ސައުދީ އަރަބިއާގެ ސަލާމަތީ މަސްރަހު އޮތް ގޮތުން، އަލް ނަސްރުގެ ސްކޮޑުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އުނިކޮށްފި އެވެ. 

އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގައި އުޒްބެކިސްތާނުގެ ޕަހްތާކޯރއާގެ މެޗަށް، ނަސްރުގެ ކޯޗު އާންޖް ޕޮސްޓެކޯގްލޫ އެކުލަވާލި ސްކޮޑުން ރޮނާލްޑޯއަށް ފުރުސަތު ނުދެ އެވެ. އެ ޓީމު މިހާރު ތިބީ އުޒްބެކިސްތާނުގެ ވެރިރަށް ތަޝްކަންޓްގަ އެވެ. 

މިދިޔަ ހަފުތާގައި އަލް ހުލޫދު ކްލަބާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ވަނީ ހެޓްރިކް ހަދައި، އޭނާގެ ކެރިއަރުގައި ޖެހި ލަނޑުގެ އަދަދު 985 އަށް ގެންގޮސްފަ އެވެ. އޭނާގެ ޓާގެޓަކީ 1000 ލަނޑު ހަމަކުރާ ފުރަތަމަ ކުޅުންތެރިޔާއަށްވުމެވެ. 

ހެޓްރިކް ހެދި ނަމަވެސް، ރޮނާލްޑޯ ސްކޮޑްގައި ނުހިމަނައި އޭފްސީ މެޗަށް ނަސްރު ދިޔައީ ޕޮސްޓެކޯގްލޫ ބުނިގޮތުގައި ގިނަ ދަތުރުތަކެއް ކުރަންޖެހޭތީ އެވެ. ރޮނާލްޑޯގެ އިތުރުން ކިންގްސްލީ ކޯމަން އަދި މުހައްމަދު ސިމަކާންއަށް، ވަނީ ރެސްޓް ދީފަ އެވެ. 

ސައުދީގެ މަސްރަހު ހުރި ގޮތުން، އެ ގައުމަށް ދާން ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އަލް ވަސަލްއިން ދެކޮޅުެހެދުމުން އޭއެފްސީން އެ މެޗު ފަސްކުރި އެވެ. އެހެންވެ މިދިޔަ ހަފުތާގައި ވެސް ރޮނާލްޑޯއަށް ވަނީ އަރާމުކުރަން އިތުރު ވަގުތު ލިބިފަ އެވެ. 

މިދިޔަ މަހުގެ 12 ވަނަ ދުވަހު އަލް ނަސްރުގެ ދަނޑުގައި ކުޅެން އޮތް މެޗު ވެސް، ޔަމަންގެ ހޫތީން ދިން މިސައިލް ހަމަލާތަކުގެ ސަބަބުން  ގަޑިއިރަކަށް މެޗު ފަސްކުރަން ޖެހުނެވެ. 

އަންނަ އަހަރު ޖެނުއަރީ ހަތްވަނަ ދުވަހު ސައުދީގައި ފަށާ އޭޝިއަން ކަޕް ބޭއްވޭނެ ކަމާ މެދު ވެސް ވަނީ ސުވާލު އުފައްދާފަ އެވެ. އެ ސުވާލު ފެންމަތިކުރީ ޖަޕާނުގެ ފުޓްބޯޅަ އެސޯސިއޭޝަނުންނެވެ. އެ އިދާރާގެ ރައީސް ތުނެޔާސު މިޔާމޯޓޯ ވިދާޅުވީ ތާވަލާ އެއްގޮތަށް މުބާރާތް ކުރިއަށްދާނެކަމާ މެދު ސުވާލު އުފެދޭކަމަށެވެ. 

"ލިބެމުންދާ ޚަބަރުތަކަށް ބަލާއިރު ހާލަތު އޮތީ ރައްކާތެރިކޮށެއް ނޫން. އެހެންވެ މި ވަގުތު މުބާރާތް ބޭއްވުމަކީ ފަސޭހަ ކަމެއް ކަމަކަށް ވާނެކަމަކަށް ގަބޫލެއް ނުކުރެވޭ،" މިޔާމޯޓޯ ވިދާޅުވި އެވެ.

ނަމަވެސް އޭއެފްސީގެ ރައީސް ޝެއިހް ސަލްމާން ބިން އިބްރާހީމް އަލް ހަލީފާ ވަނީ ނިންމުމެއް ނިންމުމުގެ ކުރިން ހާލަތު ބެލުމަށް މި މަހުގެ ނިޔަލަށް ވަގުތު އެބައޮތް ކަމަށް ވިދާޅުވެފަ އެވެ. ސައުދީގެ އިންތިޒާމުކުރާ ފަރާތްތަކުން ބުނަނީ ތައްޔާރީތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.