ބާސެލޯނާ (ޖެނުއަރީ 20) - މުސާރަ ކުޑަކޮށް ކޮންޓްރެކްޓް އާކުރަން ދެކޮޅު ހެދުމުން ބާސެލޯނާގެ ފޯވާޑް އުސްމާން ޑެމްބެލޭ މި މަސް ނިމުމުގެ ކުރިން ވިއްކާލާނެ ކަމަށް އެ ކުލަބުން އޭނާއަށް އަންގައިފި އެވެ.

"ޑެމްބެލޭ ބާސެލޯނާއާ އެކު ކުރިޔަށް ދާން ބޭނުން ނުވާކަން މިހާރު ވަރަށް ސާފު. އޭނާ ބޭނުމެއް ނުވޭ އަހަރެމެންގެ ޕްރޮޖެކްޓުގެ ހިއްސާއަކަށް ވާކަށް،" ބާސެލޯނާގެ ޑިރެކްޓަރު މަޓެއު އަލެމަނީ ބުންޏެވެ.

"އަހަރެމެން އަންގާފައި ވާނީ ޑެމްބެލޭ އަށް ވީހާވެސް އަވަހަށް ޓީމު ދޫކޮށް ދާން. މި ބަލަނީ ޖެނުއަރީ 31 ގެ ކުރިން ވިއްކާލަން."

އުމުރުން 24 އަހަރުގެ ފްރާންސް ވިންގާ އަށް ވަނީ މިހާރުގެ މުސާރައަށް ވުރެ ކުޑަ މުސާރައަކާ އެކު އާ ކޮންޓްރެކްޓެއް ހުށަހަޅައިފަ އެވެ. ނަމަވެސް އޭނާ ވަނީ ކޮންޓްރެކްޓް އާކުރަން ދެކޮޅު ހަދައިފަ އެވެ. މި މައްސަލައާ އެކު ބާސެލޯނާގެ ކޯޗު ޒަވީ ވަނީ ކޮޕަ ޑެލްރޭގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ބާސެލޯނާ މިރޭ ކުޅޭ މެޗަށް އޭނާ ނުނަގަން ނިންމައިފަ އެވެ.

ޓީމުގެ ޑިރެކްޓަރު އަލެމަނީ ބުނީ، ޑެމްބެލޭ އާއި އޭނާގެ އެޖެންޓުންނާ އެކު މިދިޔަ ޖުލައި މަހުން ފެށިގެން އެކި ގޮތްގޮތުން އޭނާ ޓީމުގައި ބަހައްޓަން މަސައްކަތް ކުރެވިއްޖެ ކަމަށެވެ. އަދި މިހާތަނަށް ހުށަހެޅި އެއްވެސް ހުށަހެޅުމަކަށް އޭނާގެ އެޖެންޓުންނާ އެކު އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޑެމްބެލޭގެ ކޮންޓްރެކްޓް އާ ނުކޮށްފި ނަމަ މި ސީޒަން ނިމުމުން އޭނާއަށް ހިލޭ ޓްރާންސްފާއެއްގެ ދަށުން ޓީމު ބަދަލު ކުރެވޭނެ އެވެ. ރެކޯޑް އަގަކަށް ފްރާންސްގެ ޕީއެސްޖީއަށް ނޭމާ ވިއްކާލައި، ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑުން 2017 ވަނަ އަހަރު ބާސާ އިން ޑެމްބެލޭ ގަތީ 145 މިލިއަން ޔޫރޯ އަށެވެ. ނަމަވެސް 2018 ވަނަ އަހަރު ފްރާންސްއާ އެކު ވޯލްޑް ކަޕް ވެސް ކާމިޔާބުކުރި ކުޅުންތެރިޔާ އަށް އިންޖަރީގެ މައްސަލަތަކާ ހުރެ ސްޕެއިންގައި އޭނާއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.

މި ސީޒަނުގައި ޖުމްލަ 11 މެޗުގައި ކުޅެފައިވާ ޑެމްބެލޭ މިހާތަނަށް ލީގުގައި ކުޅެފައި ވަނީ ހަ މެޗުގަ އެވެ. އެންމެ ގޯލެއް ޖަހައިފައިވާއިރު އެ ގޯލު ޖެހީ ކޮޕަ ޑެލް ރޭގައި ތިންވަނަ ޑިވިޝަނުގެ ލިނަރެސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިނގިރޭސި ކުލަބް މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް އަދި ނިއުކާސަލް ޔުނައިޓެޑުން ވެސް އަންނަނީ ޑެމްބެލޭ ހޯދަން މަސައްކަތް ކުރަމުންނެވެ.

ބާސާ އިން އޭނާ ވިއްކާލާނެކަން އެންގުމާ އެކު ޑެމްބެލޭ މިރޭ ވަނީ އޭނާގެ ކޮންޓްރެކްޓްއާ ގުޅޭ މަޝްވަރާތައް އެޖެންޓާ އެކު ކުރިޔަށްދާ ކަމަށާއި، ކޮންޓްރެކްޓް ހަމަނުވާހާ ހިނދަކު އޭނާ ހުންނާނީ އަބަދުވެސް ޓީމާ އެކު ކަމަށް އޭނާގެ ސޯޝަލްމީޑިއާގައި އާއްމުކުރި ބަޔާނެއްގައި ބުނެފަ އެވެ.

"ޓީމުގެ ޕްރޮޖެކްޓުން އަހަރެން ބޭރުވީއޭ ނުވިސްނާތި. އަހަރެން ނުގެންގުޅޭ ވިސްނުންތަކުގެ ވާހަކަ ނުދެއްކުން އެދެން. ކޮންޓްރެކްޓް އަދި އެބަ އޮތް. އަހަރެން މިހުރީ ޓީމަށް ކުޅެން،" ޑެމްބެލޭގެ ޕޯސްޓުގައިވެ އެވެ.

"ކޮންޓްރެކްޓުގެ ކަންކަމާ އެޖެންޓް މަސައްކަތް ކުރަމުން ދަނީ. އަހަރެންގެ ފޯކަސް ބަހައްޓަނީ ފުޓުބޯޅަ އަށް."