ނިއުގެ ބޯޑުގެ ބައެއް މެންބަރުން: 17،000 ޑޮލަރު ދައްކައި ނިއު އިން ވަނީ ޓްރާންސްފާގެ އަދަބުން ސަލާމަތް ވެފަ --- ފޮޓޯ: ނިއު
17 ސެޕްޓެމްބަރ 2025 - 23:07
ނިއު ރޭޑިއަންޓްގެ ކުރީގެ ލީޑާޝިޕްގެ ދަށުން ދެވަނަ ޑިވިޝަނުގައި އެ ކްލަބަށް ގެނައި ގާނާގެ އަބްދުލް ފައްތާހް އަށް ދޭން ޖެހޭ މުސާރ ނުދީ އޮތުން އިތުރުވި ޖޫރިމަނާގެ އަދާދާ އެކު ގާތްގަނޑަކަށް 17،000 ޑޮލަރު ދައްކައި އެ ކްލަބަށް ފީފާއިން ކުރިމަތި ކުރި ޓްރާންސްފާ ބޭންގެ އަދަބު ފިލުވާފައިވާ ކަމަށް، ޗެއާމަން އަހްމަދު މުބީން ވިދާޅުވި އެވެ.
މުބީން ވިދާޅުވީ އެ ޕޭމަންޓް، ނިއު އިން ހަލާސް ކުރިތާ ދުވަސްތަކެއް ވެސް ވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޓްރާންސްފާ ބޭން ނިމުމަކަށް ގެނައިކަން ވެސް ފީފާއިން ވެސް ލިޔުމުން އަންގާފައިވާ ކަމަށެވެ.
މިހާރު އަށް މައުލޫމާތު ހިއްސާ ކުރި އެހެން މަސްދަރަކުން ބުނީ ކުޅުންތެރިޔާ އަށް ފައިސާ ލިބުމުގައި ދުވަސްތަކެއް ހޭދަވި ކަމަށެވެ. އެއީ ފައިސާގެ ޓްރާންސެކްޝަން މަރުހަލާގައި އައި ލަސްވުމެއް ކަމަށް އެ މަސްދަރުން ބުންޏެވެ.
އަބްދުލް ފައްތާހް އަށް އެ ފައިސާ ލިބިފައިވާކަން އޭނާ ފީފާ އަށް އަންގާފައިވާކަމަށް "މިހާރު" ގެ މަސްދަރުން ބުންޏެވެ.
ނިއު އަށް ކުރިން ކުޅުނު އަފްގާނީސްތާނުގެ ޑިފެންޑަރު ޒޯހިބް އިސްލާމް އަމީރީ އާއި އެ ޓީމުގެ ކުރީގެ ކޯޗު ބެނާޑޯ ޓަވަރޭސް އަށް މުސާރަ ނުދީގެން ވެސް ފީފާއިން އެ ކްލަބަށް ޓްރާންސްފާ ބޭންގެ އަދަބު ކުރިމަތި ކުރި އެވެ. އޭގެ ފަހުން އެ ޓީމު ސަސްޕެންޑްކޮށް ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކުރުމުން، ނިއު އިން 2022 ގައި އެނބުރި އައީ އަމީރީ އާއި ޓަވަރޭސްގެ މުސާރަ ހަލާސް ކުރުމަށް ފަހު އެވެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ދިވެހި ލީގުން ވަކިވުމުން، އެފްއޭއެމުން ނިންމީ އެންމެ ފަހުގެ ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުން ބަލިވި ދެ ޓީމުގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ޓީމަށް އެއްވަނަ ޑިވިޝަނުން ޖާގަ ދިނުމަށެވެ.
ދެވަނަ ޑިވިޝަނުގެ ފައިނަލަށް ދަތުރުކޮށްގެން އޮޑި ސްޕޯޓްސް އާއި ވިކްޓަރީ އަށް އެއްވަނަ ޑިވިޝަނުގެ ޖާގަ ކަށަވަރުވި އެވެ. ސެމީގައި އެ ދެ ޓީމު އަތުން ބަލިވީ ޓެންޓް ސްޕޯޓްސް އާއި ނިއު އެވެ. ޓެންޓާ ނިއުގެ ނަތީޖާއިން ނިއު އަށް ކުރި ލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy