18 މާޗް 2022 - 02:46
އިސްތަންބޫލް (މާޗް 18) - ޔޫއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ގައި ތުރުކީގެ ގަލަޓަސަރާއީއާ ދެކޮޅަށް ކުޅުނު ދެވަނަ ލެގުގެ މެޗު ފަހަތުން އަރައި 2-1 އިން މިރޭ ކާމިޔާބުކޮށް ބާސެލޯނާ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ސްޕެއިންގައި މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ ދެޓީމަށް ވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މިރޭގެ މެޗުގެ 28 ވަނަ މިނިޓުގައި ލިބުނު ކޯނަރެއްގެ ބޭނުން ހިފައި ގަލަޓަސަރާއީ އަށް ލީޑު ނަގައިދިނީ ޑިފެންޑަރު މާކައޯ އެވެ. ނަމަވެސް އޭގެ ނުވަ މިނިޓް ފަހުން ފެރާން ޓޮރޭޒް ދިން ބޯޅައަކުން އޭރިއާ ތެރޭ ހުރި މިޑްފީލްޑަރު ޕެޑްރީ ވަނީ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ބާސެލޯނާއަށް އެއްވަރު ކޮށްދީފަ އެވެ.
ފުރަތަމަ ހާފު ނިމެން ސިކުންތު ކޮޅަކަށް ވެފައި ވަނިކޮށް ބާސެލޯނާއަށް ލީޑު ނަގަން ވެސް ފުރުސަތު ލިބުނެވެ. ނަމަވެސް އެޑަމާ ޓްރައޯރޭ ނަގައިދިން ހުރަސް ޕިއޭ އެމެރިކް އޮބާމެޔަން ބޮލުން ފޮނުވާލުމުން ގަލަޓަސަރާއީގެ ކީޕަރު ބޯ މަތިން ގޮސް އަމާޒިވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ބާސާ މޮޅުކޮށްދިން ލަނޑު ދެވަނަ ހާފުގެ ހަތަރު ވަނަ މިނިޓުގައި ޖަހައިދިނީ އޮބާމެޔަން އެވެ. ސާޖިއޯ ބުސްކެޓްސް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ކީޕަރު އިނާކީ ޕީނާ ދިފާއުކުރި އިރު ރީބައުންސް ބޯޅަ ޕެޑްރީ ފޮނުވާލުމުން ވެސް ކީޕަރު ދިފާއު ކުރި އެވެ. ޕެޑްރީގެ ހަމަލާ ކީޕަރު ޕަންޗް ކޮށްލުމުން ޑިޔޮންގް އެ ބޯޅަ ހޯދައި ގޯލު ކުރިމަތީ ހުރި އޮބާމެޔަންގަށް ބޮލުން ޖައްސާލުމާ އެކު އޭނާ ވަނީ ހުސްކޮށް ހުރެ ގޯލުތެރަށް ބޯޅަ ފޮނުވާލައިފަ އެވެ.
މިއީ ޖެނުއަރީ ޓްރާންސްފާ ޑެޑްލައިން ޑޭގެ އެންމެ ފަހު ވަގުތު ބާސެލޯނާއަށް ސޮއިކުރި އޮބާމެޔަން ބާސާއަށް ކުޅެދިން 10 މެޗުން ޖަހައިދިން ހަތްވަނަ ލަނޑެވެ. އޭނާ ވަނީ މި ސީޒަނުގައި ބާސެލޯނާގެ ލަނޑު ލިސްޓުގެ ދެވަނައަށް ޖެހިލައިފަ އެވެ. ބާސާއަށް މި ސީޒަނުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދީފައި ވަނީ 10 ލަނޑު ޖަހާފައިވާ މެމްފިސް ޑިޕާއި އެވެ.
ގަލަޓަސަރާއީގެ ގޯލު މިރޭ ބެލެހެއްޓި ކީޕަރު ޕީނާ އަކީ މި ސީޒަނުގެ ނިޔަލަށް ބާސާއިން މިދިޔަ ޖެނުއަރީ މަހު، އެޓީމަށް ދޫކޮށްފައިވާ ކުޅުންތެރިޔެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސާޅު
18 March 2022
މި އޮބާމާ ސޮރު އާރސެނަލްގައި ހުރިދުވަސްތަކުގެ ފަހުކޮޅުގައި ވަރަށް މައްސަލަތައްޖެހި ނުކުޅެވިފައި ހުރެފައި ބާސާއަށް ގޮސް ވިދާލައިފި ދޯ؟
މސީ1
19 March 2022
ނުރުހޭ ކޮންމެ ކުޅުންތެރިއަކަށް އާސެނަލުން ހަދަނީ ވަރައް ނިކަމެތިކޮށް، ލައިކް އޮޒިލް