ކުޅިވަރު / ޗެލްސީ

ހިލޭ ޓްރާންސްފާގައި ރުޑިގާ ކުލަބް ދޫކޮށްލަނީ، ޗެލްސީ ނުކުޅެދިފައި

ޗެލްސީގެ ޖަރުމަން ޑިފެންޑަރު ރުޑިގާ. އޭނާ ވަނީ ރެއާލް އަށް ބަދަލުވާން އެއްބަސް ވެފައި.-- ފޮޓޯ: ގެޓީ އިމޭޖަސް

ލަންޑަން (އޭޕްރީލް 25) - ޗެލްސީ އަށް ކުޅެމުން އަންނަ ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑިގާގެ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު، ސީޒަން ނިމުމުން ހިލޭ ޓްރާންސްފާގައި އޭނާ ކުލަބު ދޫކޮށްލާނެކަން ހާމަކޮށްފި އެވެ.

ޗެލްސީގެ ވެރިޔާ ރަޝިއާގެ ރޯމަން އަބްރަމޮވިޗަށް އެޅި ފިޔަވަޅުތަކާ އެކު ޗެލްސީ ވަނީ ކުޅުންތެރިން ގަނެ ވިއްކުމުގެ އިތުރުން ޓީމުގައި ތިބި ކުޅުންތެރިންގެ ކޮންޓްރެކްޓް އާކުރުމުގެ ކަންކަމުން ވެސް މަހުރޫމްވެފަ އެވެ. ކުލަބުގެ ކަންކަން ކުރިއަށް ގެންދަނީ އިނގިރޭސި ސަރުކާރުން ދީފައިވާ ވަގުތީ ލައިސެންސެއްގެ ދަށުންނެވެ. އެހެންވެ، ޓީމުގެ ފަހަތުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ރުޑިގާ، 29، މި ސީޒަން ނިމުމުން ކުލަބު ދޫކޮށްލަން ނިންމާފައިވާކަން އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން މޮޅުވި މެޗަށް ފަހު ހާމަކޮށްފަ އެވެ.

"އޭނާ (ރުޑިގާ) ބޭނުންވޭ ކުލަބު ދޫކޮށްލަން. އަހަރެންނަށް ޕާސަނަލީ އެކަން އަންގާފައި އޮތީ. އަހަރެންނާއި ކުލަބުން ވެސް ކުރެވެން ހުރި ކަމެއް ކުރިން އޭނާ ބަހައްޓަން. އެކަމަކު ފިޔަވަޅުތަކުގެ ސަބަބުން ކުރެވޭނެ މާ ބޮޑު ކަމެއް ނެތް. އަހަރެމެންގެ އަތްތައް ހުރީ ބަނދެވިފައި،" ރޭގެ މެޗަށް ފަހު ޓުޗެލް ބުންޏެވެ.

މީޑީއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ސީޒަނަށް ފަހު ރުޑިގާ ވަނީ ދިގު މުއްދަތަކަށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމައިފި އެވެ. އަދި މި ނިންމުން ނިންމާފައި ވަނީ މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީން ވެސް އޭނާ ހޯދަން މަސައްކަތް ކުރަމުން ދަނިކޮށެވެ. އަދި ރުޑިގާގެ އެޖެންޓުން ވަނީ މިދިޔަ މަހު ބާސެލޯނާގެ އޮފިޝަލުންނާ ވެސް ބައްދަލު ކޮށްފަ އެވެ.

އަންނަ ސީޒަނުން ފެށިގެން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރެއާލް މެޑްރިޑަށް ރުޑިގާ ބަދަލުވާން އަނގަބަހުން އެއްބަސްވެފައިވާކަން މީޑިއާ ރިޕޯޓްތައް ހާމަކުރެ އެވެ. އަދި ސީޒަން ނިމުމުގެ ކުރިން އަންނަ މަހު ވެސް ކޮންޓްރެކްޓުގައި ސޮއިކޮށްފާނެ ކަމަށް އެ ރިޕޯޓްތައް ބުނެ އެވެ.

އެފްއޭ ކަޕް ސެމީ ފައިނަލް މެޗަށް ފަހު ޓުޗެލް، ރުޑިގާ އާއެކު. މުބާރާތުގެ ފައިނަލުގައި ޗެލްސީ ނުކުންނާނީ ލިވަޕޫލާ ދެކޮޅަށް. ޓުޗެލް އާއެކު މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ފައިނަލުގައި ލެސްޓާ އަތުން ބަލިވި ޗެލްސީ ވަނީ މި ސީޒަނުގެ ލީގް ކަޕް ފައިނަލުގައި ލިވަޕޫލް އަތުން ބަލި ވެފައި.-- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގައި ޗެލްސީގެ ޓީމުގައި ރުޑިގާ ނުހިމެނެ އެވެ. އޭނާ ނުހިމެނީ ކޮންޓްރެކްޓުގެ މައްސަލައިގައި ނޫން ކަމަށާއި އޭނާ ހުރީ ކުޑަވަރެއްގެ އަނިޔާއެއްގައިކަން ވެސް ޓުޗެލް ވަނީ ބުނެފަ އެވެ. އަދި އޭނާއަކީ އަނިޔާއާ އެކު ވެސް ކުޅެން ފަސްޖެހޭނެ ކުޅުންތެރިއެއް ނޫން ކަމާއި، މި ހަފްތާގެ ތެރޭ އަލުން ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. މީގެ އިތުރުން މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވަންދެން ރުޑިގާ ހުންނާނީ ޗެލްސީގެ މުހިއްމު ކުޅުންތެރިއެއް ގެ ގޮތުގައިކަން ވެސް ޓުޗެލް ބުނެ އެވެ.

ރުޑިގާ ވަނީ މިދިޔަ 15 މަސް ތެރޭ ޓުޗެލް އާއެކު ޗެލްސީގައި ޗެމްޕިއަންސް ލީގާއި ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ހޯދާފައި.

ޗެލްސީގެ ކުރީގެ ލެޖެންޑް ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި ރުޑިގާ އަށް ޓީމުން ޖާގަ ގެއްލުނު ނަމަވެސް މިދިޔަ އަހަރު ޖެނުއަރީގައި ޓުޗެލް ޓީމާ ހަވާލުވުމާ އެކު ރުޑިގާ ވަނީ އަލުން ޓީމުގެ ފުރަތަމަ 11 ގައި ހިމެނެން ފަށައިފަ އެވެ. އޭގެ ފަހުން ޗެލްސީން ޓުޗެލްއާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫއެފާ ސުޕަ ކަޕްގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕް ހޯދުމުގައި ވެސް ރުޑިގާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި ސަޕޯޓަރުންގެ ފޭވަރިޓަކަށް ވެސްވެފަ އެވެ. އޭގެ ކުރިން އެފްއޭ ކަޕާއި ޔޫރޮޕާ ލީގް ވެސް ރުޑިގާ ވަނީ ޗެލްސީއާ އެކު ކާމިޔާބު ކޮށްފަ އެވެ.

ސެންޓަ ބެކެއްގެ މަގާމަށް ކުޅުނަސް އޭނާ އަކީ އެކަނި ބޯޅަ ހިފައިގެން ކުރިޔަށް އަރައި، ވަރަށް ބޮޑަށް އެޓޭކުގައި ވެސް ބައިވެރިވެގެން ކުޅެން މަސައްކަތް ކުރާ ކުޅުންތެރިއެކެވެ. މި ސީޒަނުގައި ލީގުގައި މިހާތަނަށް އޭނާ ތިން ގޯލު ޖެހި އިރު ދެ ޕެނަލްޓީ ވަނީ ހޯދައިދީފަ އެވެ. އަދި ޗެމްޕިއަންސް ލީގުގައި ރެއާލްގެ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅުނު ދެވަނަ ލެގް މެޗުގައި އެގްރިގޭޓް ނަތީޖާ އެއްވަރު ކުރަން ޖެހި ލަނޑު ވެސް ޖެހީ ރުޑިގާ އެވެ. އެ މެޗުގައި ރެއާލް ބަލިކުރަން ޗެލްސީގެ މުޅި ޓީމު ކުރިޔަށް އަރާ ތިބި ވަގުތުގައި ވެސް ފަހަތަށް ދާ ބޯޅަތައް އޭނާ ވަނީ ފަހަތުގައި ހުރެ ހުށިޔާރު ކަމާ އެކު ދިފާއު ކޮށްފަ އެވެ.

ޓުޗެލް ފާހަގަކުރާ ގޮތުގައި ޗެލްސީގެ ސްކޮޑުގައި ރުޑިގާ ރިޕްލޭސް ކުރެވޭނެ ވަރުގެ ކުޅުންތެރިއެއް މި ވަގުތަށް ނެތްއިރު، އެކަމަށް އަވަސް ހައްލެއް ވެސް ހޯދަން ވަނީ ޖެހިފަ އެވެ. ނަމަވެސް އެކަން ކުރެވެން އަންނަނީ އިނގިރޭސިވިލާތުގެ ސަތުކާރުން އަޅާފައިވާ ފިޔަވަޅުތަކުން ސަލާމަތް ވެގެން ކަން ވެސް އޭނާ ގަބޫލު ކުރެ އެވެ.

ރުޑިގާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ޗެލްސީ އަށް އާންމު ހާލަތަކަށް އާދެވެން އޮތީ ކުލަބު ވިއްކާލުމުގެ ކަންކަން ފުރިހަމަ ވެގެންނެވެ. އަދި ކުލަބު ވިއްކާލާނެ ފަރާތެއް ނިންމުމުގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ ހުއްދަ ވެސް ބޭނުންވާއިރު، އެކިއެކި ފިއްތުންތަކާ އެކު ކުލަބް ވިއްކާލާނެ ފަރާތެއް އަދިވެސް އޮތީ ނުނިމި އެވެ.

"ޓްރާންސްފާ ވިންޑޯގެ ކުރިން ފިޔަވަޅުތައް އުވާލައިފި ނަމަ އަހަރެމެންނަށް ވަރަށް ރަނގަޅު. އެކަމަކު ކިތަންމެ ބޭނުންވިޔަސް ހަގީގަތާ ކުރިމަތިލާން އެބަ ޖެހޭ،" ޓުޗެލް ބުންޏެވެ.

ރުޑިގާގެ އިތުރުން ޑިފެންޑަރު އަންޑްރެސް ކްރިސްޓެން އާއި ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާގެ ކޮންޓްރެކްޓް ވެސް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. ކްރިސްޓެންސެން ބާސެލޯނާއަށް ބަދަލުވާން ނިންމާފައިވާކަމަށް އަޑުތައް ފެތުރިފައިވާއިރު އަޒްޕިލިކުއެޓާ އަށް ވެސް ބާސެލޯނާއިން އަންނަނީ ފާރަ ލަމުންނެވެ.

4 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލަމްޕާރޑު

27 April 2022

ކްރިސްޓެންސެން ބާރސާއަށް. ސިލްވާ މުސްކުޅިވެފަ. ކައްޕި އަޒްޕިލިކުއެޓާ އެކަނި ދެން ހުންނާނީ. އިތުރު ކުޅުންތެރިން ގެނެވޭ ކަށް ނެތް. #ޗެލްސީ #ރެލިގޭޓު

The name is already taken The name is available. Register?

ކޮންޓެ

26 April 2022

ޗެލްސީ ނުކުޅެދޭ ކުލަބަކަށް ހަދަން އިނގެރޭސި ބައްސާމު މެން އުޅެނީ، އޭގެ އަސަރު ތި ކުރަނީ. އެކަމަކު މާތްﷲ ވާގިފުޅާއެކު ޗެލްސީ ދާނީ ކުރިއަށް. އެހެން ނޫންތޯ ބުރަދަރ ރަދީފް މާތް މަނިކުފާނު.

The name is already taken The name is available. Register?

ލެއްގިކޮމިޝަނަރ

27 April 2022

އިނގިރޭސި ޕުރިމިއަރލީގުގަ ކުޅެންޏާ ޖެހޭނީ އިނގިރޭސި ސަރުކާރާ އެފްއޭގެ ނިންމުންތައް ބަލައިގަންނަން. އެކަން ގަބޫލު ނުކުރަންޏާ އިޒްރޭލްލީގު ނޫނީ ރަސިޔާ ލީގުކުޅެންދޭ. ތީރަސިޔާގެ ޔަހޫދީއަކު ހިންގާކުލަބެކޭ. ބޭނުންހާ ވަތަރެއް ހުޅަނގުގެ ގައުމުތަކުގަ ނުޖެއްސޭނެ. ޕްރިމިއާރ ލިގުގަ ވާދަކުރާ 19 ކުލަބަކަށް ފިޔަވަޅުނާޅާ ޗެލްސީއަށް އަޅާނީ ކަމެއްވީމަދޯ؟ ދެން ހަޖަމްކޮލާއިގެން ހުރޭ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

27 April 2022

ލެއްގި ބްރޯ.ފީފާ އަދި ޔެފާއިން ކީއްވެގެންތަ ކުޅިވަރު ސިޔާސީކުރަނީ؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454