ނިއު ރޭޑިއަންޓުން 2017 ގައި ދިވެހި ޕްރިމިއާ ލީގުގެ ތަށި އުފުލާލަނީ: އެޓީމުން އެންމެ ފަހުން ލީގު ކާމިޔާބު ކުރީ އެއަހަރު --- ފައިލް ފޮޓޯ: އެފްއޭއެމް
13 މާޗް 2022 - 11:16
ކްލަބް ފުޓްބޯޅައާ ދިވެހިން ދުރުވެފައިވާ ދުވަސްވަރެކެވެ. އެކަމަކު އަދި ވެސް ގަލޮޅު ދަނޑަށް އެންމެ ގިނަ ސަޕޯޓަރުން ވެއްދޭނެ އެއް ޓީމަކީ ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. ނަމަވެސް ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަތައް ދީފައިނުވުމުން އެ ކްލަބް ވަނީ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ މުސާރައިގެ ގޮތުގައި ފީފާ އަށް ދަންކަން ޖެހޭ ދަރަންޏެއް ވެސް ކްލަބްގައި އެބައޮތެވެ. ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާއާ އެކު އެ ކްލަބްގެ ދަރަނި ގާތްގަނޑަކަށް 6.5 މިލިއަން ރުފިޔާ އަށް އަރަ އެވެ.
ނިއު ރޭޑިއަންޓް ނަގައި އަލުން ކޮޅަށް ޖެހުމަށް ކުރަން ޖެހޭ މަސައްކަތް ބުރަ އެވެ. ނިއު ރޭޑިއަންޓްގެ ފިކުރާއި ލެގަސީ މަރުވިޔަ ނުދިނުމަށް އެ ކްލަބުގެ ސަޕޯޓަރުންގެ ތެރެއިން ނުކުތް ގުރޫޕެއް، "ރޭޑިއަންޓް ސްޕޯޓްސް ކްލަބް"ގެ ނަމުގައި އާ ކްލަބެއް ރަޖިސްޓްރީ ކުރީ ނިއު ރޭޑިއަންޓްގެ ލެގަސީ ދިވެހި ކުޅިވަރުގައި ދެމެހެއްޓުމަށެވެ. ލޯގޯގެ ގޮތުގައި ވެސް ބޭނުން ކޮށްފައި ވަނީ ނިއު ރޭޑިއަންޓްގެ ލޯގޯގައިވާ ހުދު ބާޒާއި ނޫ ކުލަ އެވެ.
ނިއު ރޭޑިއަންޓުގެ ސަޕޯޓަރުންގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު އަދި ރޭޑިއަންޓް އުފެއްދުމުގެ މަރުހަލާގައި ވެސް ބައިވެރިވި އޮފިޝަލަކު ބުނިގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރީ ނިއު ރޭޑިއަންޓް އޮތް ހާލަތުން ނެގުމަށެވެ. އެކަމަކު އެ ކްލަބްގައި އޮތް ބޮޑު ދަރަންޏާ އެކު އެއީ މި ވަގުތު ފުރިހަމަ ކުރެވޭނެ މަސައްކަތެއް ނޫން ކަމަށް އޮފިޝަލް ބުންޏެވެ.
އޭއެފްސީ ކަޕް 2018 ގައި ނިއު ރޭޑިއަންޓް ކުޅުނު މެޗަކަށް އެޓީމުގެ ސަޕޯޓަރުން ދަނޑަށް ވަދެ --- ފައިލް ފޮޓޯ
"ނިއު ރޭޑިއަންޓުގެ ސަޕޯޓަރުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި. އެހެންވެ ސަޕޯޓަރުންގެ ތެރެއިން ބަޔަކު މިނުކުތީ ރޭޑިއަންޓް އުފެއްދުމަށް،" ނިއު ރޭޑިިއަންޓްގެ ހަރަކާތްތަކުގައި ކުރިން އިސްކޮށް އުޅުނު އޮފިޝަލް ބުންޏެވެ.
"ސަޕޯޓަރުންގެ ވަރަށް ބޮޑު އެދުމެއް މި ކުލަތައް މިނަން ފުޓްބޯޅައިގައި ފަނޑުވެގެން ނުދިއުމަށް. ނަން، ލެގަސީ ހިފަހައްޓަން މި ކްލަބް މި އުފެއްދީ."
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 1979 ގައި ވުޖޫދުވުމުގެ ކުރިން، ހެންވޭރުގެ މަސްވެރިން އުފެއްދި ޓީމަކީ "ރޭޑިއަންޓް ކްލަބް" އެވެ. ރޭޑިއަންޓް އުވި އާ ރޭޑިއަންޓެއް އުފެދުނީ ވެސް ރޭޑިއަންޓް ކްލަބްގެ ހިޔާލުގެ ތެރެއިންނެވެ. ފަހުން އެ ކަލްބުގެ ހިންގުން ކުއީން އަހްމަދު ވަހީދުގެ އަތްމައްޗަށް އެރީ ވެސް ހެންވޭރުގެ ގިނަ ބަޔަކު އެގޮތަށް ބޭނުންވުމުންނެވެ.
ކުރީގެ ރޭޑިއަންޓް ކްލަބުން ގައުމީ ހޮކީ މުބާރާތް ކާމިޔާބު ކުރުމަށް ފަހު ފޮޓޯއަކަށް ހުއްޓި ލައިގެން: ނިއު ރޭޑިއަންޓް 1979 ގައި އުފެއްދީ ރޭޑިއަންޓުގެ ތެރެއިން -
މިދިޔަ ބުރާސްފަތި ދުވަހު ސްޕޯޓްސް ކޮމިޝަނާ އޮފީހުގައި ރަޖިސްޓްރީ ކުރި ރޭޑިއަންޓް ސްޕޯޓްސް ކަލްބުގެ ފައުންޑަރުން، އިތުރު ތިން ނަމަކާ މެދުވެސް މަޝްވާރާ ކަމަށް، ކުރިން ވާހަކަ ދެއްކި އޮފިޝަލް ބުންޏެވެ. އެތިން ނަމުގެ ތެރެއިން ނަމެއް ރަޖިސްޓްރީ ނުވީ "ނިއު ރޭޑިއަންޓް" ގެ ނަމާ އެއްގޮތްވުމުން އެ ކްލަބްގެ ހައްގަށް އުނި ކަމެއް އަތުވެދާނެތީ އެވެ. އޭގެ ތެރެއިން އެއް ނަމަކީ "ނިއު ރޭޑިއަންސް" އެެވެ.
"އަނެއް ތިން ނަން ހުށަހެޅީމަ އެބޭފުޅުން ވެސް ފާހަގަ ކުރި ނިއު ރޭޑިއަންޓްގެ ހައްގަށް އުނި ކަމެއް އަތުވެދާނެ ނަމެއް ކަމަށް. އެހެންވެ އަޅުގަނޑުމެން މަޝްވަރާ ކުރުމަށް ފަހު ނިންމީ ރޭޑިއަންޓް ސްޕޯޓްސް ކްލަބް ކިޔަން،" ނަން ކިޔުނުގޮތް ކިޔައި ދެމުން އޮފިޝަލް ބުންޏެވެ.
"އެކަމަކު 'ނިއު' އެ ނަން ނުގެނެވުނަސް މިއީ މުޅިން އާ ރޭޑިއަންޓެއް. ނިއު ރޭޑިއަންޓް ސަޕޯޓަރުން މި ކްލަބްގެ ފަހަތުގައި ތިބޭނީ. ނިއު ރޭޑިއަންޓްގެ ފިލޯސަފީ މި ކްލަބްގައި ވެސް ހިނގާނީ."
ނިއު ރޭޑިއަންޓަށް އެހީވުމަށް 2020 ގެ ކުރީ ކޮޅު އެ ކްލަބްގެ ސަޕޯޓަރުން ހިންގި ހަރަކާތެއްގެ ތެރެއިން
ރޭޑިއަންޓް ފަށަން ޖެހޭނީ ތިންވަނަ ޑިވިޝަނުންނެވެ. ހުރިހާ ޑިވިޝަނެއްގައި ކާމިޔާބު ހޯދަމުންދާ ނަމަ ދިވެހި ޕްރިމިއާ ލީގާ ހަމައަށް ދިއުމަށް ގާތްގަނޑަކަށް ތިން އަހަރު ހޭދަވާނެ އެވެ. އެއީ 2023-2024 ފެށިގެން ދިވެހި ޕްރިމިއާ ލީގު ހޯމް އެންޑް އަވޭ އުސޫލަށް ކުޅޭތީ އަމަލުކުރާ ފޯމެޓްގެ ދަށުންނެވެ. އޮފިޝަލް ބުނިގޮތުގައި އެ ކެތްތެރިކަން ރޭޑިއަންޓް ކްލަބްގެ މެންބަރުންގެ ކިބައިގައި ހުންނާނެ އެވެ.
"އެނގިލައްވާނެ ނިއު ރޭޑިއަންޓގެ ސަޕޯޓަރުން. އަމިއްލަ ހަރަދުގައި ބޭރު ކުޅުންތެރިން ގެނެސް އެ ކުޅުންތެރިންނަށް ސަޕޯޓަރުންގެ އަމިއްލަ އަތުން މުސާރަ ދޭ ސަޕޯޓަރުންގެ ބޭސްއެއް އޮންނަ ކްލަބެއް އެއީ. ފައިނޭންޝިއަލީ ވެސް ރޭޑިއަންޓަށް އެހީވާން ނިއު ރޭޑިއަންޓްގެ ސަޕޯޓަރުންގެ ގޮތުގައި ތިބި މީހުން ތިބީ،" އޭނާ ބުންޏެވެ.
"ހިއެއް ނުވޭ އެއްވެސް ކްލަބަކަށް ނިއު ރޭޑިއަންޓްގެ ކާމިޔާބާ އަރާ ހަމަ ކުރެވޭނެހެނެއް. އަޅުގަނޑުމެންގެ ޓާގެޓަކީ ވެސް ކުޅިވަރުގައި ހޯދޭ އެންމެ ގިނަ ކާމިޔާބު ހޯދުން މަސައްކަތް ކުރުން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލަ
14 March 2022
މިއީ ވަރަށް އުފާވެރި ހަބަރެއް. ވެދިޔަތަނުގައި ވީގޮތް ބަލާ ކުރިޔަށް އޮތްތަން ރަގަޅުކޮށް ނުދަރާ ރަގަޅަށް ހިންގާނެކަމުގައި އަހަރެން ދެކެމެވެ. އަހަރުމެން އަބަދުވެސް މިއީ ނިއުގެ ސަޕޯޓަރުން އަދި ކުރިމަގުގައި ރޭޑިޔަންޓުގެ ސަޕޯޓަރުންގޮތުގައި ތިބޭނަމެވެ.
އައްދާރުބަނަސްބަންސާމް
14 March 2022
ހަމަ ނިއު ގެންނަން ބޭނުންވަނީ.. ބަނަސްބޭ އަށް ފެންވަރު ދައްކާލަނަ.. ބަންސާމު ހިތު ނިއު ވިކްޓަރީއަށް ބޭނުން ގޮތެއް ހަދައި ބޭރު ކުރީ އޭނާގެ ޓީމު ވެލެންސިޔާ ނަގާ ބޮންތިއަށްލާ އެ ދެ ޓީމުގެ ކާމިޔާބާ ހަމަކުރާނަނޭ ހިތާ.. އެކަމުން ދިވެހި ފުޓުބޯޅަ މަރުވީ ގަލޮޅު ދަނޑު ފަޅުވީ.. ބަންސާމަކީ ފުޅުބޯޅަ މަރާލި ޢައްދާރެއް.
އިސްލާހު
14 March 2022
އުފާވެރި ޚަބަރެކެވެ. ނިއު ވިކްޓްރީ ކަހަލަ ޓީމް ތަކަކީ ވުޖޫދުން ފުހެވިގެން ވާނެ ޓީމް ތަކެއް ނޫނެވެ. މުހިންމު ކަމަކީ ދެމެހެއްޓެނިވި ގޮތަކަށް ޓީމަށް ފައިނޭންސް ކުރެވޭނެ ގޮތްތަކެއް ހޯދައި ޓީމް އަމިއްލަ ފައިމައްޗަށް ތެދުވެ މަސައްކަތާއިގެން ކުރިއަށް ދިއުމެވެ. ތިކުރާމަސައްކަތުގައި ﷲބަރަކާތް ލައްވާށި. އާމީން.
ރަޔާން
14 March 2022
އުފާވި ޚަބަރެއް. ވެލްކަމް ބެކް ނިއު.
އާރީ
13 March 2022
މުސާރަނުދޭ ކުލަބުތައް ހައްތާވެސް. ނިއު ވިކުޓްރީ ވުޖޫދުން ގެއްލުވާލީ ބައެއްގެ ބޮނޑް ރޭވުމަކުން.
ޮއޯކޭ
13 March 2022
ރަގަޅު ވާހަކައެއް. ދަރަނި އޮވޭ އެހެން ކްލަބުތަކުގަވެސް. މާޒިޔާގެ އަޑީގަ އޮވެ ހިންގި ޖަރީމާއެއް.
މޯޑޭ
13 March 2022
ރޭޑިޔަންޓް ކުލަބު އަނޑްއިވުނީމަވެސް މޭކަރާ ތުރުތުރު އަޅާނެ ބަޔަކު މިހާރު ތިބޭނެ.
ސަފޯޓަރ
13 March 2022
ނިއުގެ ސަފޯޓަރުން ތިކުރާ މަސައްކަތުގައި ބަރަކާތްލައްވާ އަދަށް ވުރެ ފެހި މާދަމާޔަކަށް އެދެށް.