20 މާޗް 2022 - 01:18
މިޑްލްސްބަރ (މާޗް 19) - އިނގިރޭސި އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި މިޑްލްސްބަރާ ބަލިކޮށް ޗެލްސީ, ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
މިޑްލްސްބަރާ އެފްއޭ ކަޕް ކުއާޓާ ފައިނަލަށް ދަތުރުކުރީ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާ މުބާރާތުން ކަޓުވާލައިފަ އެވެ. ނަމަވެސް މިރޭ ޔޫރަޕާއި ދުނިޔޭގެ ޗެމްޕިއަން ޗެލްސީ އަތުން ބަލިވީ 2-0 އިންނެވެ. ޗެލްސީ އަކީ މިދިޔަ ސީޒަނުގައި އެފްއޭ ކަޕުގެ ދެވަނަ ޓީމެވެ.
ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންއާ ގާތް ގުޅުމެއް ބާއްވާކަމުގެ ތުހުމަތުގައި އިނގިރޭސި ސަރުކާރުން ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗުގެ މުދާތަށް ހިފެހެއްޓުމާ ގުޅިގެން ޗެލްސީ ކުޅެމުން އަންނަނީ ސަރުކާރުންް ދިން ހާއްސަ ހުއްދައިގެ ދަށުންނެވެ.
އަބްރަމޮވިޗަށް އެޅި ފިޔަވަޅާ ގުޅިގެން ޗެލްސީ އަށް ޓިކެޓް ނުވިއްކޭތީ، ކުއާޓާ ފައިނަލް މެޗު ސަޕޯޓަރުން ނުވައްދާ ކުޅެން ޗެލްސީން ކުރިން އެފްއޭ އަށް ހުށަހެޅި ނަމަވެސް، ސަޕޯޓަރުންނާއި މިޑްލްސްބަރާއިން ނުރުހުމުން ޗެލްސީން ވަނީ އެ ހުށަހެޅުން މާ ގިނައިރެއް ނުވެ އަނބުރާ ގެންގޮސްފަ އެވެ.
އަބްރަމޮވިޗަށް ފިޔަވަޅު އެޅުމުގެ ކުރިން މި މެޗުގެ އެއްބައި ޓިކެޓް ޗެލްސީން ވިއްކާފައިވާއިރު، މެޗު ބަލަން ޗެލްސީގެ 700 އެއްހާ ސަޕޯޓަރުން ވަނީ މިޑްލްސްބަރާ އަށް ދަތުރު ކޮށްފަ އެވެ.
މިޑްލްސްބަރާގެ 30،000 އެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި މެޗުގެ 15 ވަނަ މިނިޓުގައި ޗެލްސީ އަށް ލީޑު ނަގައިދިނީ މޭސަން މައުންޓް ދިން ބޯޅައަކުން ރޮމެލޫ ލުކާކޫ އެވެ. މިއީ ލުކާކޫ މި ސީޒަނުގައި ޗެލްސީ އަށް ޖަހައިދިން 12 ވަނަ ލަނޑެވެ. އޭގެ 15 މިނިޓް ފަހުން ކައުންޓާ އެޓޭކެއްގައި ހަކީމް ޒިޔެޝް ވަނީ ޗެލްސީގެ ދެވަނަ ލަނޑު ޖަހައި، މިޑްލްސްބަރާ ސަޕޯޓަރުން ހިމޭން ކޮށްލައިފަ އެވެ. ޒިޔެޝްގެ ލަނޑު ޖަހަން އެހީވީ ވެސް މައުންޓެވެ.
ދެވަނަ ހާފުގައި މިޑްލްސްބަރާ ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވައި ނުލެވުނުއިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ތިއާގޯ ސިލްވާ ވަނީ މިޑްލްސްބަރާގެ އެޓޭކްތައް ހުއްޓުވުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
ޗެލްސީގެ ކޯޗު ޓުޗެލް ބުނީ ސަރުކާރުން އަބްރަމޮވިޗަށް އެޅި ފިޔަވަޅުތަކާ އެކު ކުލަބުގެ ހާލަތު ގޯސް ވެފައިވާ ނަމަވެސް ހުރިހާ ކުޅުންތެރިން ވެސް ދަނޑުމަތީގައި އެކަން ނުދައްކާ ކަމަށާއި، ކުޅުންތެރިން ދަނޑުމަތީގައި މެޗުން މޮޅުވެގެން ފައިބަން ކުރާ މަސައްކަތަށް ތައުރީފް ހައްގު ކަމަށެވެ.
އަބްރަމޮވިޗަށް ފިޔަވަޅު އެޅި ފަހުން ޗެލްސީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައި ވާއިރު، އެޓީމު އެންމެ ފަހުން ބަލިވީ މިދިޔަ މަހު، ލީގު ކަޕް ފައިނަލުގައި ލިވަޕޫލް އަތުންނެވެ.
ކުއާޓާ ފައިނަލުގެ ބާކީ ތިން މެޗު މާދަމާ ކުޅޭނެ އެވެ. ހަވީރު 5:30 ގައި ކްރިސްޓަލް ޕެލަސް އާއި އެވަޓަން ބައްދަލުކުރާއިރު، 8 ޖަހާއިރު ސައުތެމްޓަން އާއި މެންޗެސްޓާ ސިޓީ ބައްދަލު ކުރާނެ އެވެ. އަދި ކުއާޓާގެ ފަހު މެޗުގައި 11 ޖަހާއިރު ބައްދަލުކުރާނީ ނޮޓިންހަމް ފޮރެސްޓާއި ލިވަޕޫލް އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
20 March 2022
ސުރުޚީ އޮތް ގޮތުން ހީވަނީ މިޑްލްސްބަރާ އަކީ މާ ވަރުގަދަ ޓީމެއް ހެން.
ރަދީފްއޮފިޝަލް
20 March 2022
[މިޑްލްސްބަރާ އެފްއޭ ކަޕް ކުއާޓާ ފައިނަލަށް ދަތުރުކުރީ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާ މުބާރާތުން ކަޓުވާލައިފަ އެވެ.] މިދެޓީމް އަތް ދަށުނުވި ކްލަބް ޗެލްސީ އަތުން ބަލިވީމަ އެއިބާރާތް އެބޭނުންކުރީ.ވ.ވެދުން
ކޮނެޓެ
20 March 2022
މިޑްލްސްބަރ އަކީ މާ މޮޅު ޓީމެއް ކަމަށް ބެލެވުނީ މެންޔޫ އާ ހެދި. ވުމާއެކު އެކަމުގެ އަދަބު މެންޔޫއަށް ދޭން ޖެހޭ، ލޮލް، ހައް.ހައް.ހައް.ހައް