ނިއު ރޭޑިއަންޓަށް 2017 ގައި ކޯޗުކޮށްދިން، ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭޒް އަށް ދޭން ޖެހޭ ފައިސާ، ހަ ދުވަހުގެ ތެރޭގައި އެ ކްލަބުން ނުދައްކައިފި ނަމަ އިތުރު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފީފާ އިން ދީފި އެވެ.

ކުރިން ދިފައި އޮތް މުއްދަތު އިއްޔެ ހަމަވުމުން، ފީފާ އިން އެފްއޭއެމް އަށް ފޮނުވާފައިވާ ސީޓީގައި ބުނެފައި ވަނީ ޓަވަރޭޒަށް ހަ ދުވަހުގެ ތެރޭގައި ބަދަލު ނުދީފި ނަމަ ނިއު އަށް އިތުރު ފިޔަވަޅު އަޅަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީ އަށް ފޮނުވާނެ ކަމަށެވެ. މިހާރު ވެސް ނިއު އަށް ކުޅުންތެރިން ސޮއިކުރުވުން އޮތީ މަނާކޮށްފަ އެވެ. އަދި އޭގެ އިތުރުން އެފްއޭއެމުން ވަނީ ފުޓުބޯޅައިގެ ހަރަކާތްތަކުން އެ ކްލަބް ސަސްޕެންޑް ވެސް ކޮށްފަ އެވެ.

ޓަވަރޭޒްގެ މުސާރައިގެ މައްސަލައިގައި ނިއު އިން ދައްކަން ޖެހޭ ފައިސާގެ ގޮތުގައި 571،724 ރ. ދައްކަން ޖެހެ އެވެ. އެއީ އޭނާ އަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 4000 އެމެރިކާ ޑޮލަރު (61،680ރ.)، ނިއު އިން ޓަވަރޭޒްއާ އެކު ހެދި ކޮންޓްރެކްޓާއި އެ ކްލަބުން ހިލާފުވެފައިވާތީވެ ބަދަލެއްގެ ގޮތުން ދޭން ޖެހޭ 20،000 އެމެރިކާ ޑޮލަރު (308،400ރ.) އަދި ފީފާ އަށް ދޭން ޖެހޭ 8000 ސްވިސް ފްރޭންކް (124087ރ.) އާއި ޖޫރިމަނާގެ ގޮތުގައި 5،000 ސްވިސް ފްރޭންކް (77,557ރ.) އެވެ.

ކުރިން ފީފާ އިން އެފްއޭއެމަށް އަންގާފައި ވަނީ، ނިއު އިން އެ ފައިސާ އަދާނުކޮށްފި ނަމަ އެ އެސޯސިއޭޝަނާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ. ހަ ދުވަސްތެރޭ ނިއު އިން ފައިސާ ނުދައްކައިފި ނަމަ އެ ކަލްބަށް އަޅާނީ ކޮން ފިޔަވަޅެއް ކަމެއް ފީފާ އިން ހާމަކޮށްފައެއް ނުވެ އެވެ.

ނިއު އަށް ކުޅުނު އަފްގާނިސްތާންގެ ޑިފެންޑަރު ޒޯހިބް އިސްލާމް ހާރޫން އަމީރީ އަށް މުސާރަ ދީފައިނުވާ މައްސަލާގައި ވެސް ފީފާ އިން ވަނީ ނިއު އަށް ފިޔަވަޅު އަޅައިފަ އެވެ. އެ ފައިސާ ވެސް އަދި ދައްކައިފައެއް ނުވެ އެވެ.

ނިއު އަށް ފީފާ އިން އިންޒާރު ދީފައި މިވަނީ، އެ ކްލަބުގެ ސަޕޯޓަރުންގެ ތެރެއިން ބަޔަކު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ނަމުގައި ޓީމެއް ހަދައިގެން ހަރަކާތްތައް ފަށާފައި ވަނިކޮށެވެ. ނަމަވެސް އެ ކްލަބަށް އެފްއޭއެމްގެ ހައިސިއްޔަތު ނުދިނުމަށް އޭއެފްސީން އަންގާފައިވާ ކަމަށް އެފްއޭއެމުން ބުނުމުން އެކަމުގެ ފޯރި ވެސް މިދުވަސްވަރު ވަނީ ގަދަވެފަ އެވެ.