ޔުނައިޓެޑް ވިކްޓަރީގެ ކޯޗަކަށް މި ފަހަރުގެ ވެސް އަހުމަދު އާތިފް (އާތީ) ހަމަޖައްސައި، ޓީމުގެ ފަރިތަކުރުންތައް މިއަދު ހަވީރު ފަށައިފި އެވެ.
ދެ ވަނަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ކުޅުމަށް ފަހު ޔުނައިޓެޑް ވިކްޓަރީ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރީ މިދިޔަ އަހަރު އެވެ.
ކުރިން އޯލް ޔޫތު ލިންކްއޭޖް (އޭވައިއެލް) އާއި ވިކްޓަރީ އަށް ކޯޗުކޮށްދީފައިވާ އަދި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ވެސް ކޮށްފައިވާ އާތީގެ ކޯޗުކަމުގައި އެ ޓީމު ވަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ހަތަރު ވަނަ ހޯދުމުގެ އިތުރުން، އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ.
ޔުނައިޓެޑް ވިކްޓަރީ އަށް މި ފަހަރު ވެސް ވަނީ ބިދޭސީ ހަތަރު ކުޅުންތެރިން ގެންނަން ނިންމައިފަ އެވެ. އެ ޓީމާ މިހާތަނަށް ގުޅިފައިވަނީ ކިރިގިސްތާނުގެ ގޯލް ކީޕަރު ރުސްލާން އަމިރޯވް އާއި ކްރޮއޭޝިއާގެ ފޯވާޑް ޓިހޮމީރް ޒިވްކޮވިޗެވެ. ޓިހޮމީރް ވަނީ މީގެ ކުރިން މިޔަންމާގެ ކަންބޯޒާ އެފްސީ އަށް ކުޅެފަ އެވެ.
އެނގިފައިވާ ގޮތުގައި ދެން އެ ޓީމަށް ގެންނަން ނިންމާފައިވަނީ މިދިޔަ އަހަރުގެ ވެސް އެ ޓީމަށް ކުޅުނު މިޑްފީލްޑަރު ވުކޮބްރަޓް ޑޯޑޭ އާއި ކުރިން ނިއު ރޭޑިއަންޓާއި ބީޖީ އަށް ކުޅުމަށް ފަހު މިދިޔަ ސީޒަނުގައި ޓީސީ އަށް ކުޅުނު ޑިފެންޑަރު ކުޑޫސް ކެލާނީ އެވެ.
ޔުނައިޓެޑް ވިކްޓަރީ ދޫކޮށްދިޔަ ދެ ކުޅުންތެރިންނަކީ މާޒިޔާ އަށް ބަދަލުވި އަލީ ހައިޝަމް އާއި ގްރީން ސްޓްރީޓަށް ސޮއިކުރި މޫސާ ހަސަން އެވެ. އަދި އެ ޓީމަށް މިދިޔަ އަހަރު ކުޅުނު ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ކެރިކް އަންދްރޭ އާއި ކީޕަރު މަހުމޫދު އަލް ޔޫސުފް މި ފަހަރު ކުޅޭނީ ވިކްޓަރީ އަށެވެ.
އެ ޓީމުން ވަނީ މިދިޔަ ސީޒަނުގައި ވެލެންސިއާ އަށް ކުޅުނު އަބްދުލް ވާހިދު (ވާޑު) އާއި ވިކްޓަރީ އަށް ކުޅުނު ހަސަން ފައިރޫޒް (ލަކީ) އާއި ކުރިން ނިއު ރޭޑިއަންޓާއި މާޒިޔާ އަށް ކުޅުމަށް ފަހު މިދިޔަ އަހަރު ޓީސީން ފެނުނު އަހުމަދު މުހައްމަދު (އައްމަޑޭ) އަދި ކުރިން ވިކްޓަރީ އާއި ވެލެންސިއާ އަށް ކުޅުނު ޑިފެންޑަރު އަލީ ޝަރީފް (އައްޔަ) ގެނެސްފަ އެވެ.
ޔުނައިޓެޑް ވިކްޓަރީން ބުނީ އަންނަ މަހު 15 ގެ ކުރިން ބިދޭސީ ކުޅުންތެރިން ޓީމާ ގުޅޭނެ ކަމަށެވެ. މާލޭ ލީގު ފެށުމަށް ޝެޑިއުލް ކޮށްފައިވަނީ އަންނަ މަހު 24 ގަ އެވެ.