަސަން އަށާއި ދެވަނަ ހާފުގައި ޔަޝްފާދު ހަބީބު (މުލަކޭ) އަށް ވެސް ފުރުސަތުތައް ލިބުނެވެ.

ސަސްގެ ކޯޗް އިސްމާއީލް މަހްފޫޒު (އިންމަ) ބުނީ ޓީމު މެޗަށް ތައްޔާރުުވި ގޮތާއި ސީޒަންގެ ފުރަތަމަ މެޗާ އަޅާބާލައިރު ކުޅުންތެރިން ކުރި މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އޭނާ ބުނީ މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާއެކު ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ކުޅުމެއް ފެނިގެން ދާނެކަމުގެ އުންމީދު ލިބިއްޖެ ކަމަށެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ، ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454