ވެލެންސިއާ، ސްޕެއިން (އޭޕްރީލް 11) - ސްޕެނިޝް ލަ ލީގާގައި ރޭ ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ލެވަންޓޭ އަށް ތިން ޕެނަލްޓީ ލިބުމުން ވެސް ބާސެލޯނާ މެޗު ކާމިޔާބު ކޮށްފި އެވެ.

ބާސެލޯނާ އިން ރަށުން ބޭރުގައި ކުޅެ ރޭގެ މެޗު ކާމިޔާބުކުރީ 3-2 އިންނެވެ. ފުރަތަމަ ހާފުގައި ލެވަންޓޭގެ ކެޕްޓަން ހޯސޭ ލުއިސް މޮރާލެސް، ބާސެލޯނާގެ ތިން ކުޅުންތެރިން ކައިރިން ދެމިގަނެ، އޭރިއާ ތެރެއަށް ވަދެ ގޯލްކީޕަރު މާކް އަންޑްރޭ ޓާ ސްޓޭގެން ބޯ މަތިން ފޮނުވާލި ބޯޅަ ކީޕަރު އަތުގައި ޖެހިފައި ގޯލަށް ވަންނަން ދަނިކޮށް ދިފާއުކުރީ ބާސެލޯނާގެ ޑިފެންޑަރު އެރިކް ގާސިއާ އެވެ.

ލަނޑެއް ނުޖެހި އެއްވަރުވެގެން ފުރަތަމަ ހާފު ނިމުނު އިރު، ދެވަނަ ހާފުގެ ތިންވަނަ މިނިޓުގައި އުސްމާން ޑެމްބެލޭ ނަގައިދިން ހުރަހަކުން ފެރާން ޓޮރޭޒް ބޮލުން ފޮނުވާލި ހަމަލާ ލެވަންޓޭގެ ކީޕަރު މަތަކުރި އެވެ. ނަމަވެސް އިރުކޮޅެއް ފަހުން ޑެނީ އަލްވޭސް އޭރިއާ ތެރެއިން އިދިކޮޅު ޓީމުގެ ކުޅުންތެރިޔަކަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއެއްގައި ފުރަތަމަ ލީޑު ނެގީ ލެވަންޓޭ އިންނެވެ. މެޗުގެ 52 ވަނަ މިނިޓުގައި މި ޕެނަލްޓީ އެޓީމަށް ކާމިޔާބު ކޮށްދިނީ މޮރާލެސް އެވެ. އޭގެ ދެ މިނިޓު ފަހުން އެރިކް ގާސިއާ އަތުގައި ބޯޅަ ޖެހިގެން ލެވަންޓޭ އަށް ދެވަނަ ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް މިފަހަރު މޮރާލެސް ފޮނުވާލި ބޯޅަ ކީޕަރު ޓާ ސްޓޭގެން ވަނީ ދިފާއުކޮށްފަ އެވެ.

އޮބާމެޔަންގް ބާސެލޯނާ އަށް އެއްވަރު ކޮށްދިން ލަނޑު ޖެހުމަށް ފަހު: ލަނޑު ޖަހަން އެހީވި ޑެމްބެލޭ. -- ފޮޓޯ: އޭއެފްޕީ
އޮބާމެޔަންގް ބާސެލޯނާ އަށް އެއްވަރު ކޮށްދިން ލަނޑު ޖެހުމަށް ފަހު: ލަނޑު ޖަހަން އެހީވި ޑެމްބެލޭ. -- ފޮޓޯ: އޭއެފްޕީ

ޑެމްބެލޭ ނަގައިދިން ހުރަހަކުން، މެޗުގެ 59 ވަނަ މިނިޓުގައި ބާސެލޯނާ އިން އެއްވަރުކުރީ ޕިއޭ އެމެރިކް އޮބާމެޔަންގް ބޮލުން ޖެހި ގޯލުންނެވެ. މިއީ ބާސެލޯނާ އަށް ބަދަލުވެ، އޮބާމެޔަންގް އެޓީމަށް ލީގުގައި ޖަހައިދިން އަށްވަނަ ލަނޑެވެ. އަދި މިއީ ޑެމްބެލޭ މިހާތަނަށް ކުޅުނު 14 މެޗުން ލީގުގައި އެސިސްޓުކުރި 11 ވަނަ ލަނޑެވެ. ލީގުގެ އެސިސްޓް ރޭންކިންގެ އެންމެ ކުރީގައި ޑެމްބެލޭ އޮތީ ރެއާލް މެޑްރިޑުގެ ކަރީމް ބެންޒެމާއާ އެއްވަރަށް އެސިސްޓް ކޮށްގެންނެވެ.

ބާސެލޯނާ އިން އެއްވަރުކުރިތާ ތިން މިނިޓް ފަހުން އެ ޓީމުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ޒުވާން މިޑްފީލްޑަރު ޕެޑްރީ އެވެ. މެޗުގެ 63 ވަނަ މިނިޓުގައި ގަވީ، ލެވަންޓޭގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާ ތެރެއަށް ވަދެ ދިން ބޯޅަ ޕެޑްރީ ވަނީ ތިރިތިރިން ގޯލުގެ ކަނަށް އަމާޒު ކޮށްލައިފަ އެވެ. ގަވީ އާއި ޕެޑްރީ ކުޅެން އެރީ ވެސް ލެވަންޓޭގެ ދެވަނަ ޕެނަލްޓީ ނާކާމިޔާބުވެ، އޮބާމެޔަންގް ބާސެލޯނާގެ ފުރަތަމަ ލަނޑު ޖެހުމުގެ ކުރިންނެވެ.

ޕެޑްރީ ނަގައިދިން ލީޑު ބާސެލޯނާ އަށް ގެއްލުނީ، ލެވަންޓޭ އަށް މި ހާފުގައި ލިބުނު ތިންވަނަ ޕެނަލްޓީ ކާމިޔާބު ކުރުމުންނެވެ. އަލްވޭސްގެ ބަދަލުގައި ކްލެމެންޓް ލެންގްލޭ ކުޅެން އެރިތާ މިނިޓެއް ތެރޭ އޭނާ އޭރިއާ ތެރެއިން ފައުލް ކޮށްގެން ލިބުނު ޕެނަލްޓީ 83 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ގޮންޒާލޯ މެލޭރޯ އެވެ.

ޕެޑްރީ، ބާސާ އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
ޕެޑްރީ، ބާސާ އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކުޑަތަންވެފައި ވަނިކޮށް ގަވީ އަށް ލިބުނު ހުސް ފުރުސަތުގައި ފޮނުވާލި ބޯޅަ ލެވަންޓޭގެ ކީޕަރު މަތަކުރި ކުރި އެވެ. އިތުރު ވަގުތުގައި ބާސެލޯނާ މޮޅުކޮށްދިން ލަނޑު ޖެހީ އޮބާމެޔަންގްގެ ބަދަލުގައި ފަހު ފަސް މިނިޓަށް ކުޅެން އެރުވި ފޯވާޑް ލޫކް ޑި ޔޮން އެވެ. ޖޯޑީ އަލްބާ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ އޭނާ ވަނީ ބޮލުން ޖަހައި ސީދާ ގޯލުގެ ތިރީ ކަނަށް އަމާޒު ކޮށްލައިފަ އެވެ.

މި ނަތީޖާއާ އެކު ބާސެލޯނާ ވަނީ 30 މެޗު ކުޅެގެން 60 ޕޮއިންޓް ހަމަކޮށް ތާވަލުގެ ދެވަނައަށް ޖެހިލައިފަ އެވެ. ތިންވަނައިގައި އޮތް ސެވިއްޔާ ވެސް ބާސެލޯނާއާ އެއްވަރަށް ޕޮއިންޓް ހޯދާފައި ވިޔަސް އެޓީމު ވަނީ ބާސެލޯނާ އަަށް ވުރެ އެއް މެޗު އިތުރަށް ކުޅެފަ އެވެ. އަދި ފައިދާ ގޯލުގެ ތަފާތުން ވެސް ސެވިއްޔާ އަށް ވުރެ ކުރީގައި އުޅެނީ ބާސެލޯނާ އެވެ.

ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު 15 މެޗުން އެޓީމު ވަނީ 11 މެޗު ކާމިޔާބުކޮށް، ހަތަރު މެޗު އެއްވަރު ކޮށްފަ އެވެ. ބާސެލޯނާ އަތުން ރޭ ބަލިވި ލެވަންޓޭ އޮތީ، ލީގުގެ ފުލުގައި އޮތް އަލަވެސްއާ އެއްވަރަަށް 22 ޕޮއިންޓް ހޯދައިގެން 19 ވަނައިގަ އެވެ.

ލީގުގެ އެއްވަނައިގައި އޮތީ 31 މެޗުން 72 ޕޮއިންޓް ހޯދާފައިވާ ރެއާލް މެޑްރިޑެވެ. ރެއާލުން ވަނީ އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި 2-0 އިން ގެޓަފޭ ބަލި ކޮށްފަ އެވެ. ރެއާލްގެ ލަނޑުތައް އެ މެޗުގައި ޖެހީ ކަސެމީރޯ އާއި ލޫކަސް ވަސްގޭޒް އެވެ.