ދިވެހި ޕްރިމިއާ ލީގުގެ ތާރީހުގައި މާލެއިން ބޭރުގައި ކުޅުނު ފުރަތަމަ މެޗުގައި ގދ. ގައްދޫގައި ކުޅެ، އެ ރަށު ޓީމާ ވާދަކޮށް ނިއުރޭޑިއަންޓް 2-0 ން ކާމިޔާބު ހޯދައިފި އެވެ.
ގައްދުއަކީ، މާލޭން ބޭރުގައި ލީގުގެ ފުރަތަމަ ހޯމް މެޗު ކުޅުނު ޓީމެވެ.
ރާއްޖޭގެ މައި ލީގުގެ ގޮތުގައި 2000 ވަނަ އަހަރު ތައާރަފް ކުރި ލީގުގައި މީގެ ކުރިން ވެސް ރަށްރަށުގެ ޓީމުތައް، ކުޅެފައިވެ އެވެ. ނަމަވެސް، އެ ހުރިހާ ޓީމެއްގެ މެޗުތައް ކުޅުނީ މާލޭގެ ގަލޮޅު ދަނޑުގަ އެވެ.
މީގެ ކުރިން ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗު ހޯމް އެންޑް އަވޭ އުސޫލުން ށ. ފޯކައިދޫގައި ކުޅުނެވެ. ޓީސީން 2018 ގައި ފޯކައިދުއަށް ދަތުރުކޮށް ޗެރިޓީ ޝީލްޑްގެ ފުރަތަމަ ލެގް މެޗު، އެ ރަށު ޓީމާ ދެކޮޅަށް ކުޅުނެވެ. ދެވަނަ ލެގް މެޗު ކުޅުނީ މާލޭގަ އެވެ.
ކުރިން ތާވަލުކޮށްފައި އޮތީ ގައްދުއާއި ނިއުގެ މެޗު އިއްޔެ ކުޅޭ ގޮތަށެވެ. ނަމަވެސް ބޯ ވިއްސާރައިގެ ސަބަބުން މެޗު، މިއަދަށް ފަސް ކުރީ އެވެ.
ގައްދޫގެ ދަނޑުގައި ކުޅުނު މެޗު ބަލަން ގިނަ ބަޔަކު ދަނޑުގެ ތޭރި ބިއްދޮށުގައި ކޮޅަށް ތއްބެވެ. އެފްއޭއެމުން ހިއްސާ ކުރި މެޗު ރިޕޯޓްގައިވާ ގޮތުން މިއަދު ހަވީރު ކުޅުނު އެ މެޗު ބަލަން 400 އަށް ވުރެ ގިނަ މީހުން ދަނޑަށް ހާޒިރުވި އެވެ.
ހަމަ މިއަދު ހަވީރު މާލޭގެ ގަލޮޅު ދަނޑުގައި އީގަލްސްއިން ވަނީ، ލީގަށް އަލަށް ޕްރޮމޯޓްވި ބިސް ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗަށް ހާޒިރުވީ ކިހާ އަދަދެއްގެ ސަޕޯޓަރުންނެއް ކަމެއް ހިމަނާފައެއް ނުވެ އެވެ.
ގައްދުއާ ދެކޮޅަށް ނިއުގެ ދެ ލަނޑު ވެސް ޖެހީ ޑޮރިއެލްޓަން ގޯމޯޒް (ޑޯރީ) އެވެ. އެ ލަނޑު ޖެހުމުގައި އޭނާ އަށް ފުރުސަތު ތަނަވަސްކޮށް ދިނީ ކަޕް ވިނާސް ކަޕްގައި ވެސް އޭނާ އަށް ގިނަ ޕާސް ތަނަވަސްކޮށް ދިން ގިލްޔޭމީ ސިލްވާ އެވެ.
މެޗުގެ އަށް ވަނަ މިނެޓްގައި ސިލްވާ ނަގައި ދިން ހުރަސް ޑޯރީ ވަނީ ބޮޅުން ގޯލްގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ދެވަނަ ލަނޑު ޖެހި އެވެ. އެ ލަނޑު ޖަހަން ވެސް ޑޯރީ އަށް ބޯޅަ ތަނަވަސްކޮށް ދިނީ ސިލްވާ އެވެ. އޭނާ މިފަހަރު ވެސް މަތިމަތިން ނަގައި ދިން ހުރަސް، މައްޗަށް ފުންމައިގެން އަރައި ޑޯރީ ބޮލުން ގޯލްގެ ތެރެއަށް ވައްދާލި އެވެ.
ލީގުގައި ގައްދޫގެ ދެވަނަ މެޗު ވެސް އެ ޓީމުން ކުޅޭނީ އަމިއްލަ ދަނޑުގަ އެވެ. އެ ރަށަށް ދެން ދަތުރުކުރާނީ އީގަލްސް އެވެ. އެ މެޗު އޮންނާނީ މި އަންނަ ހުކުރު ދުވަހު އެވެ.