ކުޅިވަރު / އޭސީ މިލާން

ފަހު ވަގުތު ލާޒިއޯ ބަލިކޮށް އޭސީ މިލާން ފަސްބެލުމެއް ނެތި ކުރިއަށް

ޓޮނާލީ މިރޭގެ މެޗުގައި އޭސީ މިލާން މޮޅުކޮށްދިން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

މިލާން (އޭޕްރީލް 25) - އިޓާލިއަން ލީގުގައި، މިރޭ ފަހު ވަގުތު ކާމިޔާބުކުރި ލަނޑާ އެކު 2-1 އިން ލާޒިއޯ ބަލިކޮށް އޭސީ މިލާނުން ލީގު ޗެމްޕިއަންކަން ހޯދުމުގެ އުންމީދު ދަމަހައްޓައިފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނިޓުގައި ލާޒިއޯ އިން ވަނީ ލަނޑު ޖަހައި އޭސީ މިލާން ހާސްކޮށްލައިފަ އެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ސީރޯ އިމޯބިލޭ އެވެ. މި ލަނޑަށްް ފަހު އެޓީމުން ވަނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ޑިފެންސިވް ގޭމެއް ކުޅެފަ އެވެ.

ލާޒިއޯ ލީޑުގައި އޮވެ ދެވަނަ ހާފު ފެށި ނަމަވެސް ފަސްވަނަ މިނިޓުގައި ރަފައެލް ލިއާއޯ ތަނަވަސްކުރި ފުރުސަތެއްގއި އޮލިވިއޭ ޖިރޫ، އޭސީ މިލާނަށް ނަތީޖާ އެއްވަރު ކޮށްދިނެވެ. އޭގެ ފަހުން ޖޫނިއާ މެސިއަސް އަށް ވަނީ މިލާނަށް ލީޑު ނަގައިދޭން ރަނގަޅު ފުރުސަތެއް ލިބި ނާކާމިޔާބުވެފަ އެވެ. ލާޒިއޯ ކުޅުންތެރިން ކައިރިން ނައްޓާފައި މެސިއަސް ފޮނުވާލި ބާރު ހަމަލާ ގޯލާ އަމާޒެއް ނުވި އެވެ.

އަންނަ ސީޒަނުގައި ޔޫރަޕުގެ މުބާރާތެއް ކުޅުމުގެ އުންމީދުގައި ތިބި ލާޒިއޯ ޕޮއިންޓެއް ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި، އޭސީ މިލާނުގެ ސަންޑްރޯ ޓޮނާލީ ޖެހި ލަނޑުންނެވެ. މިއީ މިލާނުން ނެގި ހުރަހެއްގައި ޒަލަޓާން އިބްރަހިމޮވިޗް ތަނަވަސްކުރި ފުރުސަތަކުން އޭނާ ޖެހި ލަނޑެކެވެ.

މި ނަތީޖާއާ އެކު އޭސީ މިލާން ވަނީ އިންޓަ މިލާނަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ދެ ޕޮއިންޓުގެ ލީޑަކާ އެކު އެއްވަނައަށް ޖެހިލައިފަ އެވެ. އޭސީ މިލާން ކުޅުނު 34 މެޗުން ވަނީ 74 ޕޮއިންޓް ލިބިފަ އެވެ. އިންޓަ މިލާން ވަނީ ހޮނިހިރު ދުވަހުގެ ރޭ ރޯމާ ބަލިކޮށްފަ އެވެ. އިންޓަ ކުޅުނު 33 މެޗުން ވަނީ 72 ޕޮއިންޓް ލިބިފަ އެވެ.

މެޗުން ބަލިވި ނަމަވެސް ލާޒިއޯ އަދިވެސް އޮތީ ލީގުގެ ހަތްވަނައިގަ އެވެ. އެޓީމު 34 މެޗުން 56 ޕޮއިންޓް ހޯދާފައިވާއިރު، އެއް މެޗު މަދުން ކުޅެގެން ލާޒިއޯއާ އެއްވަރަށް ޕޮއިންޓް ހޯދާފައިވާ ފިއޮރެންޓީނާ އޮތީ ހަވަނައިގަ އެވެ. ފިއޮރެންޓީނާ ވަނީ، ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތްކުރާ ސެލާނިޓަނާ އަތުން 2-1 އިން އިއްޔެ ބަލިވެފަ އެވެ.

އެމްޕޯލީ އަތުން ބަލިވުމުން ނަޕޯލީގެ ފޯވާޑް ވިކްޓާ އޮސިމްހެން މާޔޫސްވެފައި ހުރެ ދަނުން ފައިބަނީ.-- ފޮޓޯ: އޭއެފްޕީ

ލީގުގެ ތިންވަނައިގައި އޮތް ނަޕޯލީން ރޭ އެމްޕޯލީއާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ގޯލުގެ ލީޑެއް ނަގާފައި ވަނިކޮށް އެމްޕޯލީން ވަނީ ފަހު ދިހަ މިނިޓު ތެރޭ ތިން ލަނޑު ޖަހައި، 3-2 އިން ނަޕޯލީީ ބަލި ކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑްރީސް މާޓެންސްގެ ލަނޑުން ނަޕޯލީ ލީޑު ނެގިއިރު ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު އެޓީމަށް ލީޑު ފުޅާކޮށްދިނީ ކެޕްޓަން ލޮރެންޒޯ އިންސިނިއޭ އެވެ. އެމްޕޯލީން ފުރަތަމަ ލަނޑު ޖެހީ 80 ވަނަ މިނިޓުގައި ލިއަމް ހެންޑަސަން އެވެ. އަދި އޭގެ ތިން މިނިޓް ފަހުން ގޯލްކީޕަރު އަލެކްސް މެރެޓް ހެދި ގޯހެއްގެ ފައިދާ ނަގައި އެއްވަރު ކޮށްދިނީ އަންޑްރެއާ ޕިނަމޮންޓީ އެވެ. ކައުންޓާ އެޓޭކެއްގައި އެމްޕޯލީ މޮޅުވި ލަނޑު 87 ވަނަ މިނިޓުގައި ޖެހީ ވެސް ޕިނަމޮންޓީ އެވެ.

މި ނަތީޖާއާ އެކު ނަޕޯލީ ތިންވަނައިގައި އޮތީ 34 މެޗު ކުޅެގެން ހޯދި 67 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 63 ޕޮއިންޓް ހޯދާފައިވާ ޔުވެންޓަސް އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454