މެންޗެސްޓާ ސިޓީގެ ޑިބްރޭނާ އަތުން ބޯޅަ ހޯދަން ލިވަޕޫލްގެ ފަބީނިއޯ މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ
10 އެޕްރީލް 2022 - 23:21
މެންޗެސްޓާ (އޭޕްރީލް 10) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން ރަށުން ބޭރުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރު ވެއްޖެ އެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު ލީގުގެ ފުރަތަމަ މެޗު ވެސް އެއްވަރުވީ ހަމަ މި ނަތީޖާ އިންނެވެ. މި ނަތީޖާއާ އެކު އަދިވެސް ލީގުގެ އެއްވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ. ސިޓީ ވަނީ 31 މެޗުން 74 ޕޮއިންޓް ހޯދައިފަ އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ލިވަޕޫލް ދެވަނައިގައި އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ. ލީގުގައި ސިޓީ އާއި ލިވަޕޫލަަށް ވެސް ބާކީ އޮތީ ހަތް މެޗެވެ.
މެޗުގެ ފަސްވަނަ މިނިޓުގައި ސިޓީގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ ރަހީމް ސްޓާލިން އެވެ. ގެބްރިއެލް ޖީސަސް ހުސްކޮށްލާފައި ދިން ބޯޅަ ސްޓާލިން ފޮނުވާލުމުން ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ދިފާއުކުރި ނަމަވެސް އޭގެ ސިކުންތުކޮޅެއް ފަހުން ކެވިން ޑިބްރޭނާ ސިޓީ އަށް ލީޑު ނަގައިދިނެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ ގޯލަށް ވަނީ ލިވަޕޫލްގެ ޑިފެންޑަރު ޖޮއެލް މަޓިޕް ފައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޮސް ގޯލުގެ އަރިމަތީ ދަނޑީގައި ވެސް ޖެހިފަ އެވެ.
ޑިބްރޭނާ ސިޓީގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
މެންޗެސްޓާ ސިޓީން ލީޑު ނެގިތާ އަށް މިނިޓު ފަހުން، 13 ވަނަ މިނިޓުގައި ލިވަޕޫލަށް އެއްވަރު ކޮށްދިނީ ޑިއޯގޯ ޖޮޓާ އެވެ. އޭނާ މި ލަނޑު ޖެހީ އެންޑީ ރޮބާޓްސްން އޭރިއާ ތެރެއަށް ހުރަސް ކޮށްލި ބޯޅަ ގޯލް ކިކަކަށް ބޭރު ވުމުގެ ކުރިން އެލެކްޒެންޑާ އާނޯލްޑް ތަނަވަސްކުރި ފުރުސަތެއްގަ އެވެ. މިއީ އޭނާ މި ސީޒަނުގައި ޖެހި 15 ވަނަ ޕްރިމިއާ ލީގު ގޯލެވެ.
ސިޓީ އަށް ދެވަނަ ފަހަރަށް މެޗުގައި ލީޑު ނަގައިދިނީ، މި އަހަރުގެ ފުރަތަމަ މެޗުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ފުލް ޓީމުގައި ކުޅުނު ފަހުން މިރޭ އަލުން ފުރަތަމަ 11 އިން ޖާގަ ހޯދި ގެބްރިއެލް ޖީސަސް އެވެ. އޭނާ ވަނީ ޔާއޯ ކަންސެލޯ އޭރިއާ ތެރެއަށް މަތިން ވައްޓާލި ބޯޅައަށް އަރައި އެއްފަހަރުން ގޯލު މަތީ ދާގަނޑަށް ފޮނުވާލައިފަ އެވެ.
މި ހާފު ނިމުމުގެ ކުރިން މެންޗެސްޓާ ސިޓީގެ ފިލް ފޮޑެން ހުރަސްކޮށްދިން ބޯޅައެއް ސްޓާލިން އަށް ފޮނުވާ ނުލެވުނު އިރު، ލިވަޕޫލްގެ ޖޮޓާ އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ބޯޅަ ފޮނުވާލުމުގެ ކުރިން ހުރަސް އެޅީ ސިޓީގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް އެވެ.
މާނޭ (މ)، ލިވަޕޫލަށް ދެވަނަ ފަހަރަށް އެއްވަރު ކޮށްދިނުމަށް ފަހު ޖޮޓާ (ކ) އަދި ރޮބާޓްސަން އާއެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ދެވަނަ ހާފު ފަށައިގެން 50 ސިކުންތު ތެރޭގައި މުހައްމަދު ސަލާހު ތަނަވަސް ކޮށްދިން ފުރުސަތެއްގައި ލަނޑު ޖަހައިގެން ލިވަޕޫލަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރު ކޮށްދިނީ ސަޑިއޯ މާނޭ އެވެ. އޭގެ ފަހުން ޖޮޓާގެ ހަމަލާއެއް ސިޓީގެ ކީޕަރު އެޑަސަން ދިފާއު ކުރިއިރު، ލިވަޕޫލްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ސިޓީގެ ޖީސަސް ފޮނުވާލި ބޯޅަ ބްލޮކް ކުރީ ޑިފެންޑަރު ވާޖިލް ވެން ޑައިކް އެވެ.
މެޗުގެ 63 ވަނަ މިނިޓުގައި ސްޓާލިންގެ ގޯލަކުން ސިޓީން ތިންވަނަ ފަހަރަށް ލީޑު ނެގި ކަމަށް ހީކޮށް އުފާފާޅު ވެސް ކުރި އެވެ. ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ސްޓާލިން އަށް ބޯޅަ ލިބުންއިރު އޭނާ ހުރީ އޮފްސައިޑުގައި ކަމަށް ނިންމި އެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މިރޭ ކުޅެން ނުކުތް ރިޔާދް މަހްރޭޒް މެޗުގެ 90 ވަނަ މިނިޓުގައި ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ހޯލު ދަނޑިއަށް އަމާޒުވެފަ އެވެ. އަދި އިތުރު ވަގުތުގެ ވެސް އެންމެ ފަހު މިނިޓުގައި ޑިބްރޭނާ ހުސްކޮށްލާފައި ދިން ބޯޅައެއް ކީޕަރު އެލިސަން ބޯ މަތިން ފޮނުވާލަން މަހްރޭޒް ޖެހި ބޯޅަ އަށް ހުރަސް އެޅީ މަޓިޕް އެވެ.
ޕްރިމިއާ ލީގުގައި މިރޭ ބްރެންޓްފޯޑް އަތުން ބަލިވެ، ވެސްޓް ހޭމް ޔުނައިޓެޑަށް ވަނީ ގަދަ ހަތަރަކަށް އަރަން ކުރަމުން އަންނަ މަސައްކަތަށް ހުރަސް އެޅިފަ އެވެ. ރަށުން ބޭރުގައި ވެސްޓް ހޭމް ކުޅުނު މެޗުން ބަލިވީ 2-0 އިންނެވެ. އެޓީމުގެ ދެ ލަނޑު، ދެވަނަ ހާފުގައި ޖަހައިދިނީ އިވާން ޓޮނޭ އާއި ބްރަޔާން އެމްބެއުމޯ އެވެ.
މި ނަތީޖާއާ އެކު ވެސްޓް ހޭމް އޮތީ 32 މެޗުން 51 ޕޮއިންޓް ހޯދައިގެން ލީގު ޓޭބަލްގެ ހަވަނައިގަ އެވެ. ފަސްވަނައިގައި އޮތް އާސެނަލް ވަނީ ވެސްޓް ހޭމަށް ވުރެ ދެ މެޗު މަދުން ކުޅެ، ތިން ޕޮއިންޓް އިތުރަށް ހޯދައިފަ އެވެ. ވެސްޓް ހޭމްގެ ފަހަތުގައި އޮތީ އެޓީމަށް ވުރެ އެއް މެޗު މަދުން ކުޅެގެން އެއް އަދަދަކަށް ޕޮއިންޓް ހޯދާފައިވާ މެންޗެސްޓާ ޔުނައިޓެޑެވެ.
ލެސްޓާ ސިޓީ ވެސް ވަނީ މިރޭ 2-1 އިން ކްރިސްޓަލް ޕެލަސް ބަލި ކޮށްފަ އެވެ. އަދި ލީގުގެ ފުލުގައި އޮތް ނޯރިޗް ސިޓީން ވަނީ، އަމިއްލަ ދަނޑުގައި، 18 ވަނައިގައި އޮތް ބާންލީއާ ވާދަކޮށް 2-0 އިން މެޗު ކާމިޔާބުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
11 April 2022
މަރުހަބާ @ލެއްގިކޮމިޝަނަރް.