ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް، ވިދިވިދިގެން ދެވަނަ ފަހަރަށް ލަ ލީގާގެ ޗެމްޕިއަންކަން ބާސެލޯނާއިން ހޯދައިފި އެވެ.
ކޭމްޕް ނޯ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ "އެލް ކްލަސިކޯ" މެޗު ރެއާލްގެ މައްޗަށް ބާސާއިން ކާމިޔާބު ހޯދީ 2-0 އިންނެވެ.
އެ ޓީމުން ވަނީ ތާވަލުގެ ކުރީގައި 14 ޕޮއިންޓުގެ ލީޑެއް ނަގާފަ އެވެ. ލީގު ނިމެން ތިން މެޗު އޮއްވައި ބާސާ އިން އެ ވަނީ ތަށި ކަށަވަރުކޮށްފަ އެވެ.
މެޗުގައި ބާސާގެ ލަނޑުތައް ޖެހީ މޯކޮސް ރަޝްފޯޑާއި ފެރާން ޓޯރޭޒެވެ.
ހަންސީ ފްލިކް: ޓީމުގެ ބަދަލުވުމުގެ ސިއްރު
މެއި 2024 ބާސާގެ ލެޖެންޑް ޒަވީ ހެނާންޑޭޒްގެ ބަދަލުގައި ކޯޗުކަމާ ހަވާލުވި ހަންސީ ފްލިކް ގެނައި އެންމެ ބޮޑު ބަދަލަކީ، ތަޖުރިބާކާރުން ބުނާގޮތުގައި ޓީމުގެ ބަލިފައިތައް ދެނެގަނެ، ވަރުގަދަ އޮނިގަނޑެއް ގާއިމުކޮށްފަ އެވެ.
ސްޕެއިންގެ ފުޓްބޯޅައާ ބާސާއާ އަށް ހާއްސަކޮށް ދި އެތުލެޓިކް ނޫހުގައި ލިޔާ ދެ ލިޔުންތެރިން ކަމަށްވާ ލައިއާ ސާވެޔޯ އެރޭރޯ އަދި ޕޯލް ބަޔޫސް އެކުގައި ލިޔުނު އެނަލިސިސް ރިޕޯޓްގައި ބުނެފައި ވަނީ ގަވީ ފަދަ ކުޅުންތެރިން ފްލިކް ސިފަކުރަނީ "ބައްޕައެއް" ގެ ގޮތުގަ ކަމަށެވެ.
ފްލިކް ގެންގުޅޭ ޓެކްޓިކަލް ގޭމުގައި އެގްރެސިވް ޕްރެސިން އާއި ހައި ޑިފެންސިވް ލައިނަކީ ބާސާގެ ކުޅުން ވަރުގަދަވި މައިގަނޑު ސަބަބުކަމަށް އެ ލިޔުންތެރިން ލިޔެފައިވެ އެވެ.
ލަމީން ޔަމާލް: ހުއްޓުވުމެއް ނެތް
މި ސީޒަނަކީ 18 އަހަރުގެ ލަމީން ޔަމާލްގެ ސީޒަނެވެ. އޭނާ ވަނީ ލަ ލީގާގެ 28 މެޗުން 27 ގޯލުގައި ބައިވެރިވެފަ އެވެ. އެއީ އޭނާ ޖެހި 16 ގޯލާއި އިތުރު 11 ޖެހުމަށް އެހީ ވެފަ އެވެ. ރަފީނިއާ އާއި ރޮބަޓް ލެވަންޑޯސްކީ އަށް އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހުނު އިރު، ބާސާ ގެ އެޓޭކް ކުރިއަށް ގެންދިޔައީ ޔަމާލެވެ. އަނިޔާގެ ސަބަބުން ސީޒަނުގެ ފަހުބައި ގެއްލުނު ނަމަވެސް، އޭނާ ދެއްކި ކުޅުމަކީ ބާސާ ޗެމްޕިއަންކަމަށް ގެންގޮސްދިން މައިގަނޑު ސަބަބެވެ.
ޓީމުގެ މާލީ ހާލަތުގައި ބާގަނޑު ބައްދައި ދިނީ ކްލަބްގެ އެކަޑަމީ
ބާސާ ގެ މާލީ ހާލަތު ދަށްވެފައިވާ ދަނޑިވަޅެއްގައި، އެ ކްލަބްގެ އެކަޑަމީ ނުވަތަ ލަ މާސިއާގެ ދައުރު މި ސީޒަނުގައި ވަރަށް ބޮޑެވެ. މާކް ބާނަލް، ޕައު ކުބްރާސީ، އަދި ފާމިން ލޮޕޭޒް ފަދަ ޒުވާން ކުޅުންތެރިން ވަނީ ފްލިކްގެ އިތުބާރު ހޯދާފަ އެވެ.
ސީޒަނުގެ މެޗެއްގައި އެކަޑަމީގެ 11 ކުޅުންތެރިންނާ އެކު މެޗު ފެށުމުގެ ހުވަފެން ވެސް ދެކޭކަމަށް ފްލިކް ބުނެފައި ވެއެވެ.
ޔޮއާން ގާސިއާ: ގޯލްކީޕަރުގެ ތަފާތު
އެސްޕަންޔޯލުން ގެނައި ޔޮއާން ގާސިއާ އަކީ މި ސީޒަނުގައި ބާސާއިން ހެދި އެންމެ ރަނގަޅު ޑީލެވެ. އޭނާ ވަނީ ލީގުގައި އެންމެ މަދު ގޯލު ވަން ކީޕަރަށް ދޭ "ޒަމޯރާ ޓްރޮފީ" އަށް ވާދަކޮށްފަ އެވެ. ޓީމުގެ ޑިފެންސިވް ލައިން މަތީގައި އޮތް ނަމަވެސް، ގާސިއާގެ ހުށިޔާރުކަމުން ބާސާ އިން ވަނީ ގިނަ މެޗުތަކެއްގައި ގޯލެއް ނުވަދެ ސަލާމަތްވެފަ އެވެ.
ކުރިމަގަށް އޮތް އުންމީދު
މި ކާމިޔާބީއާ އެކު ބާސާއިން ދަނީ އަންނަ ސީޒަނަށް ވަރުގަދައަށް ތައްޔާރުވަމުން އެވެ. ފްލިކްގެ އަމާޒަކީ 2015 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ. އެ ޓާގެޓް ހާސިލު ކުރަން އަންނަ ސީޒަނަށް ގެންނާނެ ކުޅުންތެރިންގެ ލިސްޓެއް ފްލިކް ވަނީ ބާސާގެ އެގްޒެކެޓިވް ބޯޑާ ހަވާލުކޮށްފަ އެވެ.
ފްލިކް ބޭނުންވާ އެންމެ މުހިންމު ކުޅުންތެރިންނަކީ އެތުލެޓިކޯ މެޑްރިޑްގެ ހޫލިއަން އަލްވަރޭޒް އާއި އިންޓަގެ އަލްސެންޑްރޯ ބަސްޓޯނީ އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރި ރަޝްފޯޑްގެ ލޯނު އެއްބަސްވުން ބާސާގައި މި ސީޒަނުގެ ނިޔަލަށް ހަމަވާޏެ އެވެ. އޭނާ ކްލަބުގައި ބެހެއްޓުމާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.