ކުޅިވަރު / ފީފާ

ބްލެޓާ އާއި ޕްލެޓިނީގެ ކޮރަޕްޝަންގެ މައްސަލައިގެ ޝަރީއަތް މިއަދު ފަށަނީ

ބެލިންޒޯނާ، ސްވިޒަލެންޑް (ޖޫން 8) - ދުނިޔޭގެ ފުޓްބޯޅައިގައި އެއް ޒަމާނެއްގައި އެންމެ ބާރުގަދަ ދެ ބޭފުޅުން، ސެޕް ބްލެޓާ އާއި މިޝެލް ޕްލެޓިނީގެ މައްޗަށް ކުރާ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގެ އަޑުއެހުންތައް މިއަދުން ފެށިގެން ދެ ހަފުތާގެ މުއްދަތަށް ސްވިސް ފެޑެރަލް ކޯޓުގައި ބާއްވަން ވަނީ ނިންމައިފަ އެވެ.

ޔޫރަޕްގެ ފުޓުބޯޅައިގެ މައި އިދާރާ (ޔޫއެފާ) ގެ ކުރީގެ ރައީސް ޕްލެޓިނީގެ އެކައުންޓަށް، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) ގެ ކުރީގެ ރައީސް ބްލެޓާގެ ހުއްދައާއެކު، 2011 ގައި ޖަމާކުރި ދެ މިލިއަން ސްވިސް ފްރޭންކް (1.9 މިލިއަން ޔޫރޯ) އަކީ ގާނޫނާ ހިލާފަށް ކުރި ފައިސާގެ މުއާމަލާތެއް ކަމަށް ތުހުމަތުކޮށް، ސްވިޒަލެންޑުގެ ޕްރޮސެކިއުޓާ ޖެނެރެލް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދައުވާ އުފުލައިފަ އެވެ.

ބްލެޓާ އަށް ކޮށްފައި ވަނީ އޭނާގެ ބައިވެރިވުމާއެކު، ޕްލެޓިނީ އަށް ދެ މިލިއަން ސްވިސް ފްރޭންކް ދިނުމަށް، މުސާރައިގެ އިންވޮއިސް ފޯޖު ކުރުމުގެ ދައުވާ އެވެ. ޕްލެޓިނީ އަށް ކުރަނީ، ބްލެޓާ ފީފާގެ ރައީސްކަމުގައި ހޭދަކުރި ފުރަތަމަ ދައުރު؛ 1998 އިން 2002 އަށް އެޑްވައިޒަރުގެ މަގާމުގެ ފައިސާ އަށް، ކޮންޓްރެކްޓެއް ނެތި އިތުރަށް ޑިމާންޑްކުރި ކަމުގެ ދައުވާ އެވެ.

ރަޝިއާ އަދި ގަތަރުގައި ވޯލްޑް ކަޕް ބާއްވަން އިއުލާން ކުރުމަށް ފަހު ބްލެޓާ (މ)، ރަޝިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އިގޯ ޝުވަލޯވް (ކ) އަދި ގަތަރުގެ އަމީރު ޝެއިހް ހަމަދު ބިން ޚަލީފާ (ވ).-- ފޮޓޯ: އޭޕީ

ސެޕްޓެމްބަރު 2015 ގައި ސްވިޒަލެންޑު ޕީޖީ އިން އެ މައްސަލައިގެ ތަހުގީގު ފެށުމާއެކު، ޕްލެޓިނީ އާއި ބްލެޓާ ވެސް ވަނީ އެ މުއާމަލާތުގައި އެއްވެސް ގޯހެއް އުޅޭ ކަމަށް ބުނެ ދައްކާ ވާހަކަ އަށް އިންކާރު ކުރައްވައިފަ އެވެ. އަދި އެއީ ޕްލެޓިނީގެ އެޑްވައިޒަރީ މަސައްކަތްތަކަށް ފީފާ އަށް "ލަހުން ދެވުނު" އުޖޫރައެއް ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވެ އެވެ.

ޕްލެޓިނީ އާއި ބްލެޓާ ވެސް އެ ކަމަށް 1998 ވަނަ އަހަރު "އަނގަބަހުން" އެއްބަސް ވެވަޑައިގެންފައި ކަމަށް ބުންޏަސް ދެ ބޭފުޅުން ވެސް ވަނީ 2015 ގައި ފީފާގެ އެތިކްސް ކޮމިޓީގައި ނާކާމިޔާބުވެ، ފުޓުބޯޅައިގެ ހަރަކާތްތަކުން ދުރުކޮށްފަ އެވެ. އަދި ފަހުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްގައި އެޕީލް ކޮށްގެން ވެސް ކާމިޔާބެއް ނުވި އެވެ.

މި މަހުގެ 22 އާ ހަމައަށް އެ ދެ ބޭފުޅުންގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމާފައި ވާއިރު، ހުކުމް އިއްވުން އޮތީ ޖުލައި 8 ގަ އެވެ. ދެ ބޭފުޅުން ވެސް ކުށެއް ނެތް ކަން ސާބިތުކޮށް ނުދެވިއްޖެ ނަމަ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ނަމަވެސް ބޮޑަށް ބެލެވޭ ގޮތުގައި ކުށްވެރި ވިޔަސް ޖަލު ހުކުމް މާފުކޮށް، ޕްލެޓިނީ އާއި ބްލެޓާ ވެސް ޖެހިވަޑައިގަންނަވާނީ ޖޫރިމަނާއެއް ދައްކަވާށެވެ.

ބްލެޓާ 1998 ގައި؛ ފީފާގެ ރައީސްކަމަށް ފުރަތަމަ ހޮވުނު އަހަރު ފީފާ ކޮންގްރެސްގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: އޭއެފްޕީ

އުމުރުން މިހާރު 86 އަހަތުގެ ބްލެޓާ ވަނީ، ކޯޓުގައި އޭނާގެ ކުށެއް ނެތްކަން ސާބިތު ކޮށްދެވޭނެ ކަމަށާއި ހުރިހާ ކަމެއް ވެސް ހިންގާފައި ހުންނާނީ "ހިސާބު ކުރެވިގެން، ފީފާގެ ހުރިހާ އިދާރާތަކެއްގެ ހުއްދައާ އެކު" ކަމަށް ވިދާޅުވެފަ އެވެ. ޕްލެޓިނީ 66 ވިދާޅުވާ ގޮތުގައި މިއީ އޭނާ ފީފާގެ ރައީސްކަމަށް ވަޑައިގަތުމަށް ހުރަސް އަޅަން ބަޔަކު ހިންގާ ޖަރީމާ އެކެވެ.

ބްލެޓާ، ފީފާގެ ރައީސް ކަމުގައި ހޭދަކުރި 17 އަހަރުގެ ދިގު މުއްދަތުގައި އެ އިދާރާ އަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ގިނަ ކަންތައްތަކެއް އެ ޝަރީއަތުގައި ފެންމަތިވާނެ އެވެ. އޭގެ ތެރޭގައި މި އަހަރުގެ ވޯލްޑް ކަޕް ގަތަރުގައި ބާއްވަން ފުރުސަތު ދިން މައްސަލަ ވެސް ހިމެނެ އެވެ.

ސްވިޒަލެންޑުގެ ޕީޖީ އިން ކުރި ތަހުގީގުން ހޯދި ގޮތުގައި ޕްލެޓިނީ އާއި ބްލެޓާ ވަނީ އޮގަސްޓް 1999 ގައި އަހަރަކު 300،000 ސްވިސް ފްރޭންކްގެ މުސާރައަކަށް ފީފާގެ އެޑްވައިޒަރީ މަސައްކަތް ކުރަން އެއްބަސްވުމެއް ހަދައިފަ އެވެ. ނަމަވެސް ދެ ބޭފުޅުންގެ އެއްބަސްވުން ހަމަވިތާ އަށް އަހަރަށް ވުރެ ގިނަ ދުވަހަށް ފަހު މުސާރައިގެ ގޮތުގައި ދޭން އެއްބަސްވި ވަރަށް ވުރެ ވެސް އިތުރަށް ޕްލެޓިނީ އަށް ދީފައި ވަނީ ގާނޫނާ ހިލާފަށެވެ.

1998 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރި ފްރާންސް ޓީމު ބައެއް ކުޅުންތެރިންނާ އެކު ޕްލެޓިނީ (މ). އެ މުބާރާތުގެ ގުރު ނެގުމުގައި، ފައިނަލުގައި ފްރާންސް އާއި ބްރެޒިލް ބައްދަލުކުރަން ފުރުސަތު ބޮޑުވާގޮތަށް ކަން ކުރި ކަމަށް ޕްލެޓިނީ ވަނީ މީޑިއާގައި ވާހަކަ ދައްކާފައި.-- ފޮޓޯ: ރޮއިޓާސް

ފްރާންސް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ޕްލެޓިނީ ފީފާގެ އެޑްވައިޒަރުގެ މަގާމުގެ މުއްދަތު ހަމަވީ 2002 ވަނަ އަހަރު އޭނާ އަށް ފީފާގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަން ލިބުމުންނެވެ. އަދި އެއާ އެކު އޭނާގެ މުސާރައިގެން ކަންކަން ނިންމައި، ކޮންޓްރެކްޓް އުވައިލިކަން ބަޔާންކޮށް ބްލެޓާ، ޕްލެޓިނީ އަށް ފޮނުއްވި ސިޓީއެއް ފެނިފައިވާ ކަމަށް އެމެރިކާގެ އެސޯސިއޭޓެޑް ޕްރެސް އިން ވަނީ ހާމަކޮށްފަ އެވެ.

އޭރުގެ ފީފާގެ އެކައުންޓެންޓް، ޖެނީ އާނީއާ ތަހުގީގުގައި އެކި ފަހަރު މަތިން ސުވާލު ކޮށްފައި ވާއިރު، އޭނާ ވަނީ އިތުރު ފައިސާގެ އެ މުއާމަލާތަކީ 2011 ވަނަ އަހަރުގެ ފީފާގެ އިންތިހާބާ ދިމާކޮށް ހިންގި މުއާމަލާތެއް ކަމަށް ޝައްކުވާ ކަމަށް ބުނެފަ އެވެ.

ކޯޓަށް ހާޒިރުވާން ޖެހޭ ހެކިންގެ ތެރޭގައި ފީފާ އާއި ޔޫއެފާގެ ކުރީގެ ދެ އޮފިޝަލުން ކަމަށްވާ ސްޕެއިންގެ އެންހެލް މާރިއާ ވިޔާ އާއި އިޓަލީގެ އެންޓޯނިއޯ މަޓަރޭސޭ އަދި ފީފާގެ ތަހުގީގުގައި 2018 ވަނަ އަހަރު ކުށް ސާބިތުވި ކުރީގެ ފެޑެރަލް ޕްރޮސެކިއުޓަރު އޮލިވިއާ ތޯމަން ހިމެނެ އެވެ.

ކޯޓުގައި މިއަދުގެ އަޑުއެހުން ކުރިއަށް ގެންދާނީ ބްލެޓާ އާއެކު އެވެ. ޕްލެޓިނީގެ ފުރަތަމަ އަޑުއެހުން އޮންނާނީ މާދަމާ އެވެ. މާދަމާގެ އަޑުއެހުމުގައި 2016 ވަނަ އަހަރު ތޯމަން، ޖިއާނީ އިންފަންޓީނޯ ފީފާގެ ރައީސްކަމަށް ގެންނަން ކުރި މަސައްކަތްތަކާ ގުޅޭގޮތުން ޕްލެޓިނީގެ ވަކީލުން، އޭނާއާ ވެސް ސުވާލު ކުރާނެ އެވެ.

ފީފާ އަދި ޔޫއެފާގެ މައި އިދާރާ ވެސް ހުންނަނީ ސްވިޒަލންޑްގެ ނިޔޯންގަ އެވެ. ފީފާގެ ރައީސްކަމަށް އައުމުގެ ކުރިން އިންފަންޓީނޯ އަކީ ޔޫއެފާގައި ޕްލެޓިނީގެ ޖެނެރަލް ސެކްރެޓަރީ އެވެ. ޕްލެޓިނީ ވަނީ އޭނާއާ ދެކޮޅަށް ވެސް ޖިނާއީ މައްސަލައެއް ހުށަހަޅައިފަ އެވެ. ނަމަވެސް އިންފަންޓީނޯއާ ސުވާލުކުރަން އޭނާ ކޯޓަށް ހާޒިރުކުރަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.

ޕްލެޓިނީ އާއި ބްލެޓާ ވެސް ވަނީ އެ ފައިސާ ދެއްކިކަން ސްވިޒަލެންޑުގެ ޕީޖީ އަށް އެނގިވަޑައިގެންނެވި ގޮތަކާ މެދު ސުވާލު އުފައްދަވައިފަ އެވެ. ފީފާ ވޯލްޑް ކަޕް 2018 އަދި 2022 ގެ ބީލަން ކާމިޔާބުކުރަން މަނީ ލޯންޑަރިންގެ އަމަލު ހިންގިކަން ޝައްކު ވެގެން ފީފާ އިން ހުށަހެޅި މައްސަލައެއް ސްވިޒަލެންޑުގެ ޕީޖީ އިން ތަހުގީގު ކުރަން ފެށީ ނޮވެމްބަރު 2014 ގަ އެވެ. ފީފާ އެގްޒެކެޓިވް ކޮމިޓީގެ ވޯޓުތަކާ އެކު ޑިސެމްބަރު 2010 ގައި އެ ދެ އަހަރުގެ ބީލަންތައް ކާމިޔާބުކުރީ ރަޝިއާ އާއި ގަތަރުންނެވެ.

ފީފާގެ ލިޔެކިޔުންތައް ސްވިޒަލެންޑްގެ ޕީޖީގެ ބާރުގެ ދަށަށް ގެންދިޔައީ މޭ 27، 2015 ގަ އެވެ. އަދި ކޮރަޕްޝަނާ ގުޅިގެން އެމެރިކާ އިން ހިންގި ތަހުގީގެއްގައި އެ ދުވަހު ވަނީ ސްވިޒަލެންޑުގެ ޒިއުރިޗުން ގިނަ އަދަދެއްގެ ފުޓުބޯޅަ އޮފިޝަލުން ހައްޔަރު ވެސް ކޮށްފަ އެވެ. އޭގެ ތިން ހަފުތާ ފަހުން ސްވިޒަލެންޑުގެ އޭރުގެ އެޓާނީ ޖެނެރަލް މައިކަލް ލޯބާ ވިދާޅުވީ، ވޯލްޑް ކަޕް ބިޑާ ގުޅޭގޮތުން ޝައްކުކުރެވޭ 53 މުއާމަލާތެއް އެ ގައުމުގެ ބޭންކުތަކާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް ބޭނުންކުރި ފައިސާ އަނބުރާ ހޯދަން 11 އަހަރަށް ފަހު، ފީފާ އިން ވަނީ ޕްލެޓިނީ އާއި ބްލެޓާއާ ދެކޮޅަށް ކޯޓުގައި މަދަނީ ދައުވާއެއް ވެސް އުފުލައިފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454