ބަދަލު ކުޅުންތެރިއެއް ގޮތުގައި ނުކުމެ މޮއިސް ކީން ޔުވެންޓަސް މޮޅު ކޮށްދިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
26 އެޕްރީލް 2022 - 07:14
ސަސުއޮލޯ (އޭޕްރީލް 26) - އިޓާލިއަން ސެރީ އޭގައި ޔުވެންޓަސް އިން ރަށުން ބޭރުގައި ފަހަތުން އަރައި 2-1 އިން ސަސުއޮލޯ ބަލިކޮށް ލީގުގެ ތިންވަނައިގައި އޮތް ނަޕޯލީއާ ޕޮއިންޓަކާ ކައިރިކޮށްފި އެވެ.
ޔުވެންޓަސް އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ގިނަ ހަމަލާ އުފެއްދި ނަމަވެސް މެޗުގެ 38 ވަނަ މިނިޓުގައި ސަސުއޮލޯ އިން ވަނީ ލީޑު ނަގައިފަ އެވެ. ޑޮމިނިކޯ ބެރާޑީގެ ޕާހަކުން ސަސުއޮލޯ އަށް ލީޑު ނަގައިދިނީ މިޑްފީލްޑަރު ގިއަކޯމޯ ރަސްޕަޑޯރީ އެވެ.
ފުރަތަމަ ހާފު ނިމެން ކުޑަތަން ވެފައި ވަނިކޮށް ސަސުއޮލޯ އިން ލީޑު ނެގި ނަމަވެސް 45 ވަނަ މިނިޓުގައި އޭރިއާ ބޭރުން ފޮނުވާޅި ބާރު ހަމަލާއެއްގައި ޔުވެންޓަސް އިން ނަތީޖާ އެއްވަރު ކުރި އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޕައުލޯ ޑިބާލާ އެވެ.
ޑިބާލާ، ޔުވެންޓަސް އަށް ނަތީޖާ އެއްވަރު ކޮށްދިން ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
ޑިބާލާގެ ގޯލު ޖެހުމުގެ ކުރިން ޔުވެންޓަސް އިން ފައުލް ކުރި ކަމަށް ބުނެ ސަސުއޮލޯގެ މެކްސިމް ލޮޕޭޒް ރެފްރީއާ ޒުވާބު ކުރުމުން އޭނާ އަށް ރީނދޫ ކާޑެއް ދައްކައި، ރެފްރީ ވަނީ ފަހުން ވީއޭއާރު ވެސް ބަލައިފަ އެވެ. ވީއޭއާރު ބެލުމަށް ފަހު ވެސް ރެފްރީގެ ނިންމުން ބަދަލެއް ނުކުރެ އެވެ.
ފަހު ހާފުގައި ގެނައި ބަދަލުތަކާ އެކު ޔުވެންޓަސް އިން ތިން ޕޮއިންޓް ކަށަވަރު ކުރީ މެޗުގެ 88 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިޔާ މޮއިސް ކީން ޖެހި ލަނޑުންނެވެ. މިއާ އެކު ޔުވެންޓަސް ހަތަރު ވަނައިގައި އޮތީ ކުޅުނު 34 މެޗުން 66 ޕޮއިންޓް ހޯދައިފަ އެވެ.
ތިންވަނައިގައި އޮތް ނަޕޯލީ ވަނީ މި ހަފްތާގައި އެމްޕޯލީ އަތުން ބަލިވެފަ އެވެ. އެޓީމު ތިން ވަނައިގައި އޮތީ 34 މެޗުން 67 ޕޮއިންޓް ހޯދައިގެންނެވެ.
ޔުވެންޓަސް އަށް ލީގުގައި ބާކީ ހަތަރު މެޗު އޮތްއިރު އެޓީމު ދެން ބައްދަލު ކުރަން ޖެހޭނީ ލީގުގެ ފުލުގައި އޮތް ވެނީޒިއާއާ އެވެ. އެއަށް ފަހު ދެން ކުޅޭނީ 19 ވަނައިގައި އޮތް ޖެނޮއާއާ ދެކޮޅަށެވެ. އަދި އިޓާލިއަން ކަޕް ފައިނަލުގައި އިންޓަ މިލާނާ ދެކޮޅަށް ކުޅުމަށް ފަހު ލީގުގެ ފަހު ދެ މެޗުގައި ބައްދަލުކުރާނީ ލާޒިއޯ އާއި ފިއޮރެންޓީނާއާ އެވެ.
އިޓާލިއަން ލީގުގެ އެއްވަނައިގައި މި ވަގުތު އޮތީ 34 މެޗުން 74 ޕޮއިންޓް ހޯދާފައިވާ އޭސީ މިލާނެވެ. އެއް މެޗު މަދުން ކުޅެގެން 72 ޕޮއިންޓާ އެކު ދެވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނެވެ.
މިދިޔަ ޖެނުއަރީ މަހު އިންޓަ އިން ރަށުން ބޭރުގައި ބޮލޯނިއާއާ ބައްދަލުކުރަން އޮތް މެޗު ފަސްކުރަން ޖެހުނީ ބޮލޯނިއާ ޓީމުގައި ކޮވިޑް-19 ގެ ކޭސްތައް ގިނަ ވުމުގެ ސަބަބުންނެވެ. ފަސް ކުރި މެޗު ބޮލޯނިއާގެ ދަނޑުގައި މިރޭ ކުޅޭއިރު، މެޗުން މޮޅުވެގެން އިންޓާ މިލާނަށް ލީގުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އެބަ އޮތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy