ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ހެޑް ކޯޗުކަމާ ހަވާލުވުމަކީ ލިބުނު ބޮޑު ފުރުސަތެއް ކަމަށާއި، އަމާޒަކީ އެ ކްލަބަށް ކުރިން ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޯޗު އަދި އޭނާގެ އެކުވެރިޔާ އޮސްކާ ބްރޫޒޮން ފަދައިން ހުރިހާ ތަށްޓެއް ކާމިޔާބުކުރުން" އެ ޓީމު ކޯޗު ފްރަންސިސްކޯ ކައިންޒޯސް (ކައި) ބުނެފި އެވެ.

ސްޕެއިންއަށް ނިސްބަތްވާ ކައިޒޯންސާއި އޮސްކާއަކީ ދެ އެކުވެރިންނެވެ. ނިއުގެ ކޯޗުކަމަށް އޭނާ ހަމަޖެއްސީ އޮސްކާގެ ލަފާގެމަތިންކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ. 

ކައި ވެސް ބުނީ ނިއުގެ މަގާމުގެ ފުރުސަތު އޭނާ އަށް ފަހިވުމުގައި އޮސްކާގެ ދައުރު ބޮޑު ކަމަށެވެ. 

އޭނާ ބުނީ ނިއު ފަދަ ތާރީހީ ބޮޑު ކްލަބަކުން ފުރުސަތު ލިބުމަކީ އޭނާގެ ކޯޗިން ކެރިއަރުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ރާއްޖެ އާއި ނިއު ރޭޑިއަންޓަށް އައުމުގެ ފުރުސަތު ފަހިކޮށްދިނުމުގައި އޮސްކާގެ ދައުރު ވަރަށް ބޮޑު،" ދިވެހި ޕްރިމިއާ ލީގުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި މިދިޔަ ހޯމަ ދުވަހު ވާހަކަ ދައްކަމުން ކައިންޒޯސް ބުންޏެވެ. 

"ދެން އޮތީ އަހަރެންގެ ހުނަރާއި ގާބިލުކަން ދައްކައި މި ބޮޑު ކްލަބަށް ކާމިޔާބީ ހޯދައިދިނުން. އުއްމީދަކީ އޮސްކާ ފަދައިން ހުރިހާ ތަށްޓެއް ކާމިޔާބުކުރުން. އެކަމަކު މިއީ ވަރަށް އުނދަގޫ ކަމެއް،" އޭނާ ބުންޏެވެ.

އޮސްކާއާ އޮންނަ ގުޅުމާ ބެހޭގޮތުން ވާހަކަދައްކަމުން ކައިންޒޯސް ބުނީ ހަފުތާއަކު ދެތިން ފަހަރަށް އޭނާއާ މެސެޖްގެ ޒަރިއްޔާއިން ވާހަކަ ދެކޭވޭ ކަމަށެވެ. 

"ހަފުތާއަކު އެކަކު އަނެކަކާ ދެތިން ފަހަރު ވާހަކަދެކެވޭ. އަދި އޮސްކާ އަބަދުވެސް "ރާއްޖެ އާއި ކްލަބާއި ރާއްޖޭގެ ސަޕޯޓަރުންނާ ބެހޭގޮތުން ސުވާލުކުރާ،" ކައިންޒޯސް ބުންޏެވެ.

ނިއު ރޭޑިއަންޓްގައި އޮސްކާ ހޭދަކުރި ގާތްގަނޑަކަށް ދޮޅު އަހަރުގައި، އޭނާ ވަނީ ރާއްޖޭގައި ބާއްވާ ހުރިހާ މުބާރާތެއްގެ ތަށި އެ ކްލަބަށް ކާމިޔާބުކޮށްދީފަ އެވެ. 

އިންޑިއާގެ އީސްޓް ބެންގާލަށް، މިދިޔަ ސީޒަނުގެ އިންޑިއަން ސުޕަ ލީގު ކާމިޔާބުކޮށް ދިނުމަށް ފަހު، އެ ޓީމު މަގާމުން އޮސްކާ ވަކިވި އެވެ. އޭނާ މިހާރު މަސައްކަތް ކުރަނީ އިންޑޮނޭޝަިއާގެ ސުޕަ ލީގުގެ ކްލަބް، ބަޔަންގްކާރާ ޕްރެސިސީ ލަމްޕުންގް އެފްސީގަ އެވެ. 

ކައިންޒޯސްގެ ކޯޗުކަމުގެދަށުން، މިދިޔަ ސީޒަނުގެ އެފްއޭ ކަޕް އެ ކްލަބަށް ކާމިޔާބުކޮށް ދީފަ އެވެ. އެކަމަކު މި ސީޒަނުގައި އެ ކްލަބުން ކުރިމަތިލި ފުރަތަމަ މުބާރާތް، ކަޕް ވިނާސް ކަޕް ނިއު އަށް ގެއްލުނީ މާޒިޔާއަތުން ޕެނަލްޓީ ޖަހައިގެން ބަލިވުމުންނެވެ. އޭގެ ކުރިން ކުޅުނު ޗެރިޓީ ޝީލްޑް ވެސް ގެއްލުނީ ހަމަ މާޒިޔާއަތުން ޕެނަލްޓީގައި ބަލިވުމުންނެވެ. 

ކައިންޒޯސް ބުނީ މި ފަހަރުގެ ސީޒަނުގެ ވާދަވެރިކަން ބޮޑު ކަމަށެވެ. އޭނާ ބުނިގޮތުގައި މި ސީޒަނުގައި ވަރުގަދަ ފަސް ޓީމެއް އެބައޮތް ކަމަށެވެ. ލީގުގައި މެޗަކުން ބަލިވެއްޖެނަމަ ވެސް ލީގު ހޯދަން އުނދަގޫވާނެކަން އޭނާ ފާހަގަ ކުރި އެވެ. 

"މި ފަހަރު 3، 4 ނުވަތަ 5 ޓީމެއް ފެންނަނީ އެއް ފެންވަރެއްގައި. އަދި މިއީ އެންމެ 18 މެޗު އޮތް ކުރު މުބާރާތެއް ކަމުން، އެންމެ މެޗަކުން ބަލިވުން ނުވަތަ އެއްވަރުވުމަކީ ވެސް ކަންކަން ވަރަށް އުނދަގޫވެގެންދާނެ ކަމެއް،" އޭނާ ބުންޏެވެ.  

ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއުއިން ނުކުންނާނީ އޮޑި ސްޕޯޓްސްއާ ދެކޮޅަށެވެ. މިއަދު ހަވީރު، މާޒިޔާއިން ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ.