މިދިޔަ ހުކުރު ދުވަހު އެފްއޭއެމުން ބޭއްވި ކޮންގްރެސްގައި އެ އެސޯސިއޭޝަނުގެ ނޯމަލައިޒޭޝަން ކޮމީޓީން، ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
01 ޖުލައި 2025 - 12:18
އެފްއޭއެމްގެ ޒޯން އަދި ސަރަހައްދީ އެސޯސިއޭޝަންތައް އުފެއްދުން އަލަށް ހަވާލުވާ އެކްސްކޯ އަށް މަތިކޮށްފި އެވެ.
އެފްއޭއެމްގެ އާ އަސާސީ ގަވާއިދުގެ ދަށުން ބާއްވާ އިންތިހާބު މި މަހު 26 ގައި އޮންނާނެ އެވެ. އެ އިންތިހާބުން ހޮވޭ އެ އެސޯސިއޭޝަންގެ ރައީސްގެ އެކްސްކޯ އަށް ގިނަ ޒިންމާތަކެއް ވަނީ މަތިކޮށްފަ އެވެ.
އޭގެ ތެރެއިން އެއް ކަމަކީ މިހާރު އަމަލުކުރަމުންދާ ކުޅިވަރު ގާނޫނާ އެއްގޮތަށް ރާއްޖެ ޒޯންތަކަށް ބަހާލައި ސަރަހައްދީ އެސޯސިއޭޝަންތައް ގާއިމު ކުރުމެވެ.
ސަރަހަދީ ފެންވަރުގެ ލީގާއި މުބާރާތް ބާއްވާނެ ގޮތް ކަނޑައެޅުން ވެސް އަލަށް ހޮވޭ އެކްސްކޯއާ، އަސާސީ ގަވާއިދުގެ އިންތިގާލީތަކުން ވަނީ ހަވާލުކޮށްފަ އެވެ.
އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލައްވާނެ ކަމަށް ބެލެވޭ، އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) އަށް ތާއީދު ކުރާ ޓީމުތަކުން، އަސާސީގަވާއިދުގެ ދަށުން ރާއްޖެ ހަތަރު ޒޯނަކަށް ބަހައި ސަރަހައްދީ އެސޯސިއޭޝަނާއި މުބާރާތްތައް ބާއްވަން ބާރު ލިބޭގޮތަށް ގަވާއިދަށް އިސްލާހު ހުށަހެޅި އެވެ.
އެކަމަކު އަސާސީގަވާއިދުގައި އެ އިސްލާހުތައް ހިމެނުމުގެ ފުރުސަތު ދިނުމަށް ފީފާއިން އިއުތިރާޒު ކުރިކަން މައުލޫމާތު އެނގޭ އޮފިޝަލަކު "މިހާރު" އަށް ބުންޏެވެ.
ރާއްޖެ ނުވަ ޒޯނަކަށް ބަހާލައި ސަބް އެސޯސިއޭޝަންތައް އުފެއްދުމުގެ ބާރު 2016 ގައި ފާސް ކުރި އަސާސީ ގަވާއިދުގެދަށުން އެފްއޭއެމްގެ މައްޗަށް ލާޒިމު ކުރި އެވެ. އެކަމަކު އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯއިން އެކަން ކޮށްފައެއް ނުވެ އެވެ.
އަސާސީގަވާއިދުގެ ދާއިމީ އެއްވެސް މާއްދާއެއްގައި އަތޮޅުތަކަށް ފުރުސަތު ދިނުމުގެ އެއްވެސް މާއްދާއެއް ނެތެވެ. ފުޓްބޯޅަ އާއި އެފްއޭއެމް ރިފޯމް ކުރަން ކެމްޕޭން ކުރާ "ސޭވް އެފްއޭއެމުން" ވަނީ އެ މައްސަލާގައި އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ އަށް ފާޑު ކިޔައިފަ އެވެ.
އެ ހަރަކާތުން ބުނީ އަތޮޅުތަކުގެ ޓީމުތަކަށް އެފްއޭއެމްގެ ކޮންގްރެސްގައި ބަސްބުނުމާއި ވޯޓް ލުމުގެ ފުރުސަތު ނުލިބި ރާއްޖޭގެ ފުޓްބޯޅަ އަށް ހަގީގީ ބަދަލެއް ނުގެނެވޭނެ ކަމަށެވެ.
އަތޮޅުތަކުގެ ޓީމުތަކަށް އެފްއޭއެމްގެ ކޮންގްރެސްގައި ވޯޓް ލުމުގެ ހައްގު ލިބޭނެ އެއްވެސް މާއްދާއެއް ވެސް އަސާސީގަވާއިދުގައި ނެތެވެ. އާ އަސާސީގަވާއިދުގައި ބުނެފައި ވަނީ އެފްއޭއެމްގެ މެންބަރުންނަކީ މިހާރު މާލެއަށް އެކަނި ބަރޯސާ ވެފައިވާ އެއް ވަނަ ޑިވިޝަނުގެ 10 ކްލަބާއި ދެވަނަ ޑިވިޝަނުގެ 13 ކްލަބް ކަމަށެވެ. އެ އެސޯސިއޭޝަނުގެ ކޮންގްރެސް ތަމްސީލު ކުރުމުގެ ފުރުސަތު ލިބެނީ މެންބަރަކަށް ވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައްސުބެ
01 July 2025
ބައްސާމު ގަވާއިދާ ޚިލާފަށް ކޮށްފައިވާ ކަން ކަން ރަނގަޅުކުރުމަކީ އަލަށް ހަވާލުވާ ބަޔަކު ކުރަންޖެހޭ ކަމެއް، އެގޮތުން ދެވަނަ ޑިވިޝަނުގައި އޮށްވައި ޕްލޭ އޮފް ކުޅުމަކާއި ނުލައި ބައްސާމު ގޯތި ޓީމު ވެގެން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކުރި ވެލެންސިއާ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކުރުމާއި ބައްސާމުގެ ކަރަޕްސަންތައް ފަޅާއަރުވާލަން އުޅުމުން ސަސްޕެންޑްކޮށް ރެލިގޭޓްކުރި ޓީމުތަކަށް ބަދަލު ދިނުމާއެކު އެޓީމުތައް ޕްރޮމޯޓު ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް