ކުޅިވަރު / އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް

16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް: ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ސެމީ ފައިނަލަށް ދަތުރު ކޮށްފި

ޓީސީގެ ޔޫސުފް އާއިޝް މުހައްމަދު (ކ) ލަނޑު ޖެހުމަށް ފަހު، އަދި ވެލެންސިއާގެ މުހައްމަދު ޖޫދު އަޝްފާގް (ވ). ދެ ޓީމު ވެސް ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފައި.-- ފޮޓޯ: އެފްއޭއެމް

މިދިޔަ ބުރާސްފަތި ދުވަހު ފެށި 16 އަހަރުން ދަށުގެ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުން ކްލަބް ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކުލަބު ޖާގަ ހޯދައިފި އެވެ.

ގުރޫޕް އޭ ގެ ޓީސީ ސްޕޯޓްސް އަދި ގުރޫޕް ބީގެ ވެލެންސިއާ ވަނީ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ މެޗުގައި ދަ ގްރާންޑޭ އަތުން ވެލެންސިއާ ތަފާތު ބޮޑުކޮށް މޮޅުވި އިރު، ދެވަނަ މެޗުގައި މިއަދު ހަވީރު އެޓީމުން ކްލަބް އީގަލްސް ބަލިކުރީ 1-0 އިންނެވެ.

ވެލެންސިއާ މެޗުން މޮޅު ކޮށްދިން ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ އަހުމަދު ހަމްދާން އަޒްލީން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލެންސިއާގެ މިޑްފީލްޑަރު ޔޫސުފް ނާމިކް އަލީ ނަސީރެވެ.

މި މޮޅާ އެކު ވެލެންސިއާ ސެމީ އަށް ދަތުރު ކުރީ ތިން ޓީމު ހިމެނޭ ގުރޫޕް ބީގެ އެއްވަނަ މަގާމާ އެކު އެވެ. މި ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދަން، ގުރޫޕްގެ ފަހު މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު ކްލަބް އީގަލްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ބައްދަލު ކުރާނެ އެވެ.

ވެލެންސިއާގެ އަހުމަދު އަކްމަލް ނިޒާމް، އީގަލްސް ކުޅުންތެރިއެއް ކައިރިން ނައްޓާފައި ކުރިއަށް ދަނީ.-- ފޮޓޯ: އެފްއޭއެމް

ހަތަރު ޓީމު ހިމެނޭ ގުރޫޕް އޭ އިން ޓީސީ ސްޕޯޓްސް ސެމީގެ ފުރަތަމަ ޖާގަ ޔަގީން ކުރީ ދެވަނަ މެޗުގައި ފަހަތުން އަރައި 2-1 އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށްފަ އެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގައި ސަސްގެ ރަޒާން ހަސަން އެޓީމަށް ލީޑު ނަގައިދިން ނަމަވެސް ޓީސީ ސްޕޯޓްސް އިން ވަނީ ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރު ކޮށްފަ އެވެ. ޓީސީ އަށް ޕެނަލްޓީ ކާމިޔާބު ކޮށްދިނީ މުހައްމަދު މާކިން އިބްރާހިމް އެވެ.

ސަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޓީސީގެ މުހައްމަދު އާލިމް އަބްދުﷲ ބޯޅައާ އެކު ކުރިއަށް ދަނީ.-- ފޮޓޯ: އެފްއޭއެމް

ޓީސީ ސްޕޯޓްސް މޮޅު ކޮށްދިން ލަނޑު ފަހު ހާފުގައި ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ޔޫސުފް އާއިޝް މުހައްމަދެވެ. އާއިޝް އާއި މާކިން ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.

އިއްޔެ ހަވީރު ގުރޫޕް އޭގެ މާޒިޔާ ސްޕޯޓްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައްދަލުކުރި މެޗް 3-1 އިން ކާމިޔާބު ކުރީ ޔޫވީ އެވެ. މާޒިޔާ ވަނީ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސްއާ ކުޅެގެން ވެސް ބަލި ވެފަ އެވެ. މިއާ އެކު ބާކީ އެއް މެޗު އޮއްވައި މާޒިޔާ ވަނީ މުބާރާތުން ކަޓައިފަ އެވެ.

ޔޫވީގެ އަހުމަދު އަޒުލާން އަލީ، މާޒިޔާ ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ އެފްއޭއެމް

މެޗުގެ ވަރަށް ކުރީކޮޅު އަހުމަދު އަލްތާފް އަޒީމް ސަސް އަށް ލީޑު ނަގައިދީފައި ވަނިކޮށް ފުރަތަމަ ހާފް ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ނާސިހު އަހުމަދު ޝިހާމް ގެ ލަނޑަކުން މާޒިޔާއިން ނަތީޖާ އެއްވަރު ކުރި އެވެ. ނަމަވެސް އަހުމަދު އަޒުލާން އަލީ ވަނީ ހާފް ނިމުމުގެ ކުރިން އަލުން ޔޫވީ އަށް ލީޑު ހޯދައިދީފަ އެވެ.

އަޒުލާން ވަނީ ދެވަނަ ހާފުގައި ޔޫވީގެ ތިންވަނަ ލަނޑު ވެސް ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. ޔޫވީ ކުޅުނު ފުރަތަމަ މެޗުގައި ވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޭނާ އެވެ.

ގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށް ހަ ޕޮއިންޓް ހޯދާފައިވާ ޓީސީ ސްޕޯޓްސް އެވެ. އަދި ހަތަރު ޕޮއިންޓާ އެކު ދެވަނައިގައި އޮތީ ޔޫވީ އެވެ. ސަސް އަށް އެއް ޕޮއިންޓް ލިބިފައި ވާއިރު މާޒިޔާ އަށް ޕޮއިންޓެއް ނުލިބެ އެވެ.

ގުރޫޕް ސްޓޭޖުގައި ޔޫވީ ކުޅޭ ފަހު މެޗުގައި އަންނަ ބުދަ ދުވަހު ހަވީރު ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް އާއެވެ. އަދި އެރޭ ގުރޫޕްގެ ފަހު މެޗުގައި ބައްދަލުކުރާނީ ސަސް އާއި މާޒިޔާ އެވެ.

ގުރޫޕް ސްޓޭޖުގެ މެޗްތަކަށް ފަހު ސެމީ ފައިނަލްގެ ދެ މެޗު ކުޅެން ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454