ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ފީފާއިން އެޅި ޓްރާންސްފާގެ ބޭން އުވާލުމަށް ފަހު އެ ކްލަބަށް ކުޅުންތެރިން ގެނައުމުގެ ހުއްދަ ދީފި އެވެ.
ނިއު އަށް 2018 ވަނަ އަހަރު ކުޅުނު ބިދޭސީ ތިން ކުޅުންތެރިންނާއި 2017 ގައި އެ ކްލަބަށް އިރުޝާދު ދިން، ޕޯޗުގަލަގެ ބެނާޑޯ ޓަވަރޭޒަށް ދޭންޖެހޭ 2،15000 އެމެރިކާ ޑޮލަރު (3.3 މިލިއަން ރުފިޔާ) މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފީފާ އަށް ދައްކައިފަ އެވެ. ހަމަ އެ ދުވަހު، ފީފާ އަށް މައްސަލަ ހުށަހެޅި ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިޔަކަށް ފީފާ މެދުވެރިކޮށް ފައިސާ ދިންކަން އެ ކުޅުންތެރިން ނިއު އަށް އެންގި އެވެ.
މިދިޔަ މަހު ނިއުގެ ޗެއާމަންކަމާ ހަވާލުވި، އަހްމަދު ވާސިފް ކުރިން "މިހާރު" އަށް ވިދާޅުވީ ބިދޭސީ ކުޅުންތެރިންނާއި ކޯޗަށް ވެސް ފައިސާ ދީފައިވާކަން އެ ފަރާތްތައް މެދުވެރިކޮށް އެނގިފައިވާ ކަމަށެވެ. ނަމަމަވެސް ޓްރާންސްފާ ބޭން މުޅިން ލިފްޓް ވާނީ ފީފާއިން ރަސްމީކޮށް ލިޔުން ފޮނުވުމުން ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.
މިހާރު، ފީފާއިން ވަނީ ޓްރާްންސްފާ ބޭން އުވާލިކަން ރަސްމީކޮށް ނިއު އަށް އަންގައިފަ އެވެ. ނަމަވެސް ނިއު އަދި ވެސް އޮތީ އެފްއޭއެމްގެ ސަސްޕެންޝަނެއްގަ އެވެ. ސަސްޕެންޝަނުން އަރައިގަނެވޭ ވަރަށް ނއިު އިން ވަނީ މަސައްކަތް ފުރިހަމަކޮށްފަ އެވެ. މި ހަފުތާގައި ބާއްވާ، އެފްއޭއެމްގެ އެކްސްކޯގައި ނިއުގެ ސަސްޕެންޝަން އުވާލާނެ ކަމަށް ބެލެވެ އެވެ. ނިއުގެ ސަސްޕެންޝަން އުވާލުމުގެ ބާރު، އެފްއޭއެމްގެ ކޮންގްރެސްއިން ވަނީ އެކްސްކޯ އަށް ދީފަ އެވެ.
ސަސްޕެންޝަން ރަސްމީކޮށް އުވާ ނުލި ނަމަވެސް، ސޮބާހް މުހައްމަދު އިބްރާހިމްގެ ކޯޗު ކަމުގައި ނިއު އިން އަންނަނީ، އަންނަ މަހު ފަށަން ތާވަލުކޮށްފައިވާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންނެވެ. ފީފާގެ ޓްރާންސްފާ ބޭން އިން ކްލަބް ސަލާމަތްވުމުން ބިދޭސީ ކުޅުންތެރިން ވެސް ޓީމަށް ގެނައުމަށް އެ ކްލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ފީފާގެ އަދަބުން ސަލާމަތް ވެވުނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ދެއްވި ލަފާފުޅާ އެއްގޮތަށް މަސައްކަތް ކުރެވުމުން ކަމަށް ވާސިފް ވިދާޅުވި އެވެ. އަދި ފީފާ އަށް ފައިސާ ދެއްކުމުގައި ނިއު އަށް ހެޔޮ އެދޭ ވިޔަފާރިވެރިންނާއި ގިނަ ބަޔަކު އެހީ ދެއްވާފައިވާކަން ވެސް ވާސިފް ފާހަގަކުރެއްވި އެވެ.
ނިއު އަލުން ކޮޅަށް ޖެހުމުގެ މަސައްކަތް ފެށީ، އޭގެ ކުރިން ރޭޑިއަންޓްގެ ނަމުގައި ކްލަބެއް ރަޖިސްޓްރީކޮށް ހަރަކާތްތަށް ފެށި ނަމަވެސް، ނިއުގެ ދަރަނި ހަލާސް ކުރުމުން ނޫނީ އެ ކްލަބަށް ކުރިއަށް ނުދެވޭނެ ކަމަށް އޭއެފްސީން އަންގާފައިވާ ކަމަށް އެފްއޭއެމުން ބުނުމުންނެވެ. އެ ކަލްބްގެ ޗެާމަނަކީ ވެސް ވާސިފް އެވެ. އޭނާ ވިދާޅުވީ ނިއުގެ ބީ ޓީމުގެ ގޮތުގައި ރޭޑިއަންޓް ވެސް ކުރިއަށް ދާނެ ކަމަށެވެ.