ޖޮޓާ އަށް ކުރި ފައުލަށް ޒާކާ އަށް ރަތް ކާޑު ދެއްކުމަށް ފަހު ރެފްރީ މައިކަލް އޮލިވާ އޭނާ ކޮޅަށް ތެދުވަން އެހީވަނީ.-- ފޮޓޯ: އޭއެފްޕީ
14 ޖެނުއަރީ 2022 - 14:13
ލިވަޕޫލް (ޖެނުއަރީ 14) - އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލުގައި އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު އާސެނަލް އިން އެންފީލްޑުގައި ލިވަޕޫލް މޮޅުވިޔަނުދީ ހިފަހައްޓައިފި އެވެ.
ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ މި ދެ ޓީމު ވާދަކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރު ވެގެންނެވެ. އާސެނަލްގެ ކުޅުންތެރިޔަކު މަދުވީ މެޗުގެ 24 ވަނަ މިނިޓުގައި އެޓީމުގެ ގްރޭނިޓް ޒާކާ އަށް ރެފްރީ ރަތްކާޑު ދެއްކުމުންނެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ލިވަޕޫލްގެ އެންޑީ ރޮބާޓްސަން މަތިން ހުސްކޮށްލާފައި ދިން ބޯޅައެއް އާސެނަލްގެ ޕެނަލްޓީ އޭރިއާ ކައިރިންް ޑިއޯގޯ ޖޮޓާ ހޯދަން އުޅުމުގެ ތެރޭގައި އޭނާއަށް ފައުލް ކުރުމުންނެވެ.
އާސެނަލް އަށް ލިބުނު އެންމެ ހުސް ފުރުސަތުގައި ސަކާ ގޯޅަ ގޯލަށް ފޮނުވާލެވޭތޯ މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ލިވަޕޫލުން މުޅި މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު ނަމަވެސް އާސެނަލް އިން ވަނީ ލިވަޕޫލްގެ އެޓޭކްތައް ހުއްޓުވަން މޮޅަށް ކުޅެފަ އެވެ. ގޯލާ އަމާޒުކޮށް މި މެޗުގައި ފުރަތަމަ ހަމަލާ ފޮނުވާލީ އާސެނަލް އެވެ. މެޗުގެ 71 ވަނަ މިނިޓުގައި ކީރެން ޓިއޭނީ އޭރިއާތެރޭ ހުސްކޮށް ހުރި ބުޔާކޯ ސަކާ އަށް ލިބުނު ނަމަވެސް އޭނާއަށް މާ ރަނގަޅަށް ފޮނުވައެއް ނުލެވުނެވެ.
ލިވަޕޫލުން 17 ހަމަލާ ފޮނުވާލި އިރު ގޯލާ އަމާޒުވީ އެންމެ ހަމަލާއެކެވެ. އެޓީމަށް ގޯލު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ޓަކޫމީ މިނަމީނޯ އަށެވެ. ނަމަވެސް ގޯލު ކުރިމަތީ ހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލު މަތިން ބޭރަށެވެ.
މިނަމީނޯ އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ބޯޅަ ކުރިޔަށް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
ސެމީ ފައިނަލުގެ ފުރަތަމަ ލެގު އެންމެ ފުރަތަމަ ކުޅެން އޮތީ މިދިޔަ ހަފްތާގަ އެވެ. ނަމަވެސް ދެ ލެގު ފަސް ކުރަން ޖެހުނީ މިދިޔަ ހަފްތާގައި އެޓީމުގައި ކޮވިޑު-19 ގެ ޕޮޒިޓިވް ކޭސްތައް ގިނަވުމާ ގުޅިގެންނެވެ.
މެޗަށް ފަހު އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ވަނީ ކުޅުންތެރިޔަކު މަދުކޮށް ކުޅެ ވެސް އެޓީމުގެ ދެއްކި ކުޅުމަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ އާސެނަލްގެ ދަނޑުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ ދެވަނަ ލެގުގެ މެޗުގައި އަމިއްލަ ސަޕޯޓަރުންގެ އެހީއާ އެކު ކާމިޔާބު ހޯދޭނެކަމަށް އުންމީދު ކުރާކަމަށެވެ.
އާސެނަލްގެ ދަނޑުގައި ކުޅޭ ސެމީ ފައިނަލުގެ ދެވަނަ ލެގު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ. އެ މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ވާދަކުރާނީ ޗެލްސީއާ އެވެ. ޗެލްސީ ވަނީ ސެމީ ފައިނަލުގައި 3-0 ގެ އެގްރިގޭޓް ސްކޯ އަކުން ޓޮޓެންހަމް ބަލިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy