މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ބާސެލޯނާއިން 5-0 ގެ ބޮޑު ނަތީޖާއަކުން އެލްޗޭ ބަލިކޮށް، އާ ސީޒަން ވަރުގަދަކޮށް ފަށައިފި އެވެ. 

މި ސީޒަނާ ބާސާއިން ކުރިމަތިލީ، ސެންޓްރަލް ސްޓައިކަރެއް ނެތި އެވެ. މިދިޔަ ހަތަރު އަހަރު އެ ޓީމުގެ ސްޓައިކަރުގެ މަގާމު އަދަކުރި ރޮބަޓް ލެވަންޑޯސްކީ، ވަނީ އެމެރިކާގެ ލީގަށް ބަދަލުވެފަ އެވެ. 

ސްޓްރައިކަރެއް ހޯދަން ބާސާއިން ކުރަމުންދާ މަސައްކަތުގައި އެ ޓީމުން އެންމެ ފުރަތަމަ މަސައްކަތް ކުރީ ވާދަވެރި އެތުލެޓިކޯ މެޑްރިޑްގެ ހޫލިއަން އަލްވަރޭޒް ގެންދިއުމަށެވެ. އެކަމަކު އޭނާ ދޫކޮށްލާކަށް އެތުލެޓިކޯ މެޑްރިޑުން ބޭނުމެއް ނުވެ އެވެ. ރޭ އެތުލެޓިކޯއިން ވިޔަރެއާލާ ދެކޮޅަށް ކުޅުނު މެޗުގައި އަލްވަރޭޒް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ބާސާގެ މިހާރުގެ ޓާގެޓަކީ އާޖެންޓީނާގެ އަނެއް ސްޓްރައިކަރެއް ލައުޓާރޯ މާޓިނޭޒެވެ. އެކަމަކު އިންޓައާ އެކު ކުރިއަށްގެންދާ ވާހަކަތަކުގެ ފަހުގެ މައުލޫމާތެއް ތިލަވެފައެއް ނުވެ އެވެ. 

ބާސާގެ އާ ކެޕްޓަން، ރަފީނިއާ، ރޭގެ މެޗުގައި އޭނާ ވަނީ ދެ ލަނޑު ޖަހާފައި --- ފޮޓޯ: އޭއެފްޕީ
ބާސާގެ އާ ކެޕްޓަން، ރަފީނިއާ، ރޭގެ މެޗުގައި އޭނާ ވަނީ ދެ ލަނޑު ޖަހާފައި --- ފޮޓޯ: އޭއެފްޕީ

މި ސީޒަނުގައި ވެސް ބާސާގެ ފުރަތަމަ ލަނޑު ޖެހީ ރަފީނިއާ އެވެ. ބާސާގެ އާ ކެޕްޓަން ލަނޑު ޖެހީ މެޗުގެ 14 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. 

އެލްޗޭގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބާސާއަށް ބޯޅަ ކޮންޓްރޯލް ކުރެވުނު ނިސަބަތް މަދެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ފުޅާކުރި އެވެ. ރަފީނިއާއާ އެކު ހިއްސާވެ ގުޅިގެން ބޯޅަ ބަހާލައިގެން ރީތިކޮށް ކުޅުނު ޕްލޭގައި ގޯލް ޖަހައި ދިނީ ކަރީމް އަޑެޔެމީ އެވެ،

އެއީ ލީގުގައި ބާސާގެ ޖޯޒީގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ. 

ދެވަނަ ހާފުގައި ބާސާއިން ލީޑް އިތުރަށް ފުޅާކުރި އެވެ. ރަފީނިއާ ދެވަނަ ގޯލް ޖަހައިދނެވެ. ފާމިން ލޮޕޭޒް ވެސް ވަނީ ދެ ގޯލް ޖެހި އެވެ.

އަލަށް ސޮއި ކުރުވި އިނގިރޭސި ފޯވާޑް އެންތަނީ ގޯޑަން ވެސް ބާސާ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުގައި ދެ އެސިސްޓްކޮށްދިނެވެ.

ކަޓަލާންގެ ނޫސްތަކުން ބުނާގޮތުގައި ސްޓައިޖަރެއް ނެތަސް ބާސާގައި މިހާރު އޮތް ސްކޮޑާ މެދު ފްލިކް ހިތްހަމަޖެހެ އެވެ. 

މެޗުގައި ދެ ލަނޑު ޖެހި ފާމިން ލޯޕޭޒް --- ފޮޓޯ: އޭއެފްޕީ
މެޗުގައި ދެ ލަނޑު ޖެހި ފާމިން ލޯޕޭޒް --- ފޮޓޯ: އޭއެފްޕީ

އޭނާ މިފަހަރު ހުރީ "ލުއި ފަސޭހަ" އެޓޭކިން ސްޓައިލަކަށް ކުޅެން ތައްޔާރަށެވެ. އަދި ބޯޅަ ދިފާއުކުރަން ފަހަތަށް ފައިބައި، އެ ސްޓައިލްގައި ކުޅޭ  ފޯވަޑުންނާ އެކު ބާސާގެ ގޭމް ބައްޓަންކުރަން އޭނާ އިސްކަންދޭ ކަމަށް ކެޓަލޯނިއާގެ ނޫސްތަކުން ބުންޏެވެ.

މިއީ ޕީއެސްޖީން އެންމެ ފަހުގެ ދެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ބޭނުންކުރި ފޯމިއުލާއާ ދާދި އެއްގޮތް ގޭމް ސްޓައިލެކެވެ.

ސީޒަނުގެ ފުރަތަމަ މެޗުގައި ބާސެލޯނާގެ އެޓޭކިން ގޭމްގައި އެއްވެސް ދޯހަޅިކަމެއް ނުފެނުނެވެ.

ލަމީން ޔަމާލްގެ ބަދަލުގައި ގޯޑަން ކުޅެން އެރުމުން ސްޓްރައިކަރެއްގެ ގޮތުގައި ކުޅުނީ އޭނާ އެވެ. ރަފީނިއާ ކުޅުނީ ކަނާތު ވިންގަށެވެ. ގޯޑަން ކުޅެންނުކުމެ ރަފީނިއާގެ ދެވަނަ ލަނޑަށް އެހީތެރިވެދީ ޕާސް ފޯރުކޮށް ދިނެވެ.

ޔަމާލް އާއި ގޯޑަން އަދި ރަފީނިއާ، ތިން ކުޅުންތެރިން އެއް ފަހަރާ ފުރަތަމަ 11 ގައި ކުޅުވައިފިނަ، ސެންޓްރަލް ސްޓްރައިކަރެއްގެ ރޯލް ދޭނީ ގޯޑަން ކަމަށްވުން ގާތެވެ. ރަފީނިއާ އާއި ޔަމާލް ކުޅޭނީ ދެފަރާތު ވިންގަށް ކަމަށް ބެލެވެ އެވެ.