މިއީ ސްޕެއިންގެ އެންމެ ބޮޑު ކުޅިވަރު ނޫސް "މާކާ" ގައި ލިޔެފައިވާ ސުރުހީއެކެވެ.
ބާސާއިން މި ސީޒަނުގައި ދައްކާ ތަފާތު ކުޅުމަށް އިޝާރާތްކޮށް، މެޑްރިޑްގައި މައި އޮފީސް ހުންނަ މާކާގެ އެނަލިސިސްގައި ބުނެފައި ވަނީ "ބާސާގެ ފެންވަރަށް ވުރެ، "ލަލީގާ މާ ކުޑަ" ކަމަށެވެ.
އެތުލެޓިކޯ މެޑްރިޑުން ހޫލިއަން އަލްވަރޭޒް، ބާސާ އަށް ވިއްކާލަން ކަނޑައެޅިގެން ދެކޮޅު ހެދި އެވެ. އެއީ ނަންބަރު ނުވައެއްގެ މަގާމަށް ނުވަތަ ސެންޓްރަލް ސްޓްރައިކަރުގެ މަގާމަށް ބާސާއިން އެންމެ ގެންނަން ބޭނުންވި ކުޅުންތެރިޔާ އެވެ. އެކަމަކު އޭނާ ނުލިބުނަކަސް، ބާސާގެ ކުޅުމާއި ލަނޑު ޖެހުން ދަށެއް ނުވި އެވެ.
ލީގުގެ ފުރަތަމަ ހަތަރު މެޗުން 17 ލަނޑު ޖަހައިފި އެވެ. ރޭ ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗުގައި 5-0 މޮޅުވި ނަތީޖާއަކީ، ހެންސީ ޑިއެޓާ ފްލިކްގެ ޓީމުން، ލީގުގައި ފަސް ލަނޑު ޖަހައިގެން މޮޅުވި ތިންވަނަ މެޗެވެ.
މާލީ ގޮތުން ކްލަބް، އަދިވެސް އޮތީ ބޮޑު އަޑިގެނޑެއްގަ އެވެ. ނަމަވެސް މިދިޔަ ދެ ސީޒަނުގައި ވެސް ލަލީގާގެ ޗެމްޕިއަންކަން އެ ޓީމުން ހޯދި އެވެ. މާކާގެ ލިޔުންތެރިޔާ ފެނާންޑޯ ކާރްނެރޭރޯ ލިޔެފައިވާ ގޮތުގައި ބާސާގެ އެންމެ ބޮޑު އަމާޒަކީ ޗެމްޕިއަންސް ލީގެވެ. އެ މުބާރާތުގެ ތަށި، އެ ކްލަބުން އެންމެ ފަހުން ހޯދީ 11 އަހަރު ކުރިންނެވެ.
ވާދަވެރި ރެއާލް މެޑްރިޑަށް ބަދަލުވާން، ވާހަކަތައް ކުރިއަށް ގެންދިއުމަށް ފަހު، ސްޕެއިންގެ ކެޕްޓަން ރޮޑްރީ ހެންނާޑޭޒް ފަހު ވަގުތު އިހްތިޔާރު ކުރީ ބާސާ އެވެ.
ވެލެންސިއާގެ މަސްޓެޔާ ސްޓޭޑިއަމްގައި ކުޅުނު މެޗަކީ ބާސާގެ ޓީމުގައި ފުރަތަމަ 11 ގައި ހިމެނިގެން އޭނާ ކުޅުނު ފުރަތަމަ މެޗެވެ. މިޑްފީލްޑްގައި އޭނާގެ ޕެއާއަކީ ގައުމީ ޓީމުގައި ވެސް މިޑްފީލްޑަގައި ހިއްސާވާ ޕެޑްރީ އެވެ.
ފްލިކްގެ އެޓޭކިން ގޭމް ހުއްޓުވަން ވެލެންސިއާއިން ނުކުތީ ފަސް ޑިފެންޑަރުންގެ ފޯމޭޝަނަށް ޓީމު އަތުރާލައިގެންނެވެ. އަދި ޑިފެންސްގެ ކުރިމަތިން ހަތަރު މިޑްފީލްޑަރުންނާއި އެއް ފޯވާޑެވެ. އެކަމަކު ބާސާގެ ގޭމަށް ލޮޅުން އަރުވާލެވޭ ގޮތެއް ނުވި އެވެ.
ލަމީން ޔަމާލް ޖެހި ދެ ގޯލާއި ފޯމިން ލޯޕޭޒާއި ކެޕްޓަން ރަފީނިއާ އަދި ޕެޑްރީގެ ލަނޑުތަކުން ބާސާއިން، ފަސޭހަ ކަމާ އެކު މެޗު ކާމިޔާބު ކުރި އެވެ.
އެ ޓީމު އެއްވަނައިގައި އޮތީ، ދެވަނައިގައި އޮތް ޑެޕޯޓީވޯ އަލަވޭސް މައްޗަށް ދެ ޕޮއިންޓްގެ ލީޑާކާ އެކު އެވެ. ފުރަތަމަ ހަތަރު މެޗު ނިމުނު އިރު، ވާދަވެރި ރެއާލް އޮތީ ބާސާ އަށް ވުރެ ތިން ޕޮއިންޓް ފަހަތުން ތާވަލުގެ ތިންވަނައިގަ އެވެ.