އެފްއޭއެމް މާ ޗް މަހު ބޭއްވި ކޮންގްރެސްގައި ނޯމަލައިޒޭޝަން ކޮމިޓީގެ ބައެއް މެންބަރުން: އެފްއޭއެމްގެ އާ އިންތިހާބު ބާއްވަން ހުށަހަލާފައި ވަނީ އަންނަ މަހު 26 އަށް --- ފޮޓޯ ފަޔާޒު މޫސާ | މިހާރު
26 ޖޫން 2025 - 14:36
މާދަމާ ހަވީރު އެފްއޭއެމްގެ އެކްސްޓްރާ ކޮންގްރެސް އަށް ހުށަހަޅާ އަސާސީ ގަވާއިދުން، އާ އިންތިހާބު އަންނަ މަހު 26 ގައި ކުރިއަށްގެންދަން ޑްރާފްޓްގައި ހިމަނައިފި އެވެ.
އެފްއޭއެމުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނީ މާދަމާ ރޭ ބާއްވާ ކޮންގްރެސް އަށް ފަހު އިންތިހާބުގެ މަސައްކަތް ފެށާނެ ކަމަށެވެ. ކޮންގްރެސްގައި އޮތް އެންމެ މުހިންމު އެޖެންޑާއަކީ އެފްއޭއެމްގެ އަސާސީ ގަވާއިދަށް ވޯޓަށް އެހުމެވެ.
ކްލަބްތަކަށް ފޮނުވާފައިވާ ޑްރާފްޓް އަސާސީ ގަވާއިދު އެގޮތަށް ފާސްވެއްޖެނަމަ އިންތިހާބު ބާއްވާނީ އަންނަ މަހުގެ 26 ވަނަ ދުވަހު އެވެ.
އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހޮނިހިރު ދުވަހު ހުޅުވާލާނެ އެވެ. އިންތިހާބަށް ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ފަހު ތާރީހަކީ އަންނަ މަހު 6 އެކެވެ.
- ޖުލައި 28 (އަންނަ ހޮނިހިރު ދުވަހު) އިންތިހާބު އިއުލާންކޮށް ކުރިމަތިލާން ހުޅުވާލުން
- ޖުލައި 6: އިންތިހާބަށް ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ފަހު ތާރީހް
- ޖުލައި 9: ކެންޑިޑެސީ ފޯމުގައި ފުރިހަމަނުވެ ހުރި ކަންކަމަކީ ކޮބައިކަން ކެންޑިޑޭޓުންނަށް އަންގަން ޖެހޭ އެންމެ ފަހު ތާރީހް
- ޖުލައި 13: ކެންޑިޑެސީ ފޯމުގައި ފުރިހަމަނުވެ ހުރި މާއުލޫމާތު ފުރިހަމަ ކުރުމަށްފަހު އަލުން ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހް
- ޖުލައި 15: ކެންޑިޑެސީ ފޯމާ މެދު އިލެކްޓޯރަލް ކޮމިޓީން ނިންމި ގޮތް އަންގަންޖެހޭ އެންމެ ފަހު ތާރީހް
- ޖުލައި 16: އިންތިހާބުގެ 10 ދުވަސްކުރިން ބާއްވާ ފައިނަލު ބައްދަލުވުން (އެ ބައްދަލުވުމުގައި އިންތިހާބީ ކޮންގްރެސްގެ އެޖެންޑާ އާއި ކެންޑިޑޭޓުންގެ ރަސްމީ ލިސްޓު ކެންޑިޑޭޓް ނަންބަރު ތަރުތީބުކޮށްފައިވާ ގޮތަށް އިއުލާން ކުރުން ހިމެނެ އެވެ)
- ޖުލައި 26 އިންތިހާބީ ކޮންގްރެސް ބާއްވާ ތާރީހް
އަސާސީ ގަވާއިދު ބުނާގޮތުން އިންތިހާބަށް ކެންޑިޑެސީ ފޯމު ހުށަހަޅާއިރު ފަސް ކްލަބްގެ ތާއީދު ފޯމާ އެކު ހުށަހަޅަން ޖެހެ އެވެ. އޭގެ ތެރޭގައި މަދުވެގެން ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބްގެ ތާއީދު ފޯމު ލިބެން ޖެހޭނެ ކަމަށް މިހާރު އަމަލު ކުރާ ގަވާއިދުގައި އޮވެ އެވެ.
މީރުމާ ހޮޓެލްގެ ކޮންފަރެންސް ހޯލްގައި މާދަމާ ހަވީރު ބާއްވާ ކޮންގްރެސް އަށް ހުށަހަޅާ އަސާސީ ގަވާއިދުގައި ވަނީ އެ މައްދާ އަށް ވަކިން ވޯޓަށް އެހުމަށް ހުށަހަޅައިފަ އެވެ. އެއީ އިންތިހާބުގައި ވާދަކުރަން ހުށަހަޅާ ފޯމާ އެކު އެ ކެންޑިޑޭޓަކަށް ތާއީދު ކުރާ މަދުވެގެން ފަސް ކްލަބްގެ ތެރެއިން ފުރަތަމަ ޑިވިޝަނުން ހިމަނަން ޖެހޭނީ މަދުވެގެން ތިން ކްލަބްތޯ ނުވަތަ ދެ ކްލަބްތޯ ކަނޑައެޅުމަށެވެ.
އަސާސީ ގަވާއިދުގެ 31 ވަނަ މާއްދާގެ ހަތަރެއް އިސްލާހުކުރުމަށް އެ ދެ ގޮތަށް ވެސް ކޮންގްރެސްގައި ވޯޓަށް އަހާނެ އެވެ.
އިންތިހާބުގައި ވާދަ ކުރައްވާނެކަން ކުރިން ވެސް އިއުލާންކޮށްފައިވާ އަހްމަދު ތޯރިގް (ޓޮމް) އަދިވެސް ހުންނެވީ ޑިސެމްބަރު 2023 ގައި އޭނާ އިއުލާން ކުރި ގޮތަށް އިންތިހާބުގައި ކުރިމަތިލައްވާ ގޮތަށެވެ. އެފްއޭއެމުން މިދިޔަ އަހަރު ދެ ފަހަރުގެ މަތިން ބާއްވަން އުޅުނު އިންތިހާބުގައި ދެ ފަހަރު ވެސް އޭނާ ކުރިމަތިލެއްވި އެވެ.
އެ ދެ ފަހަރުވެސް ފީފާއިން އަންގައިގެން އެފްއޭއެމުން އިންތިހާބުގެ މަސައްކަތް ހުއްޓާލި އެވެ. އަދި މިދިޔަ އަހަރު އެފްއޭއެމް ނޯމަލައިޒޭޝަން ހާލަތަށް ވެސް ފީފާއިން ގެނެ އެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު އަންނަ މަހުގެ ނިޔަލަށް ހަމަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށ
27 June 2025
ނޯމަލައިޒިން ކޮމިޓީގެ މަގާމްތަކުގެ އިސްވެރިން ވީ ހިޔާނާތް! ކޮމީޓީގެ އެއްވެސް ބޭފުޅަކަށް އިތުބާރެއް ނެތް! ކުލަބުތަކުން ވިސްނަންވެއްޖެ.
އަޅި އަލީ
26 June 2025
'މަދުވެގެން ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބްގެ ތާއީދު ފޯމު" އެހެންވީމާ ކުރިމަތިލެވޭނީ ދެބޭފުޅުންނަށް ނޫންތޯ! ހާސަ ހުދު މުހުތާރޭ! ވަރަށް ބޮޑަށް މިނިވަންކަން ހަނި ކޮއްފައިވާ ކަމަށް ފެނޭ!
މުލޭ
27 June 2025
10 ކްލަބު އޮވޭ މާލޭ ޒޯނުގެ އެެއްވަނަ ޑިވިޝަނުގައި. އެފްއޭއެމް (ފުޓްބޯލް އެސޯސިއޭޝަން އޮފް މާލެ) ގެ ރައީސް ކަމަށް 3 މީހުންނަށް ކުރިމަތި ލެވޭނެ އެހެންވީމާ.
ބަޗަރިސް
27 June 2025
ނޫނޭ ނޫނޭ. ކުރިމަތިލެވޭނެ ކިތަންމެބަޔަކަށް. ކޮންމެކްލަބަކަށްވެސް ކިތަންމެ ބަޔަކަށް ތާއީދުކުރެވިދާނެ. ކުރިމަތިލާމީހާ ޖެހޭނީ ގަރާޖްސިޓީ ހޯދާގޮތަށް ތާއީދުފޯމް ހޯދަން. އެހެންވީމާ ބުނަންޖެހޭނީ މިނިވަންކަން ތައްމިނަށް ހުޅުވާފަޔޭ މިއޮތީ. ގެޓްވެއްޖެ؟