ބިލަބޮންގް ސްކޫލުގެ 17 އަހަރުން ދަށުގެ ފިރިހެން ޓީމު، ޗެމްޕިއަންކަން ހޯދުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އެމްބީއޭ
19 ފެބުރުއަރީ 2023 - 12:52
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ކުރިއަށް ގެންދާ ފުރަތަމަ ޖޫނިއާ ޗެމްޕިއަންޝިޕް މުބާރާތުގެ 17 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް އަދި އަންހެން ބައިގެ ޗެމްޕިއަން އިމާދުއްދީން ސްކޫލް ހޯދިއިރު، 19 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ޗެމްޕިއަންކަން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ހޯދައިފި އެވެ.
ޖޫނިއާ ޗެމްޕިއަންޝިޕް ނަމުގައި ސްކޫލްތަކުގެ މެދުގައި ބާއްވާ ބާސްކެޓްބޯޅަ މުބާރާތުގައި 20 ސްކޫލެއް ބައިވެރި ވިއެވެ. އޭގެ ތެރޭގައި މާލޭ ސަރަހައްދުން ބޭރުން ދެ ސްކޫލެއް ހިމެނެ އެވެ. އެއީ ހދ. އަތޮޅު ތައުލީމީ މަރުކަޒާއި ޏ. އަތޮޅު ތައުލީމީ މަރުކަޒެވެ.
މި މަހު 6 ވަނަ ދުވަހުން ފެށިގެން 17 އަށް ކުރިއަށްދިޔަ މުބާރާތުގައި އެންމެ ގިނަ ސްކޫލް ބައިވެރިވީ ފިރިހެން 17 އަހަރުން ދަށުގެ ބައިގަ އެވެ. މި ބައިގައި 11 ސްކޫލެއް ބައިވެރިވި އެވެ. އަންހެން 17 އަހަރުން ދަށުގެ ބައިގައި ފަސް ސްކޫލެއް ބައިވެރިވި އިރު، 19 އަހަރުން ދަށުގެ ބައިން ވާދަކުރަނީ ހަތަރު ޓީމެވެ. އަދި 19 އަަހަރުން ދަށުގެ ފިރިހެން ބައިގައި ތިން ސްކޫލެއް ބައިވެރިވެފައިވެ އެވެ.
17 އަހަރުން ދަށުގެ އަންހެން ފައިނަލް މެޗުގައި އިމާދުއްދީން ކުޅުންތެރިން އުފާފާޅު ކުރަނީ. -- ފޮޓޯ: އެމްބީއޭ
ސަތާރާ އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން އިމާދުއްދީން ހޯދީ ފައިނަލް ގައި 34-32 އިން އިސްކަންދަރު ސްކޫލް ބަލިކޮށްގެންނެވެ. ފޯރިގަދަ މި ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިމާދުއްދީންގެ މަރިޔަމް ޒުލާލް ޝިޔާމް އެވެ. މި ބައިގެ ކުޅުން ކުރިއަށް ދިޔައީ ލީގު ބުރެއް ކުޅެފައި، ގަދަ ހަތަރު ޓީމު ސެމީ ފައިނަލް ކުޅޭ ގޮތަށެވެ. ސެމީ ފައިނަލް ކުޅުނީ އިމާދުއްދީނާއި އިސްކަންދަރުގެ އިތުރުން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާއީ ޖަމާލުއްދީން ސްކޫލެވެ.
ސަތާރަ އަހަރުން ދަށުގެ ފިރިހެން ތަށި ބިލަބޮންގް ގެންދިޔައީ ފައިނަލް މެޗުގައި 70-63 ޕޮއިންޓުން ޖަމާލުއްދީން ސްކޫލް ބަލިކޮށްފަ އެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބިލަބޮންގްގެ އަބްދުﷲ އަލާން އިރުފާން އެވެ. މި ބައިގެ ކުޅުން ކުރިއަށް ދިޔައީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ބިލަބޮންގް އާއި ޖަމާލުއްދީން އެއް ގުރޫޕެއްގައި ހިމެނުނުއިރު، ގުރޫޕް ސްޓޭޖުގައި ޖަމާލުއްދީން ވަނީ ބިލަބޮންގްގެ މައްޗަށް ކުރި ހޯދައިފަ އެވެ.
19 އަހަރުން ދަށުގެ ފިރިހެން ބައިގެ ފައިނަލް މެޗުގެ ތެރެއިން.-- ފޮޓޯ: އެމްބީއޭ
ނަވާރަ އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައި ވެސް ކުރިއަށް ދިޔައީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ މެޗު ކުޅުމަށް ފަހު ލީގު ބުރުގެ އެއްވަނަ އަދި ދެ ވަނަ، ފައިނަލް ގައި ކުޅޭށެވެ. ފިރިހެން ބައިގެ ފައިނަލް ގައި ވިލާ ވާދަކުރީ ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އާ ދެކޮޅަށެވެ. ވިލާ އިން ފައިނަލް މެޗް ކާމިޔާބު ކުރީ ފަސޭހަ ކަމާއެކު 93-46 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިލާގެ އަހުމަދު ލައިލް ޝިފާން އެވެ.
މި އުމުރުފުރާގެ އަންހެން ބައިގެ ޗެމްޕިއަންކަން ވިލާ ހޯދީ ފައިނަލް ގައި 51-38 ޕޮއިންޓުން ބިލަބޮންގް ބަލިކުރުމަށް ފަހު އެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިލާގެ އައިޝަތު އިނާޝާ އެވެ.
ޖޫނިއާ ޗެމްޕިއަންޝިޕް ގައި 17 އަހަރާއި 19 އަހަރުން ދަށުގެ މުބާރާތް ނިންމާލައިފައި ވާއިރު އަންނަ މަހު ކުރީކޮޅު، 13 އަހަރާއި 15 އަހަރުން ދަށުގެ މުބާރާތް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓު މިވަގުތަށް ދޫކޮށްފައި ވަނީ މި މަހުގެ 23 އިން 27 އަށް ބާއްވާ ފޯ ނޭޝަންސް ވޮލީބޯޅަ މުބާރާތަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާލިހްބެ
19 February 2023
މުބަރާތް ކިތަންމެ ފޯރިގަދަވިޔަސް ކުރިމަގެއް ނެތް ބާސްކެޓް ކުޅިވަރުގަ ، ބާސްކެޓަކީ ވިޔަފާރި އުސޫލުން ކުރާކަމެއް ވީމަ ގައުމީ ސްކޮޑް ތަކައް ކުޅުން ތެރިން ނަގަނީ ވަކި އެކެޑެމީ އަކައް ނިސްބަތް ވާ ކުޅުން ތެރިން ، ބެލެނިވެރިން ނައް ހުވަފެން ދައްކައިގެން ނަގަނީ ބޮޑެތި އަގު މުބާރާތުން ފެނިގެން ހިގައްޖެ ކުޅުން ތެރިން ގެ ފެންވަރު