ޓައިޕޭ (ޖޫން 23) - ވޯލްޑް ކަޕް ބަލަން ގަތަރަށް ދާން ވިސާ އަށް ހުށަހަޅާ ޓައިވާނު މީހުންގެ "ރަށްވެހިކަން އޮޅުވާލިކަމަށް" ޓައިވާނު ސަރުކާރުން ތުހުމަތު ކޮށްފި އެވެ.

ވޯލްޑް ކަޕް ޓިކެޓް ލިބިފައިވާ މީހުން ގަތަރުގެ ހަޔާ ކާޑަށް ހުށަހަޅަން ޖެހެ އެވެ. ޓައިވާންގެ ސަރުކާރުން ވަނީ ގަތަރުން ހަދައިފައިވާ އޮންލައިން ސިސްޓަމްގައި ޓައިވާންގެ ނަން ނުހިމެނޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޓައިވާނު މީހުންނަށް ދޭ ކާޑްގައި ޖަހައިފައި ވަނީ "ޗައިނާގެ ޕްރޮވިންސް ޓައިވާން" ކަމަށެވެ. އެކަމަކު ޓައިވާންގެ ބައެއް މީހުން ވަނީ ޓައިވާން ކަމަށް އަމިއްލަ އަށް ޖަހައިފަ އެވެ. ޓައިވާންގެ ސަރުކާރުން އެކަމަށް ތައުރީފް ކުރި އެވެ.

ފަހުން ލިސްޓް ކޮށްފައިވާ ގޮތް "ޗައިނީޒް ޓައިޕޭ" ގެ ނަމަށް ބަދަލު ކުރި އެވެ. އިންޓަނޭޝަނަލް ކުޅިވަރު އިވެންޓްތަކުގައި ޓައިވާނަށް ނިސްބަތް ކުރަނީ ޗައިނީޒް ޓައިޕޭގެ ނަމުންނެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ގަތަރު ސަރުކާރުން "އެއް ޗައިނާ" ގެ އުސޫލަށް ތަބާވުމާ ގުޅިގެން އެކަން ފާހަގަ ކުރާ ކަމަށް ބުނެފަ އެވެ. އަދި ބައިނަލްއަގްވާމީ ކުޅިވަރު އިވެންޓްތަކުގައި އާންމުކޮށް އަމަލުކުރާ ގޮތާ އެއްގޮތަށް ކަމާބެހޭ ކަންކަން ބެލެހެއްޓާފައިވާތީ ޝުކުރުވެރިވާ ކަމަށް ބުނެފައި ވެއެވެ.

ޓައިވާންގެ ސަރުކާރުން ވަނީ ގަތަރުން އަމަލު ކުރި ގޮތާ މެދު ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. ޓައިވާނުގެ ސަރުކާރުން ބުނީ ވޯލްޑް ކަޕާ ގުޅުން ހުރި ކަންކަމުގެ ތެރެއަށް އެހެން ގައުމެއްގެ ސިޔާސީ ކަންކަން ވަންނަން ފުރުސަތު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.

ޓައިވާނުން ތުހުމަތު ކުރަނީ ޓައިވާނުގެ ރައްޔިތުންނަކީ ޗައިނާގެ ޕްރޮވިންސަކަށް ނިސްބަތްވާ ބައެއް ކަމަށް ގަތަރުން ޖެހީ ޗައިނާގެ ނުފޫޒު ފޯރުވުމުން ކަމަށެވެ.

ގަތަރު ވޯލްޑް ކަޕް ކުރިއަށް ދާނީ މި އަހަރު ނޮވެމްބަރު 21 ން ޑިސެމްބަރު 18 އަށެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ އޭޝިއާގައި ބާއްވާ ދެ ވަނަ ވޯލްޑް ކަޕެވެ. އެންމެ ފުރަތަމަ އޭޝިއާގައި ވޯލްޑް ކަޕް ބޭއްވީ ދެކުނު ކޮރެއާ އާއި ޖަޕާން ގުޅިގެންނެވެ. މި އަހަރުގެ ވޯލްޑް ކަޕަކީ 32 ޓީމަށް މުބާރާތުގެ ފޯމެޓް ބައްޓަންކޮށްގެން ބާއްވާ އެންމެ ފަހު ވޯލްޑް ކަޕެވެ. ދެން ބާއްވާ ވޯލްޑް ކަޕް 2026 ގައި އޮންނާނީ އެމެރިކާ، ކެނަޑާ އަދި މެކްސިކޯގަ އެވެ. އެ މުބާރާތުގައި 48 ޓީމު ވާދަ ކުރާނެ އެވެ.