އެފްއޭއެމުން އިއްޔެ ބޭއްވި ކޮންގްރެސްގައި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާޕާސަން އަހްމަދު މުއިއްޒާއި އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޝުޖާއު: އެ އެސޯސިއޭޝަނުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލާފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
28 ޖޫން 2025 - 19:39
އަންނަ މަހު 26 ގައި ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި އެ އެސޯސިއޭޝަންގެ ރައީސްކަމަށް ކުރިމަތިލާން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.
އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ ޖުލައި 6 ވާ އަންނަ އާދިއްތަ ދުވަހެވެ.
އިންތިހާބަށް ކުރިމަތލާން ފޯމު ހުށަހަޅާނީ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓްގެ ފަރާތުންނެވެ. އަދި އޭނާގެ އެކްސްކޯގެ މެންބަރުންގެ ގޮތުގައި ދެ ނައިބުރައީސުންނާއި އެކްސްކޯގެ އާންމު ހަތް މެންބަރުންގެ ލިސްޓް ހުށަހަޅަން ޖެހޭނެ އެވެ. މިހާރުގެ ގަވާއިދުން އެކްސްކޯގައި މަދުވެގެން ދެ އަންހެން މެންބަރުން ތިއްބަވަން ޖެހޭނެ އެވެ.
- ރައީސް
- ފުރަތަމަ ނުވަތަ ސީނިއާ ނައިބު ރައީސް
- ދެވަނަ ނައިބު ރައީސް
- އެކްސްކޯގެ އާންމު ހަތް މެންބަރުން
އެފްއޭއެމުން މިއަދު ގެޒެޓްގައި އާންމު ކުރި އިއުލާނާ އެކު ވަނީ ކެންޑިޑެސީ ފޯމު ހިމަނައިފަ އެވެ. އެ ފޯމުގައި އެކްސްކޯގައި ހިމަނަންޖެހޭ ބޭފުޅުންގެ ނަންތައް ލިޔަން ފޯމުގެ ދެވަނަ ސޮފްހާގައި ވަނީ ކަނޑައަޅައިފަ އެވެ. އެކްސްކޯގެ 10 މަގާމުގެ އިތުރުން ބަދަލުގައި އިތުރު ނަންންތަކެއް ހިމެނުމުގެ އިހްތިޔާރު އެ ފޯމުގައި ވެއެވެ.
އެއީ އެކްސްކޯގައި ހިމެނޭ މެންބަރެއްގެ ޝަރުތު ހަމަނުވެއްޖެނަމަ އެ ކެންޑިޑޭޓެއްގެ ބަދަލުގައި "ބަދަލު ކެންޑިޑޭޓުންގެ ލިސްޓުން" ނަމެއް ހިމެނުމުގެ ފުރުސަތު ލިބޭ ގޮތަށެވެ. އެކަމަކު "ބަދަލު ކެންޑިޑޭޓުންގެ" ގޮޅިތައް ފުރިހަމަ ކުރުން އެއީ އިހްތިޔާރީ ކަމެކެވެ.
ފޯމު ހުށަހަޅަން ޖެހޭނީ އެފްއޭއެމްގެ މެންބަރު ކްލަބްތަކުގެ ތެރެއިން ފަސް ކްލަބްގެ ތާއީދު ސިޓީއާ އެކު އެވެ. އެ ފަސް ކްލަބްގެ ތެރެއިން މަދުވެގެން ދެ ކްލަބަކީ ފުރަތަމަ ޑިވިޝަނުގެ ކްލަބަތަކަށް ވުން ލަޒިމެވެ. ހުކުރު ދުވަހު ފާސްކުރި އަސާސީ ގަވާއިދުން ވަނީ އެއްވަނަ ޑިވިޝަނުގެ ކްލަބްތަކުގެ އަދަދު 10 އަށް މަތިކޮށްފަ އެވެ. ކުރިން އެ ޑިވިޝަނުގެ ކްލަބްތަކުގެ އަދަދަކީ އަށެކެވެ. މިހަރުގެ ގަވާއިދުން ދެވަނަ ޑިވިޝަނުގެ ކްލަބްތަކުގެ އަދަދަކީ 13 އެވެ.
އިންތިހާބަށް ކުރިމަޔިލާ ފޯމާ އެކު ކެންޑިޑޭޓުންގެ ނަޒާހާތްތެރިކަން ކަށަވަރު ކުރަން ވަކި ފޯމެއް ހުށަހަޅަން ޖެހެ އެވެ. އަދި އެއީ ހޮވުމަށް ފަހު މިނިވަންކަމާ އެކު ވަކި ފަރާތަކަށް ނުޖެހި މަސައްކަތް ކުރާނެކަމުގެ އިގްރާރު ވެސް ހިމެނޭ ފީމެވެ.
އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލުމުގެ އަސާސީ ޝަރުތުތަކަކީ ދިވެހިރައްޔިތަކަށް ވުމާއި އުމުރުން 21 އަހަރާއި 65 އަހަރާ ދެމެދެ އުމުރުގެ މީހަކަށްވުމާއި ކުށުގެ ރެކޯޑެއް ނެތުމެވެ.
ދެން ހިމެނޭ ޝަރުތަކީ ފުޓުބޯޅަ އޮފިޝަލެއްގެ ގޮތުގައި ނުވަތަ ކުޅުންތެރިއެއްގެ ގޮތުގައި ވޭތުވެދިޔަ ފަސް އަހަރުގެ ތެރެއިން މަދުވެގެން ދެ އަހަރު ހަރަކާތްތެރިވެފައިވުމެވެ. އެކަމަކު އާ އަސާސީ ގަވާއިދުގެ ދަށުން ބާއްވާ ފުރަތަމަ އިންތިހާބުކަމަށް ވާތީ އެކްސްކޯގެ އަންހެން ދެ މެންބަރުންގެ ކިބައިގައި އެ ޝަރތު (ވޭތުވެދިޔަ ފަސް އަހަރުގެ ތެރެއިން ދެ އަހަރު ފުޓްބޯޅައިގައި ހަރަކާތްތެރިވެފައިވުމުގެ ޝަރުތު) ފުރިހަމަވުން ލާޒިމެއް ނޫނެވެ.
- ޖޫން 28 (މިއަދު) އިންތިހާބު އިއުލާންކޮށް ކުރިމަތިލާން ހުޅުވާލުން
- ޖުލައި 6: (މިއަންނަ އާދިއްތަ ދުވަސް) އިންތިހާބަށް ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ފަހު ތާރީހް
- ޖުލައި 9: ކެންޑިޑެސީ ފޯމުގައި ފުރިހަމަނުވެ ހުރި ކަންކަމަކީ ކޮބައިކަން ކެންޑިޑޭޓުންނަށް އަންގަން ޖެހޭ އެންމެ ފަހު ތާރީހް
- ޖުލައި 13: ކެންޑިޑެސީ ފޯމުގައި ފުރިހަމަނުވެ ހުރި މާއުލޫމާތު ފުރިހަމަ ކުރުމަށްފަހު އަލުން ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހް
- ޖުލައި 15: ކެންޑިޑެސީ ފޯމާ މެދު އިލެކްޓޯރަލް ކޮމިޓީން ނިންމި ގޮތް އަންގަންޖެހޭ އެންމެ ފަހު ތާރީހް
- ޖުލައި 16: އިންތިހާބުގެ 10 ދުވަސްކުރިން ބާއްވާ ފައިނަލު ބައްދަލުވުން (އެ ބައްދަލުވުމުގައި އިންތިހާބީ ކޮންގްރެސްގެ އެޖެންޑާ އާއި ކެންޑިޑޭޓުންގެ ރަސްމީ ލިސްޓު ކެންޑިޑޭޓް ނަންބަރު ތަރުތީބުކޮށްފައިވާ ގޮތަށް އިއުލާން ކުރުން ހިމެނެ އެވެ)
- ޖުލައި 26 އިންތިހާބީ ކޮންގްރެސް ބާއްވާ ތާރީހް
އިންތިހާބު ކުރިއަށްގެންދާނީ މިހާރު އޮތް ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެދަށުންނެވެ. އެ ކޮމިޓީ އަށް ފީފާއިން ދިން އެއް އަހަރުގެ ދައުރު މި އަންނަ މަހުގެ ނިޔަލަށް ހަމަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy