25 ޖުލައި 2023 - 12:51
ރިޔާދު (ޖުލައި 7) - ފްރާންސްގެ ޕީއެސްޖީ އިން މި ޓްރާންސްފާ ބާޒާރުގައި ވިއްކާލަން ނިންމާފައިވާ އެގައުމުގެ ޒުވާޏް ތަރި ކިލިއަން އެމްބާޕޭ އަށް އެއް ސީޒަނަށް ރެކޯޑް 1.1 ބިލިއަން ޑޮލަރު ހަރަދުކުރަން، ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް އިން ތައްޔާރު ވެފައި ވާކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.
އަންނަ ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވާ އެމްބާޕޭ ޕީއެސްޖީއާ އެކު އެއްބަސްވުން އާކުރަން ދެކޮޅު ހަދާފައި ވާއިރު، ހިލޭ ޓްރާންސްފާގައި އެމްބާޕޭ ޓީމު ދޫކޮށް ދިޔަ ނުދޭން އެ ކްލަބުން ވަނީ މި ޓްރާންސްފާ ބާޒާރުގައި އޭނާ ވިއްކާލަން ނިންމައިފަ އެވެ. އެ ކްލަބުން ޕްރީ ސީޒަން ޓުއާގައި ޖަޕާނަށް ކުރާ ދަތުރުގައި ވެސް އެމްބާޕޭ ނުހިމަނަ އެވެ.
ބެލެވޭ ގޮތުގައި އަންނަ ސީޒަނަށް ފަހު އެމްބާޕޭ ހިލޭ ޓްރާންސްފާގައި ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާން ވަނީ ނިންމައިފަ އެވެ. މިއާ އެކު މި ޓްރާންސްފާ ބާޒާރުގައި އޭނާ ވިއްކާލަން ޕީއެސްޖީ އިން ނިންމާފައި ވާއިރު، ސައުދީ ލީގުގެ އަލް ހިލާލް އިން ވަނީ އެމްބާޕޭ ގަންނަން ރަސްމީކޮށް ޕީއެސްޖީ އަށް ހުށަހަޅައިފަ އެވެ. އަދި ޕީއެސްޖީ އިން ވަނީ ޓްރާންސްފާގެ ކަންކަމާ ގުޅޭގޮތުން ސީދާ އެމްބާޕޭ އާ ވާހަކަ ދެއްކުމުގެ ހުއްދަ ހިލާލް އަށް ދީފަ އެވެ.
ޕީއެސްޖީ އިން އެމްބާޕޭ "ސޭލް" އަޅުވައިފި https://t.co/2hdywH4ZWw
— Mihaaru (@Mihaarunews) July 22, 2023
ހިލާލް އިން އެމްބާޕޭ ގަންނަން ހުށަހަޅާފައި ވަނީ ރެކޯޑް 332 މިލިއަން ޑޮލަރު (300 މިލިއަން ޔޫރޯ) އެވެ. މިހާތަނަށް ކްލަބަކުން އެންމެ އަގުބޮޑުކޮށް ކުޅުންތެރިއަކު ގަނެފައި ވަނީ ޕީއެސްޖީ އިންނެވެ. އެ ކްލަބުން ވަނީ 2017 ވަނަ އަހަރު ނޭމާ ގަންނަން ބާސެލޯނާ އަށް ރެކޯޑް 262 މިލިއަން ޑޮލަރު ދީފަ އެވެ.
ހިލާލް އިން ވަނީ އަހަރަކު 350 މިލިއަން ޑޮލަރުގެ މުސާރައެއް ދީގެން ލިއޮނެލް މެސީ ގެންދަން ވެސް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ސައުދީ ލީގުގެ ބަދަލުގައި މެސީ ހިޔާރު ކުރީ އެމެރިކާ ލީގުގެ އިންޓަ މަޔާމީ އެވެ.
އެމެރިކާގެ ފްރޮންޓް އޮފީސް ސްޕޯޓްސް އިން ހާމަ ކުރާ ގޮތުގައި ހިލާލް އިން ފުރުސަތުގެ ބޭނުން ހިފައި އެމްބާޕޭ ގެންދަން މަސައްކަތް ކުރަނީ އެންމެ ސީޒަނަކަށެވެ. އެއީ އެމްބާޕޭގެ ޕްލޭނާ އެއްގޮތަށް އަންނަ ސީޒަނުގައި ހިލޭ ޓްރާންސްފާގައި ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ.
ފްރޮންޓް އޮފީސް ސްޕޯޓްސް އިން ހާމަކުރާ ގޮތުގައި ހިލާލް އިން ވަނީ އުމުރުން 24 އަހަރުގެ އެމްބާޕޭ އެ ކްލަބަށް އެއް ސީޒަން ކުޅެން އެއްބަސް ވެއްޖެ ނަމަ، ސީޒަންގެ މުސާރައިގެ ގޮތުގައި 776 މިލިއަން ޑޮލަރު ދޭން ތައްޔާރަށެވެ.
"ސައުދީ ކްލަބް އަލް ހިލާލުން ވަނީ އެމްބާޕޭ އަށް ދުނިޔޭގެ ރެކޯޑް ޕެކޭޖެއް ހުށަހަޅައިފައި. އެއް އަހަރަށް ޖުމްލަ 1.1 މިލިއަން ޑޮލަރު. ޓްރާންސްފާ ފީގެ ގޮތުގައި ޕީއެސްޖީ އަށް 332 މިލިއަން ޑޮލަރު އަދި އެމްބާޕޭ އަށް އެއް ސީޒަނަށް 776 މިލިއަން ޑޮލަރުގެ މުސާރައެއް. މި ޑީލާ އެކު އޭނާ އަށް އަންނަ ސީޒަނުގައި ހިލޭ ޓްރާންސްފާގައި ރެއާލް މެޑްރިޑަށް ބަދަލު ވެވޭނެ،" ފްރޮންޓް އޮފީސް ސްޕޯޓްސް އިން އިއްޔެ ކުރި ޓްވީޓެއްގައި ވެއެވެ.
ސައުދީ ލީގުގެ އައް ނަސްރުން ވަނީ މިދިޔަ ޑިސެމްބަރު މަހު، އަހަރަކު 200 މިލިއަން ޑޮލަރުގެ މުސާރައަކަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގެނެސްފަ އެވެ. އޭގެ ފަހުން މިހާރު ކުރިއަށްދާ ޓްރާންސްފާ ބާޒާރުގައި ޔޫރަޕުގައި ކުޅޭ ގިނަ ތަރިންތަކެއް ވަނީ މިހާރު ސައުދީ ލީގަށް ބަދަލު ވެފަ އެވެ.
ސައުދީ ލީގަށް ބަދަލުވި މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ކަރީމް ބެންޒެމާ، އެންގޯލޯ ކަންޓޭ، އެޑުއާޑް މެންޑީ، ރޮބާޓޯ ފިރްމީނޯ، މާސެލޯ ބްރޯޒޮވިޗް އަދި އެލެކްސް ޓެލޭސް ހިމެނެ އެވެ. ރިޔާދު މާރޭޒް އާއި ޖޯޑަން ހެންޑަސަން ވެސް އަންނަނީ ސައުދީ ލީގަށް ބަދަލުވާން އެއްބަސް ވެފަ އެވެ.
ހިލާލަކީ ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) ގެ ހިއްސާ އޮންނަ ހަތަރު ސައުދީ ކްލަބްގެ ތެރެއިން އެއް ކްލަބެވެ. އަނެއް ތިން ކްލަބަކީ އައް ނަސްރާއި އަލް އިއްތިހާދު އަދި އަލް އަހްލީ އެވެ. މީގެ އިތުރުން އިނގިރޭސި ކްލަބް ނިއުކާސަލް ޔުނައިޓެޑްގެ މެޖޯރިޓީ ހިއްސާދާރަކީ ވެސް ޕީއައިއެފް އެވެ.
ހިލާލަށް މިހާތަނަށް ބަދަލުވި މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ޗެލްސީއަށް ކުޅުނު ޑިފެންޑަރު ކަލިދޫ ކުލިބާލީ އާއި ލާޒިއޯ އަށް ކުޅުނު މިޑްފީލްޑަރު ސާޖެގް މިލިންކޮވިޗް ސަވިޗް އަދި ވުލްވްސް އަށް ކުޅުނު ރުބެން ނެވޭސް ފާހަގަ ކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައުދީ ސަޕޯޓް!!
26 July 2023
ދުނިޔޭގައި މުސްލިމުންގެ އާބާދީއިން ގިނަ މީހުންނަކީ ފަގީރު ގައުމު ތަކުގައި އުޅޭމީހުން. ސައުދީ މުޅި އިސްލާމީ އުސޫލު ތަކާ ހިލާފައް ބޭކާރު ހަރަދު ކުރުމުގަ ތެޅިބާލަނީ! އެމީހުން 21 ގަރުނައް އާދެވިއްޖެކަން އެހެން މުއްސަދި ގައުމުތަކުގެ މީހުންނައް ދައްކަން ވެގެން. މިއީ ވަރައް ރަގަޅު ކަމެއް. ފަގީރުން ގަމާރު ވީމަ ތާ ފަގީރު ކަމުގަ އެއުޅެނީ. މުއްސަދިން ހަމަ ހަބޭސް!
ކާއްޑަ
25 July 2023
އެމްބާޕޭވެސް ސައުދީއަށްގޮސް އިސްލާހުވެ ދެން އިސްލާމުވާންވީ.
ބެޓްމޭންސް
25 July 2023
އިސްލާހުވެފަދޯ އިސްލާމްވާންވީ؟
ކާއްޑަ
25 July 2023
އިސްފަސްވެފާ އެއޮތީ. ބެޓްމޭން ތި ހާހަގަކުރީ ވަރަށް މުހިއްމު ޕޮއިންޓެއް.