ކޭން މެޗުގައި ޖެހި ފުރަތަމަ ލަނޑަށް ފަހު.
20 ފެބުރުއަރީ 2022 - 02:25
މެންޗެސްޓާ (ފެބްރުއަރީ 20) - މެޗުގެ އިތުރު ވަގުތުގައި މެންޗެސްޓާ ސިޓީން ނަތީޖާ 2-2 އިން އެއްވަރުކޮށްފައި ވަނިކޮށް ހެރީ ކޭން ފަހު ވަގުތު ޖެހި ލަނޑުން ޓޮޓެންހަމް އިން މެންޗެސްޓާ ސިޓީ ބަލިކޮށްފި އެވެ.
މި މެޗުން ބަލިވުމާ އެކު، ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅޭ ސިޓީން އެއްވަނައިގައި ނެގި ބޮޑު ލީޑު ވަނީ ކުޑަވެފަ އެވެ. މި ވަގުތު ސިޓީ އެއްވަނައިގައި އޮތީ 26 މެޗު ކުޅެގެން ހޯދި 63 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތީ 25 މެޗު ކުޅެގެން 57 ޕޮއިންޓް ހޯދާފައިވާ ލިވަޕޫލެވެ. ބުދަ ދުވަހުގެ ރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކުރެވިއްޖެ ނަމަ ދެ ޓީމުގެ މެދުގައި އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަ ވާނެ އެވެ.
މެޗަށް ފަހު ޓޮޓެންހަމްގެ ކޯޗު ކޮންޓޭ، ކުލުސެވްސްކީ އާއެކު.
މިރޭގެ މެޗުގެ ހަތަރުވަނަ މިނިޓުގައި ޓޮޓެންހަމުން ލީޑު ނެގީ، ޖެނުއަރީ ޓްރާންސްފާގައި އިޓަލީގެ ޔުވެންޓަސް އިން ލޯނު އުސޫލުން ގެނައި ވިންގާ ޑެޔަން ކުލުސެވްސްކީ އެވެ. ސޮން ހެއުން މިން ހުސްކޮށްލާފައި ދިން ބޯޅަ އޭނާ ވަނީ ކުރިމަތީ ހުރި ފުލްބެކް ޔާއޯ ކަންސޭލޯ ދެފައި ދޭތެރެއިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ނަމަވެސް 33 ވަނަ މިނިޓުގައި އިލްކޭ ގުންޑޮގާން ވަނީ ސިޓީއަށް އެއްވަރު ކޮށްދީފަ އެވެ.
ދެވަނަ ފަހަރަށް ވެސް ލީޑު ނެގީ ޓޮޓެންހަމުންނެވެ. ސޮން ނަގައިދިން ހުރަހަކުން 59 ވަނަ މިނިޓުގައި މި ލަނޑު ޖަހައިދިނީ ހެރީ ކޭން އެވެ. އެއަށް ފަހު ކުލުސެވްސްކީ ފޮނުވާލި ހަމަލާއެއް ސިޓީގެ ކުޅުންތެރިން ގައިގައި ޖެހިފައި ލިބުނު ބޯޅައެއްގައި ކޭން އިތުރު ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރު ރިވިއު އަށް ފަހު އެ ގޯލު ބަލައެއް ނުގަނެ އެވެ.
ސިޓީން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ރިޔާދް މަހްރޭޒް އެވެ. ކެވިން ޑިބްރޭނާ ނަގައިދިން ހުރަހަކުން މެޗުގެ 89 ވަނަ މިނިޓުގައި ބެނާޑޯ ސިލްވާ ފޮނުވާލި ހަމަލާ، ޓޮޓެންހަމްގެ ކްރިސްޓިއަން ރޮމޭރޯ އަތުގައި ޖެހުމުން ރެފްރީ އެންތަނީ ޓޭލާ ޕެނަލްޓީ ދިނީ ވީއޭއާރު ރިވިއު އަށް ފަހު އެވެ.
ހެރީ ކޭން، ޓޮޓެންހަމް މޮޅުވި ލަނޑު ޖަހަނީ.
ސިޓީން ދެވަނަ ފަހަރަށް އެއްވަރުކުރިތާ ތިން މިނިޓު ފަހުން ކޭން ވަނީ ތިންވަނަ ފަހަރަށް ޓޮޓެންހަމަށް މެޗުގައި ލީޑު ހޯދައިދީ، މެޗުން މޮޅު ކޮށްދީފަ އެވެ. ކޭން މި ލަނޑު ޖެހީ ކުލުސެވްސްކީ ނަގައިދިން ހުރަހެއް ބޮލުން ގޯލުތެރެއަށް ފޮނުވާލައިގެންނެވެ.
މިއީ މި ސީޒަނުގައި މެންޗެސްޓާ ސިޓީ ލީގުގައި ބަލިވި ތިންވަނަ މެޗެވެ. ލީގުގެ ފުރަތަމަ މެޗުގައި ވެސް ޓޮޓެންހަމް ވަނީ އަމިއްލަ ދަނޑުގައި ސިޓީއާ ދެކޮޅަށް ކުޅެ 1-0 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. އެންމެ ފަހުން ސިޓީ ބަލިވެފައި ވަނީ އޮކްޓޯބަރު މަހު އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުންނެވެ.
ޗެލްސީ އަށް އެންމެ ފަހުން ޕްރިމިއާ ލީގު ކާމިޔާބު ކޮށްދިން ކޯޗު އެންޓޯނިއޯ ކޮންޓޭއާ އެކު ޓޮޓެންހަމުން ނަތީޖާ ރަނގަޅު ކޮށްފައިވީ ނަމަވެސް އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުން ވެސް އެޓީމު ވަނީ ބަލިވެފަ އެވެ. ނަމަވެސް މި މޮޅާ އެކު ޓޮޓެންހަމް ވަނީ ތާވަލުގެ ހަވަނައިގައި އޮތް އާސެނަލްއާ ތިން ޕޮއިންޓަށް ގާތްކޮށްފަ އެވެ. ޓޮޓެންހަމް ހަތްވަނައިގައި އޮތީ ކުޅުނު 23 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ.
ސީޒަންގެ މެދުރެތޭން އެވަޓަން އާއި އެސްޓަން ވިލާގެ ކޯޗުކަމާ ހަވާލުވި ފްރޭންކް ލަމްޕާޑާއި ސްޓީވަން ޖެރާޑަށް ވެސް މިރޭގެ މެޗުން ޓީމު ސަލާމަތެއް ނުކުރެވުނެވެ.
ވިލާގެ ކޯޗު ޖެރާޑާއި އެވަޓަންގެ ކޯޗު ލަމްޕާޑް.
ޖެރާޑުގެ އިރުޝާދުގެ ދަށުން އެސްޓަން ވިލާ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 1-0 އިން ބަލިވީ ރެލިގޭޝަން ޒޯނުގައި އޮތް ވަޓްފޯޑް އަތުންނެވެ. ވަޓްފޯޑުގެ ކޯޗަކީ ލިވަޕޫލާއި އިންގްލެންޑް ގައުމީ ޓީމުގައި ވެސް ޖެރާޑަށް ކޯޗު ކޮށްދިން ރޯއީ ހޮޑްސަން އެވެ. މިދިޔަ އޮކްޓޯބަރު މަހު ވަޓްފޯޑާ ހަވާލުވި ކޯޗު ކްލައުޑިއޯ ރަނިއޭރީ މަގާމުން ދުރުކޮށް ހޮޑްސަންއާ ވަޓްފޯޑް ހަވާލުކުރީ މިދިޔަ މަހު އެވެ.
ވަޓްފޯޑުގެ ހަމައެކަނި ލަނޑު 78 ވަނަ މިނިޓުގައި އިސްމާއިލާ ސާ ތަނަވަސްކުރި ފުރުސަތަކުން ޖަހައިދިނީ އެމަނުއެލް ޑެނިސް އެވެ. މިއީ ހޮޑްސަން ވަޓްފޯޑާ ހަވާލުވި ފަހުން އެޓީމު މޮޅުވި ފުރަތަމަ މެޗެވެ.
އެސްޓަން ވިލާ އެންމެ ފަހުން ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ދެ މެޗު އެއްވަރުވެފައިވާއިރު، މޮޅުވީ އެންމެ މެޗަކުންނެވެ. މި ވަގުތު އެސްޓަން ވިލާ އޮތީ 27 ޕޮއިންޓާ އެކު ތާވަލުގެ 12 ވަނައިގަ އެވެ.
ލަމްޕާޑުގެ އިރުޝާދުގެ ދަށުން ރަށުން ބޭރުގައި ސައުތެމްޓަންއާ ދެކޮޅަށް ކުޅެ އެވަޓަން ބަލިވީ 2-0 އިންނެވެ. ދެވަނަ ހާފުގައި ސައުތެމްޓަންގެ ދެ ލަނޑު ޖަހައިދިނީ ސްޓުއާޓް އާމްސްޓްރޯންގާއި ޝޭން ލޯންގެވެ.
ޖެނުއަރީ ފަހުކޮޅު ދަށް ފޯމުގައި އޮތް އެވަޓަންއާ ހަވާލުވެ ލަމްޕާޑު ވަނީ މިހާތަނަށް ލީގުގައި އެޓީމަށް ތިން މެޗެއްގައި އިރުޝާދު ދީފަ އެވެ. އޭގެ ތެރެއިން އެއް މެޗުން މޮޅުވިއިރު ބާކީ ދެ މެޗުން ވެސް ވީ ބައްޔެވެ. މި ނަތީޖާއާ އެކު އެވަޓަން އޮތީ 22 ޕޮއިންޓާ އެކު ތާވަލުގެ 16 ވަނައިގަ އެވެ.
މީގެ އިތުރުން ޕްރިމިއާ ލީގުގެ ފުލުގައި އޮތް ބާންލީ ވަނީ މިރޭ، ރަށުން ބޭރުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
20 February 2022
އެކުވެރި @ލެއްގިކޮމިޝަނަރ ތިހެދީ ކިހިނެއް؟؟ އަހަރުމެންނާ އެންމެ ވާދަވެރި ބައިގަނޑު 03 ޕޮއިންޓްނެގީމަ ދެރަ.