ހިލޭޖެހުމުން ލަނޑު ޖަހައި ނަސްރަށް ނަތީޖާ އެއްވަރު ކޮށްދީފައި ރޮނާލްޑޯ އުފާފާލު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
19 މާޗް 2023 - 12:09
ރިޔާދު (މާޗު 19) - ކްރިސްޓިއާނޯ ރޮނާލްޑޯ ހިލޭޖެހުމަކުން ކާމިޔާބު ކުރި ގޯލަކާ އެކު އައް ނަސްރުން ސައުދީ ޕްރޯ ލީގުގައި ފަހަތުން އަރައި 2-1 އިން އަބްހާ ކްލަބް ބަލިކޮށްފި އެވެ.
ފުރަތަމަ ހާފުގައި އަބްހާ ކްލަބަށް ލީޑް ނަގައިދިނީ، މި ސީޒަނުގައި އެ ޓީމަށް ލޯނު އުސޫލުން ކުޅޭ އައް ނަސްރުގެ ފޯވާޑް އަބްދުލްފައްތާހް އާދަމް އެވެ. ރޮނާލްޑޯ ނަސްރަށް އެއްވަރު ކޮށްދިނީ 78 ވަނަ މިނިޓުގައި 30 ޔާޑު ބޭރުން ފޮނުވާލި ހިލޭޖެހުމަކުންނެވެ.
މިއީ ރޮނާލްޑޯ އޭނާގެ ކެރިއަރުގައި ހިލޭޖެހުމަކުން ކާމިޔާބު ކުރި 59 ވަނަ ގޯލެވެ. އޭނާ އެންމެ ފަހުން ހިލޭޖެހުމަކުން ގޯލެއް ޖަހައިފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންނެވެ.
މިއީ ލީގުގައި މިދިޔަ މަހު ޑަމަކް އަތުން 3-0 އިން މޮޅުވި މެޗުގައި ރޮނާލްޑޯ ކާމިޔާބު ކުރި ހެޓްރިކަށް ފަހު އޭނާ ޖެހި ފުރަތަމަ ގޯލެވެ. އެއަށް ފަހު ކުޅުނު ތިން މެޗުގައި ވެސް ރޮނާލްޑޯ އަށް ގޯލެއް ޖެހިފައެއް ނުވެ އެވެ. މިއާ އެކު ރޮނާލްޑޯ ވަނީ ނަސްރަށް ލީގުގައި ނުވަ ގޯލު ކާމިޔާބު ކޮށްދީފަ އެވެ.
ރޮނާލްޑޯ ނަތީޖާ އެއްވަރު ކުރިތާ ދެ މިނިޓު ފަހުން އަބްހާ ކްލަބްގެ ޒަކަރިއާ ސާމީ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. އަދި ތިން މިނިޓު ތެރޭ ނަސްރުން ލީޑު ނެގީ ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީއަކީ އަބްހާ ކްލަބަށް ލީޑު ނަގައިދިން އަބްދުލްފައްތާހް އާދަމް ކުރި ކުށަކާ ގުޅިގެން ވީއޭއާރު ބެލުމަށް ފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.
ލީގުގެ އެއް ވަނައިގައި އޮތް އަލް އިއްތިހާދުގެ މޮރޮކޯ ފޯވާޑް އަބްދުއްރައްޒާގް ހަމްދުﷲ ވަނީ ރޭ އެ ޓީމުން 5-1 އިން އަލް ފާތިހް ބަލިކުރި މެޗުގައި ހެޓްރިކް ހަދައި ލީގުގައި 15 ގޯލު ހަމަކޮށް ލަނޑު ލިސްޓުގެ އެއް ވަނައަށް ޖެހިލައިފަ އެވެ. މިއާ ގުޅިގެން ނަސްރަށް ލިބުނު ޕެނަލްޓީ ޖަހަން ރޮނާލްޑޯ ދިނީ މި މެޗުގެ ކުރިން ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް އެޓީމުގެ ބްރެޒިލް ފޯވާޑް ޓަލިސްކާ އަށެވެ.
ޕެނަލްޓީ ކާމިޔާބުކޮށް ޓަލިސްކާ ވަނީ ނަސްރަށް ތިން ޕޮއިންޓް ޔަގީންކޮށްދީ، ލީގުގައި އޭނާގެ 14 ވަނަ ގޯލު ޖަހައިފަ އެވެ. މީގެ ކުރިން ޓަލިސްކާ އެންމެ ފަހުން އެ ޓީމަށް ލަނޑެއް ޖަހައިފައި ވަނީ ފެބްރުއަރީ މަހު ލީގުގައި އަލް ފާތިހް އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގަ އިތުރު ވަގުތުގައި އޭނާ އަށް ވަނީ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.
ސައުދީ ލީގުގެ އެއް ވަނައިގައި އިއްތިހާދު އޮތީ 21 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އައް ނަސްރު ވަނީ 21 މެޗުން 49 ޕޮއިންޓް ހޯދައިފަ އެވެ.
އައް ނަސްރަށް ދެން މެޗެއް އޮތީ އަންނަ އޭޕްރީލް މަހު އެވެ. ޕޯޗުގަލް ގައުމީ ޓީމުގެ އާ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނި އޭނާ ޓީމާ ހަވާލުވެ ނެގި ފުރަތަމަ ސްކޮޑުގައި ކެޕްޓަން ރޮނާލްޑޯ ހިމަނައިފަ އެވެ. ރޮނާލްޑޯ އަށް ކުރިއަށް އޮތީ ޕޯޗުގަލްގެ ގައުމީ ޓީމާ އެކު ޔޫރޯ ކޮލިފައިން ގައި ލިޗްޓެންސްޓެއިން އާއި ލަކްސެމްބާގާ ދެކޮޅަށް ކުޅޭ މެޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަމަދު
21 March 2023
ޑަމަކު އެއް ނޫން.. ޟަމަކު
ސާމިލާ
19 March 2023
ލޯބި ހާދަ ހިތްހެވޭ