ކުޅިވަރު / މެންޗެސްޓާ ޔުނައިޓެޑް

އެފްއޭ ކަޕްގައި ޕެނަލްޓީން ބަލިވެ، ޔުނައިޓެޑް ކަޓައިފި

ޕެނަލްޓީ ނާކާމިޔާބު ވުމުން ދަނޑުން ފައިބަމުން ރޮނާލްޑޯ އެލަންގާ ހަމަޔަކަށް އަޅުވަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (ޖެނުއަރީ 5) - އިނގިރޭސި އެފްއޭ ކަޕް ހަތަރުވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، މުބާރާތުގެ ފަސްވަނަ ބުރުން މިޑްލްސްބަރާ ޖާގަ ހޯދައިފި އެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ވެސް ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި މިޑްލްސްބަރާ ކުރި ހޯދީ 8-7 އިންނެވެ. މިއީ އިނގިރޭސި ދެވަނަ ޑިވިޝަނުގައި ކުޅޭ މިޑްލްސްބަރާ އެފްއޭކަޕްގައި ޕްރިމިއާ ލީގު ޓީމުތަކާ ދެކޮޅަށް ކުޅެ މޮޅުވި ދެވަނަ ފަހަރެވެ.

އެ ޓީމުން ކުރިން ވަނީ 2015 ވަނަ އަހަރުގެ އެފްއޭ ކަޕް ހަތަރުވަނަ ބުރުން މެންޗެސްޓާ ސިޓީ ކަޓުވާލައިފަ އެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހައި، ކުރި ހޯދީ ވެސް މެންޗެސްޓާ ޔުނައިޓެޑުންނެވެ. ބްރޫނޯ ފެނާންޑޭޒް ދިން ބޯޅައަކުން 25 ވަނަ މިނިޓުގައި މި ލަނޑު ޖަހައި ދިނީ ޖޭޑަން ސަންޗޯ އެވެ. އެ ލަނޑު ޖެހިތާ ފަސް މިނިޓް ފަހުން ޔުނައިޓެޑަށް ވަނީ ޕެނަލްޓީއެއް ލިބި ނާކާމިޔާބުވެފަ އެވެ. ނަމަވެސް މިޑްލްސްބަރާގެ ޑިފެންޑަރު އެންފާނީ ޑައިކްސްޓީލް ޔުނައިޓެޑުގެ ޕައުލް ޕޮގްބާ އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވައިލުމުން ދިޔައީ ގޯލް ކައިރިން ބޭރަށެވެ.

ސަންޗޯ (25)، ޔުނައިޓެޑަށް ލީޑު ނަގައިދިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފިޓޯ: އޭއެފީ

މިޑްލްސްބަރާ އިން އެއްވަރު ކުރީ 64 ވަނަ މިނިޓުގައި ޑަންކަން ވަޓްމޯ ދިން ބޯޅައަކުން މެޓް ކްރުކްސް އެވެ. މި ލަނޑު ޖެހިއިރު، އޭއިރާގެ ތެރޭ ހުރި ވަޓްމޯ އަށް އިސަޔާ ޖޯންސް ބޯޅަ ދިން ވަގުތު ވަޓްމޯގެ އަތުގައި ބޯޅަ ޖެހުމުން ޔުނައިޓެޑުން ޝަކުވާ ކުރިޔަސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ ގޯލެއް ކަމަށެވެ.

މި ސީޒަން ފެށުމުގެ ކުރިން އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑުން ހޭންޑްބޯލް ވާ ގަވާއިދު މުރާޖައާ ކުރުމަށް ފަހު ނިންމާފައި ވަނީ، އެކްސިޑެންޓަލް ހޭންޑްބޯލް އަށް (ގަސްދުގައި ނޫން ގޮތަކަށް ބޯޅަ އަތުގައި ޖެހިގެން) އަދަބު ލިބޭނީ އަތުގައި ބޯޅަ ޖެހުނު ކުޅުންތެރިޔާ ގޯލު ޖެހި ނަމަ ކަމަށެވެ. ވަޓްމޯ ބޯޅަ ކޮންޓްރޯލް ކުރަން އުޅެނިކޮށް އަތުގައި ޖެހުމާ އެކު އޭނާ ވަނީ އެ ބޯޅަ އަށް އެރި ޔުނައިޓެޑުގެ ކީޕަރު ޑީން ހެންޑަސަން ބޯ މަތިން ގޯލުގެ އަނެއް ފަރާތުގައި ހުރި ކްރުކްސް އަށް ބޯޅަ ދީފަ އެވެ.

މިޑްލްސްބަރާއިން ގޯލު ޖަހަން ތަނަވަސްކުރި ބޯޅަ ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ވަޓްމޯގެ އަތުގައި ބޯޅަ ޖެހެނީ.

ޔުނައިޓެޑުން ގިނަ ހަމަލާތަކެއް އުފެއްދި މި މެޗުގައި އެ ޓީމަށް އަލުން ލީޑު ނަގަން ލިބުނު ފުރުސަތުތައް ވީ ބޭކާރެވެ. މިޑްލްސްބަރާގެ ގޯލްކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ބްރޫނޯ ހުސްކޮށް ހުރެ ފޮނުވައިލި ހަމަލާ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު، ރޮނާލްޑޯ އާއި ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި އެންތަނީ އެލަންގާ އަށް ލިބުނު ފުރުސަތުތައް މާ ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި އެވެ.

މެޗުގެ 90 މިނިޓުގެ ކުޅުން ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި ބްރޫނޯ ވަނީ ނުރައްކާތެރި ހަމަލާއެއް އިދިކޮޅު ޓީމުގެ ގޯލާ އަމާޒުކޮށް ފޮނުވާލައިފަ އެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވައިލި ހަމަލާ މަތަކުރީ މިޑްލްސްބަރާގެ ކީޕަރު ޖޯ ލަމްލޭ އެވެ. އަދި އިތުރު ވަގުތުގެ ކުޅުން ނިމެނިކޮށް، މިޑްލްސްބަރާގެ އާރޮން ކޮލޮނީ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޔުނައިޓެޑްގެ ކީޕަރު ހެންޑަސަން ވަނީ މަތަ ކޮށްފަ އެވެ.

އެލަންގާ ޔުނައިޓެޑުގެ އަށްވަނަ ޕެނަލްޓީ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

އިތުރު ވަގުތުގައި ވެސް ނަތީޖާ އަށް ބަދަލެއް ނައުމުން، ޖެހި ޕެނަލްޓީގައި ޔުނައިޓެޑްގެ ފުރަތަމަ ހަތް ޕެނަލްޓީ ވެސް ވަނީ ކާމިޔާބު ކޮށްފަ އެވެ. ޔުނައިޓެޑްގެ ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ ހުއާން މަޓާ، ހެރީ މެގުއާ، ފްރެޑް، ރޮނާލްޑޯގެ އިތުރުން ބްރޫނޯ އާއި ސްކޮޓް މެކްޓޮމިނޭ އަދި ޑިއޯގޯ ޑަލޯ އެވެ. އެޓީމަށް ނާކާމިޔާބުވީ އެންމެ ފަހުން އެލަންގާ ފޮނުވާލި ޕެނަލްޓީ އެވެ. އޭނާ ފޮނުވައިލި ޕެނަލްޓީ ދިޔައީ ގޯލް ދަނޑި މަތިން ބޭރަށެވެ. މިޑްލްސްބަރާ އިން ވަނީ އެ ޓީމުން ޖެހި އަށް ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފަ އެވެ.

ލީގު ކަޕުން ވެސް ކަޓާފައިވާ ޔުނައިޓެޑަށް ދެން މި ސީޒަނުގައި ބާކީ އޮތީ ޕްރިމިއާ ލީގާއި ޔޫއެފާ ޗެމްޕިއަންސް ލީގެވެ. ޔުނައިޓެޑް މި ވަގުތު ލީގުގެ ހަތަރު ވަނައިގައި އޮތްއިރު، ޗެމްޕިއަންސް ލީގު ނޮކައުޓް ބުރުގައި ވާދަކުރަން ޖެހެނީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ އެވެ.

1 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 38%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝިއަލް

05 February 2022

ސުޒޭނަށް ލިބުނު ހިތާމައިގަ ބައިވެރިވަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454