27 ޖޫން 2025 - 18:49
މިއަދު ފާސް ކުރި އެފްއޭއެމްގެ އާ އަސާސީ ގަވާއިދާ އެކު ނިއު ރޭޑިއަންޓާއި ވިކްޓަރީ އަށް އެސޯސިއޭޝަނުގެ މެންބަރުކަމުގެ ހައްގުތައް އަލުން ދީފި އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ދުވަސްވީ ދެ ކްލަބަށް އެފްއޭއެމްގެ މެންބަރުކަމުގެ ފުރިހަމަ ހައްގުތައް އަލުން ލިބުމުގެ ފުރުސަތު ފަހިވީ އާ އަސާސީ ގަވާއިދުގައި އެ ދެ ކްލަބް ނިސްބަތްވާ ޑިވިޝަނުގެ މެންބަރު ކްލަބްތަކުގެ އަދަދު އިތުރު ކުރުމުންނެވެ.
ވިކްޓަރީ ނިސްބަތްވާ ޑިވިޝަނުގެ މެންބަރު ކްލަބްތަކުގެ އަދަދު މިހާރުގެ އަސާސީ ގަވާއިދުން 10 އަށް ބަދަލު ކުރުމުން އެ ޑިވިޝަނަށް އެންމެ ފަހުން ކޮލިފައިވި ވިކްޓަރީ އާއި އޮޑި ސްޕޯޓްސް އަށް ވެސް މެންބަރުކަން ލިބޭނީ އެވެ. ކުރިން އެ ޑިވިޝަނުގެ މެންބަރު ކްލަބްތަކުގެ އަދަދަކީ އަށެކެވެ.
ނިއު ރޭޑިއަންޓް ވާދަކުރާ ދެވަނަ ޑިވިޝަނުން އެފްއޭއެމްގެ މެންބަރުންގެ އަދަދު ވަނީ 13 އަށް އިތުރުކޮށްފަ އެވެ. އެ ނިންމުމާ އެކު އެ ޑިވިޝަނުގައި މިހާރު އޮތް ހުރިހާ ކްލަބަކަށް އެފްއޭއެމްގެ ކޮންގްރެސްގައި ވޯޓް ދިނުމުގެ ފުރުސަތު ލިބޭނެ އެވެ. ކުރިން އެ ޑިވިޝަނުގެ މެންބަރު ކްލަބްތަކުގެ އަދަދަކީ 10 އެކެވެ.
ނިއު އާއި ވިކްޓަރީ އަށް އެފްއޭއެމްގެ ކޮންގްރެސްގައި ތަމްސީލު ކުރުމުގެ ފުރުސަތު ލިބެން މި ފަހިވީ ހަ އަހަރަށް ފަހު އެވެ.
ނިއު އަށް އެފްއޭއެމްގެ ކޮންގްރެސްގައި ތަމްސީލު ކުރުމުގެ ފުރުސަތު އެންމެ ފަހުން ދިނީ 2018 ގަ އެވެ. ވިކްޓަރީ އަށް އެ ފުރުސަތު އެންމެ ފަހުން ދިނީ 2019 ގަ އެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލީޑާޝިޕްގެ އިތުބާރު ނެތް ކަމަށް ނިއު އިން އިސްވެ، ހުށަހަޅަން އުޅުމުން މުސާރައިގެ މައްސަލައިގައި އެ ކްލަބް ޑިސެމްބަރު 2018 ގައި އެފްއޭއެމުން ސަސްޕެންޑް ކުރި އެވެ.
އޭގެ ފަހުން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ވިކްޓަރީންނެވެ. މުސާރައިގެ މައްސަލާގައި އެ ކްލަބް ސަސްޕެންޑް ކުރީ 2019 ގެ ޑިސެމްބަރު މަހު އެވެ.
ކުޅުންތެރިންގެ މުސާރައިގެ މައްސަލަ ހައްލު ކުރުމުން އެ ދެ ކްލަބްގެ ސަސްޕެންޝަން 2022 ގައި އެފްއޭއެމުން އުވާލި އެވެ. އެކަމަކު އެ އެސޯސިއޭޝަންގެ ކޮންގްރސްގައި ތަމްސީލު ކުރުމުގެ ފުރުސަތެއް މިހާތަނަށް އެ ދެ ކްލަބަކަށް ނުލިބެ އެވެ.
އަންނަ މަހު 26 ގައި ބާއްވާ އިންތިހާބީ ކޮންގްރެސްގައި އެ ދެ ކްލަބަށް ވެސް ތަމްސީލު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލޭ
27 June 2025
އަދިވެސް މާލޭ އެއްވަނަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް ދެ ވޯޓު ދެވޭތަ.
އޮނަރަބްލް އަފީފު ދީދީ
27 June 2025
ކ.މާލޭގެ ކަންމަތީ ޤުރޫޕްތަކަށާއި ގޭންގްތަކަށް ފަހިވާގޮތަށް މާލޭ ފުޓްބޯޅަ އެސޯސިއޭޝަންގެ އަސާސީޤަވާއިދު ބަދަލުކޮށްފި. މިކަންކުރުމުގެ ކުރިންވެސް ތިކަންއޮތީ ހަމަ ތިގޮތަށް. ކުޅުދުއްފުށި، ތިނަދޫ، ފުވައްމުލައް އަދި އައްޑޫސިޓީ އިންވެސް އެމީހުންގެ ކުލަބް ތަކަށް ފުރުސަތު ލިބޭ ގޮތަށް ހުރިހާ ދަނޑު ތަކެއް ކައުންސިލްގެ ދަށަށް ގެނެސް އެ ކުލަބް ތަކަށް ފުރުސަތު ނުދޭ ބަޔަކު މިސިޓީ ތަކުގައި ހިންގާ ކަމަކަށް އެއްބާރުލުން ނުދޭން ނިންމާ. އޭރުން މިކަންކަން ރަނގަޅުވާނީ.