ކުޅިވަރު / އިޓާލިއަން ލީގު

ބަދަލު ކީޕަރު ހެދި ބޮޑު ގޯހަކުން އިންޓަ އަށް އަމިއްލަބާރު ކެނޑިއްޖެ

އިންޓަގެ ބަދަލު ކީޕަރު އަންޑްރޭ އަޔޯނޮޓް ރާޑޫ: ރޭ ގެ މެޗަކީ އޭނާ މި ސީޒަންގެ ލީގުގައި ކުޅުނު ފުރުތަމަ މެޗު. މެޗުން އިންޓަ ބަލިވީ އޭނާ އަށް ހެދުނު ގޯހަކުން --- ފޮޓޯ: ގެޓީ އިމޭޖަސް

28 އެޕްރީލް 2022 - 12:24

ބޮލޯނިއާ (އޭޕްރީލް 28) - މި ސީޒަންގެ ސެރީ އޭގެ މެޗަކުން ފުރަތަމަ ފަހަރަށް ފުރުސަތު ދިން ގޯލްކީޕަރު އަންޑްރޭ އަޔޯނޮޓް ރާޑޫ ހެދުނު ބޮޑު ގޯހަކުން އިޓާލިއަން ސެރީ އޭ ގައި މިރޭ ބޮލޯނިއާ އަތުން 2-1 އިން ބަލިވެ، ޗެމްޕިއަން އިންޓަ މިލާނަށް އަމިއްލަ ބާރު ކެނޑިއްޖެ އެވެ.

މެޗަށް ކުޑަތަން ވެފައި ވަނިކޮށް އިންޓަގެ ގޯލްކީޕަރު އަދި ކެޕްޓަން ސާމިރު ހެންޑަނޮވިޗަށް އަނިޔާވެގެން ގޯލް ބަލަހައްޓަން ފުރުސަތު ދިނީ ރާޑޫ އަށެވެ. އެވެ. އޭނާ އަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި ބޮލޯނިއާ މޮޅުވި ލަނޑު މެޗުގެ 82 ވަނަ މިނިޓުގައި ޖަހައިދިނީ ނިކޯލާ ސަންސޯނޭ އެވެ.

އެއްލުމަކުން އިންޓަގެ ޕެރިސިޗް، ގޯލްކީޕަރު ރާޑޫ އަށް ދިން ބޯޅަ ރަނގަޅަށް ކްލިއާ ކޮށް ނުލެވުމުގެ ފައިދާ ނަގައި ސަންސޯނޭ ވަނީ ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އިންޓަ އިން ލީގު ދިފާއު ކުރަން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އަޅައިފަ އެވެ.

މިރޭގެ މެޗާ އެކު ލީގުގައި ބާކީ ހަތަރު މެޗު އޮއްވައި އިންޓަ މިލާނަށް ވަނީ ލީގު ދިފާއު ކުރުމުގެ އަމިއްލަ ބާރު ގެއްލިފަ އެވެ. މިހާތަނަށް ލިބުނު 72 ޕޮއިންޓާ އެކު އިންޓަ މިލާން އޮތީ ލީގުގެ ދެވަނައިގަ އެވެ. އަދި މި ނަތީޖާ އާއެކު އޭސީ މިލާނަށް ވަނީ 74 ޕޮއިންޓާ އެކު ލީގު އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ.

އިންޓަ މިލާނާއި ބޮލޯނިއާ ބައްދަލުކުރި މެޗުގައި އިންޓަ ގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް މާޔޫސްވެފައި: ލީގު ހޯދުމުގެ އަމިއްލަ ބާރު އެޓީމަށް ވަނީ ގެއްލިފަ .-- ޕޮޓޯ: އޭއެފްޕީ

ޝައްކެއްވެސް ނެތްގޮތުގައި މިއީ ވަރަށް ބޮޑު ހިތްދަތިކަމެއް. އަހަރެމެން މިހާރު މިތިބީ އަހަރެމެންގެ އަމިއްލަ ބާރު ކެނޑިފައި،" މެޗަށް ފަހު ސްކައި ސްޕޯޓް އިޓާލިއާ އަށް ދިން އިންޓަވިއުއެއްގައި އިންޓަގެ ކޯޗު ސިމޯނޭ އިންޒާގީ ބުންޏެވެ. "އަހަރެމެން ޖެހޭނީ މިލާން އިން ކުރާ ކަންތައް ބަލައި ބާކީ އޮތް ހަތަރު މެޗު ކާމިޔާބު ކުރަން މަސައްކަތް ކުރަން،"

ރޭގެ މެޗަކީ މިދިޔަ ޖެނުއަރީ މަހު ކުޅެން ބޮލޯނިއާގެ ދަނޑުގައި ކުޅެން ހަމަޖެހުނު މެޗެކެވެ. ނަމަވެސް މެޗު ކުރިއަށް ނުގެންދެވުނީ ބޮލޯނިއާގެ ގިނަ ކުޅުންތެރިންތަކަކަށް ކޮވިޑް ޖެހިގެން ކަރަންޓީނުގައި ތިބެން ޖެހުމުގެ ސަބަބުންނެވެ. ކޮވިޑުގެ ބަލިމަޑުކާމާ އެކު ވެސް ސޭރީ އޭ ޕްރޮޓޮކޯލްގައި ވާގޮތުގެ މަތިން މެޗަށް ހާޒިރުވާ ޓީމަކަށް 3-0 ގެ ނަތީޖާއަކުން އެޓީމަކަށް އޮޓަމެޓިކުން ތިން ޕޮއިންޓް ޔަގީން ވެގެން ދާއިރު، ހާޒިރުނުވާ ކްލަބު އަތުން ޕޮއިންޓެއް އުނި ކުރެވޭނެ އެވެ. ނަމަވެސް ކޯޓުގައި ގިނަ އަޑުއެހުންތަކަކަށް ފަހު އެންމެ ފަހުން ނިންމީ މެޗު އެހެން ތާރީހެއްގައި ކުޅޭށެވެ.

ރަށުންބޭރުގައި ރޭ ކުޅުނު މެޗުގެ ތިންވަނަ މިނިޓުގައި އިވާން ޕެރިސިޗު ޖެހި ލަނޑާ އެކު އިންޓަ މިލާނުން ފެށީ ޔަގީން ކަމާ އެކު ތިން ޕޮއިންޓް ހޯދައި އަލުން ލީގު އެއްވަނައަށް ޖެހިލާށެވެ. އޭގެ ފަހުން ލައުޓާރޯ މާޓިނޭޒް އަށް ލިބުނު ހުސް ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ.

ބޮލޯނިއާގެ ފޯވާޑް އާނޮޓޮވިޗް އިންޓަ މިލާނާ ދެކޮޅަށް ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

މެޗުގެ 28 ވަނަ މިނިޓުގައި ފޯވާޑް މޫސާ ބަރޯ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެތެރެއަށް ފޮނުވާލައިގެން ބޮލޯނިއާ އަށް ނަތީޖާ އެއްވަރު ކޮށްދީ، އިންޓަ ސިއްސުވާލީ ކުރިން ސްޓޯކް ސިޓީ އާއި ވެސްޓް ހޭމް ޔުނައިޓެޑަށް ވެސް ކުޅުނު އޮސްޓްރިއާ ފޯވާޑް މާކޯ އާނޮޓޮވިޗް އެވެ.

މެޗުގެ އިތުރު ވަގުތުގައި އިންޓަ ގެ ޑެނީލޯ ޑީއެމްބްރޯސިއޯ ފޮނުވާލި ބޯޅައެއް ގޯލް ލައިން މަތިން ދިފާއުކުރީ ކުރިން އިންޓަ އަށް ވެސް ކުޅުނު ޗިލީ ޑިފެންޑަރު ގެރީ މެޑޭލް އެވެ. ބޮލޯނިއާ އިން މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ޔުވެންޓަސްއާ އެއްވަރުކުރި މެޗުގައި މެޑޭލް އަށް ދެ ރީނދޫ ކާޑާ އެކު ދެއްކި ރަތް ކާޑުގެ ސަބަބުން އޭނާ ދެ މެޗަށް ސަސްޕެންޑް ކުރި އެވެ. އޭގެ ސަބަބުން އޭނާ އަށް އުޑިނޭޒީ އާއި އިންޓަ އާ ދެކޮޅަށް ނުކުޅެވޭނެ އެވެ. ނަމަވެސް މި މެޗުގައި އޭނާ އަށް ކުޅެވުނީ، އަދަބު ލުއި ކޮށްދޭން އޭނާ އެޕީލް ކުރުމުން ސަސްޕެންޝަން އެއް މެޗަށް ކުޑަ ކޮށްދިނުމުންނެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454