ވޯލްޑް ސްކޮލާސް ކަޕްގައި ދިވެހި ދަރިވަރުން ވިދާލައިފި

ދުނިޔޭގެ އެކި ގައުމުތަކުން އެތައް ހާސް ދަރިވަރުން ވާދަކުރާ އިލްމީ ގިނަ ބައިތަކެއް ހިމެނޭ ވޯލްޑް ސްކޮލާސް ކަޕްގެ ގްލޯބަލް ރައުންޑުގައި ދިވެހި ދަރިވަރުން ވިދާލައިފި އެވެ.


މެލޭޝިއާގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ބޭއްވި ގްލޯބަލް ރައުންޑުގައި ރާއްޖޭގެ ފަސް ސްކޫލަކުން 15 އަށް ވުރެ ގިނަ ޓީމު ބައިވެރިވި އެވެ. އެ އިން ކޮންމެ ޓީމެއްގައި ހިމެނެނީ ތިން ދަރިވަރުންނެވެ.

ގްލޯބަލް ރައުންޑުން ކޮލިފައިވާ ޓީމުތައް ދާން ޖެހެނީ އެމެރިކާގެ ޔޭލް ޔުނިވަސިޓީގައި އޮންނަ ފައިނަލް ބުރަށެވެ. ފައިނަލް ރައުންޑަށް ރާއްޖެ އިން ގިނަ ޓީމުތަކެއް ވަނީ ކޮލިފައި ވެފަ އެވެ. އެކަމަކު އެއީ ސީދާ ކިތައް ޓީމު ކަމެއް ބައިވެރި ބައެއް ސްކޫލްތަކުން އަދި ނުބުނެ އެވެ.

މެލޭޝިއާގައި ދުނިޔޭގެ 36 ގައުމެއްގެ 3،500 އަށް ވުރެ ގިނަ ދަރިވަރުންނާ ވާދަކުރަން ރާއްޖެ އިން ދިޔައީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް، ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލް، ޣިޔާސުއްދީން އިންޓަނޭޝަނަަލް ސްކޫލް އަދި ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންނެވެ.

ވޯލްޑް ސްކޮލާސް ކަޕްގައި ބައިވެރިވި ވިލާ ހައި ސްކޫލުގެ ދަރިވަރުން ލިބުނު ކާމިޔާބާ އެކު ހިތްހަމަޖެހިފައި

އެ މުބާރާތުގައި ބައިވެރިވި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ހަތަރު ޓީމެއް ވަނީ ފައިނަލް ރައުންޑަށް ކޮލިފައި ވެފަ އެވެ. އޭގެ ތެރެއިން އެ ސްކޫލްގެ ގްރޭޑް 11 ގެ ދަރިވަރު ލުބާ އަބްދުﷲ ވަނީ ސީނިއަ ބައިގެ އެންމެ މޮޅު 20 ސްކޮލާސްގެ ތެރޭގައި ހިމެނިފަ އެވެ.

އެ ސްކޫލްގެ ދަރިވަރުން ވަނީީ 22 ރަން މެޑައްޔާއި 58 ރިހި މެޑަލް ހޯދައިފަ އެވެ.

ޣިޔާސުއްދީން ސްކޫލަށް ރަން 46 އަދި ރިހި 50 މެޑަލްގެ އިތުރުން ހަތަރު ޓްރޮފީ ލިބިފައި ވެ އެވެ. ޖޫނިއަ ބައިގައި 1،800 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވިއިރު އެ ސްކޫލަށް ވަނީ ސައުތު އޭޝިއާ އިން ހަތަރު ވަނަ ލިބިފަ އެވެ.

ޖޫނިއަ ބައިގެ ބަހުސް ކުރުމުގެ ބައިން ޣިޔާސުއްދީން ސްކޫލުގެ ގްރޭޑް އަށެއް ގައި ކިޔަވަމުން އަންނަ ޝައިނާ މުހައްމަދު ޝައިނީ އަށް 16 ވަނަ ލިބުނެވެ.

ވޯލްޑް ސްކޮލާސް ކަޕުގައި ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުން ބައިވެރިވި ދަރިވަރުންތަކެއް ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ގޭޓްވޭ ސްކޫލު

އެ މުބާރާތުގައި މި އަހަރު އަލަށް ބައިވެރިވި ގޭޓްވޭ ސްކޫލުން 11 ރަން މެޑަލާއި 27 ރިހި މެޑަލް ހޯދައިފައި ވެ އެވެ. އެކަމަކު އެ ސްކޫލުގެ އެއްވެސް ޓީމެއް ފައިނަލް ރައުންޑަށް ދިޔަ ކަން އަދި ސާފެއް ނުވެ އެވެ.

އަހުމަދިއްޔާ ސްކޫލަށް ރަން 24 އަދި ރިހި 24 މެޑައްޔާއި ދެ ޓްރޮފީ ލިބުނު އިރު ފައިނަލް ރައުންޑަށް އެއް ގްރޫޕް ކޮލިފައިވި އެވެ.

ބިލަބޮންގް ސްކޫލްގެ 24 ދަރިވަރުން ގްލޯބަލް ރައުންޑުގައި ވާދަކޮށް ޖުމްލަ 117 މެޑަލް ހޯދި އެވެ. އެ ސްކޫލުގެ ބައެއް ޓީމުތައް ވެސް ވަނީ ފައިނަލް ބުރަށް ކޮލިފައި ވެފަ އެވެ.

އަހުމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ ދުނިޔޭގެ އެތައް ހާސް ދަރިވަރުން ވާދަކުރަމުން އަންނަ މުބާރާތެއްގައި ދިވެހި ދަރިވަރުން ބައިވެރިވުމަކީ އެކަމުގެ ފައިދާ ކުރާނެ ކަމެއް ކަމަށެވެ. ދުނިޔޭގައި ހިނގަމުން އަންނަ ކަންތައްތަކަށް ލޯ ހުޅުވި ގިނަ ކަންކަން ދަސްވާނެ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ވޯލްޑް ސްކޮލާސް ކަޕުގައި ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުން ބައިވެރިވި މެޑަލްތަކާ އެކު .-- ފޮޓޯ: ބިލަބޮންގް ސްކޫލު

"މައުލޫމާތު ހޯދައި ރަނގަޅު ނަތީޖާ ހޯދަން ރަނގަޅު ފުރުސަތެއް ލިބިގެން މި ދިޔައީ. އެހެން ގައުމުތަކުގެ ސަގާފަތްތައް އެނގިގެން ދާނެ. މިދިޔަ އަހަރަށް ވުރެ، މި އަހަރު ދަރިވަރުން ހޯދި ނަތީޖާ ރަނގަޅު،" ރަޝީދު ވިދާޅުވި އެވެ.

ވޯލްޑް ސްކޮލާސް ކަޕުގައި ބައިވެރިވި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން މެޑަލްތަކާ އެކު .-- ފޮޓޯ: ޣިޔާސުއްދީން ސްކޫލު

ވޯލްޑް ސްކޮލާސް ކަޕަކީ އެމެރިކާގެ ކުންފުންޏަކުން 2006 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އެ މުބާރާތުގައި ތަފާތު މައުޟޫއުލަތަކަށް ބަހުސްކުރުމާއި އެކި މާއްދާތަކާ ގުޅޭ ކުއިޒާއި އަދަބީ ހަރަކާތްތައް ވެސް އޮވެ އެވެ.