ދެކުނު އޭޝިއާ ފުޓްބޯޅައިގައި ރާއްޖޭން ކުރިން ދެމެހެއްޓި މަގާމުން ފުރޮޅާލީ އިންޑިއާގައި ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ޓީމަށް ކުރިމަތިލާން ޖެހުނު ދަށް ނަތީޖާގެ ސަބަބުން ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެ އެވެ..

ކުރިން ބަލިކުރަން އުނދަގޫ، ރާއްޖޭގެ ޓީމު ބޫޓާން ކައިރިން ވެސް ކިރިކިރިޔާ ސަލާމަތްވާ ހިސާބަށް ރާއްޖެ ވެއްޓުނު އިރު ފުޓްބޯޅައިގެ ހިންގުން ވެސް އޮތީ އަޑިގަނޑަކަށް ވެއްޓިފަ އެވެ. ގައުމީ ޓީމަށް ވެސް ގޮންޖެހުންތަކާ ކުރިމަތިވެ ނަތީޖާ އަށް ވެސް އަސަރުކޮށް ފީފާގެ ރޭންކިންގެ ކުރިއެރުމެއް ނުލިބި ދިވެހި ޓީމު އޮތީ ކުރިއަށް ނުކަނޑަ އެވެ.

ނަމަވެސް ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފައިންގެ ގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ ދެ ލެގުގެ ނަތީޖާއިން ކުރި ހޯދައިގެން އާ ފެށުމަކުން މަސައްކަތް ފެށުމުގެ އުންމީދު ރާއްޖެ އަށް ބޮޑެވެ.

"ނެގެޓިވިޓީ ދޫކޮށްލައި، ބަންގްލަދޭޝްއާ ދެކޮޅަށް ނަތީޖާ ރަނގަޅުކޮށް، ޕްރިލިމިނަރީ ބުރުގައި ދިވެހި ޓީމު ކާމިޔާބު ހޯދުމަކީ، ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލަށްޓަކައި، ގެއްލިފައި އޮތް ފޯރި އަލުން ގެންނަށް ވަރަށް މުހިއްމު ކަމެއް،" ގައުމީ އަންހެން ފުޓްބޯޅަ ޓީމާއި، ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުންޏެވެ.

ރާއްޖޭގައި 2021 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ސަޕޯޓަރުން ދަނޑުގައި ދިވެހި ޓީމަށް ތަރުހީބު ދެނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
ރާއްޖޭގައި 2021 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ސަޕޯޓަރުން ދަނޑުގައި ދިވެހި ޓީމަށް ތަރުހީބު ދެނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

އެފްއޭއެމްގެ ހިންގުން ދޯދިޔާވެ ފުޓްބޯޅަ އަޑިގަނޑަކަށް ވެއްޓުނަސް ގައުމީ ޓީމަށް ޓަކައި ސަޕޯޓަރުންގެ ހާއްސަ ޖާގައެއް އެބައޮތެވެ. ކްލަބް ފުޓްބޯޅައިގެ ފޯރި ކެނޑިވެފައި ވިއަސް ގައުމީ ޓީމަށް ހާއްސަކޮށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުގައި އަދިވެސް ސަޕޯޓަރުންގެ ފޯރި ގަދަ އެވެ.

އެފްއޭއެމުން ވަނީ ދާދި ފަހުން ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމުގައި ހުރި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވުމާ ގުޅިގެން އޭނާ ދޫކޮށްލައިފަ އެވެ. އަދި ކޮލިފައިން މެޗުތައް ގާތްވެފައި ވުމުން، އެފްއޭއެމްގެ އާ ޓެކްނިކަލް ޑައިރެކްޓާ ޕޯލް ތޯމަސް ސްމޯލީގެ ބެލުމުގެ ދަށުން އާ ހެޑް ކޯޗަކު އައްޔަނު ކުރަން ދެން، އެސިސްޓެންޓް ކޯޗުގެ މަގާމުގައި ހުރި އަލީ ސުޒޭނަށް ވަނީ ގައުމީ ޓީމަށް ކޯޗު ކޮށްދިނުމުގެ ޒިންމާ ހަވާލު ކޮށްފަ އެވެ.

މޮރިއޭރޯ އާއެކު ރާއްޖޭން ވަނީ ފާއިތުވި ދެ އަހަރެއްހާ ދުވަސް ތެރޭ ތިން ފަހަރު ބަންގްލަދޭޝް އާ ދެކޮޅަށް ކުޅެފަ އެވެ. އެންމެ ފުރަތަމަ 2021 ވަނަ އަހަރު ސްރީ ލަންކާގައި އޮތް ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް ވަނީ ރާއްޖެ އަތުން މޮޅެއް ނުހޯދި އޮތް 18 އަހަރުގެ މުއްދަތަށް ނިމުން ގެނެސްފަ އެވެ. މިދިޔަ އަހަރު މާޗް މަހު ގަލޮޅު ދަނޑުގައި ކުޅުނު ރަހުމަތްތެރި ކަމުގެ މެޗުގައި ބަންގްލަދޭޝް ބަލިކުރެވުނަސް، މިއަހަރު އިންޑިއާގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން ބަލިވީ 3-1 އިންނެވެ.

ރާއްޖޭގައި 2021 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން، ކޯޗު ސުޒޭންގެ އިރުޝާދުގެ ދަށުން ކުޅުނު ރާއްޖޭން އެ މެޗު ކާމިޔާބު ކުރި.-- ފައިލް ފޮޓޯ: ފަޔާޒް މޫސާ / ނިޝާން އަލީ - މިހާރު
ރާއްޖޭގައި 2021 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން، ކޯޗު ސުޒޭންގެ އިރުޝާދުގެ ދަށުން ކުޅުނު ރާއްޖޭން އެ މެޗު ކާމިޔާބު ކުރި.-- ފައިލް ފޮޓޯ: ފަޔާޒް މޫސާ / ނިޝާން އަލީ - މިހާރު

މޮރިއޭރޯ ހަވާލު ވުމުގެ ކުރިން ސުޒޭން ވަނީ 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ކޯޗު ކޮށްދީފަ އެވެ. ގަލޮޅު ދަނޑުގައި ކުޅުނު އެ މުބާރާތުގައި ރާއްޖޭން ބަންގްލަދޭޝް ބަލިކުރީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަލީ އަޝްފާގު (ދަގަނޑޭ) ގެ ގޯލުތަކުންނެވެ.

ކްލަބް ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކޯޗު ސުޒޭނަށް ރާއްޖޭގެ ކުޅުންތެރިން ފަރިތަ އެވެ. އޭއެފްސީ ޕްރޯ ލައިސެންސް މި އަހަރު ހާސިލް ކުރި ސުޒޭން އަންނަނީ 2020 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމް އަދާ ކުރަމުންނެވެ. ދިވެހި ކޯޗަކާ އެކު ބަންގްލަދޭޝްގެ މައްޗަށް ކާމިޔާބީ ތަކުރާރު ކުރެވިއްޖެ ނަމަ އެއީ ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ކޯޗުންނަށް އިތުރު ފުރުސަތުތައް ފަހިވާނެ ކަމެއް ކަމަށް ނިޒާމްބެ ދެކެ އެވެ.

"ވަރަށް އުފާވޭ ގައުމީ ޓީމަށް ކޯޗު ކޮށްދޭން ދިވެއްސަކަށް ފުރުސަތު ލިބުމުން، މިހާރު ހުރި ކޯޗު [ސުޒޭން] އެއީ ރާއްޖޭގަ އެންމެ އެކްސްޕީރިއަންސްޑް ފަރާތް ކަމަށް ގަބޫލު ކުރަން. މި ކަމުން ހަގީގަތުގައި ރާއްޖޭގައި ދެން ތިބި ކޯޗުންނަށް ވެސް ކުރިއަށް ދާނެ ދޮރެއް ހުޅުވިގެން މި ދަނީ،" ސުޒޭންއާ އެއް ބެޗެއްގައި އޭއެފްސީ ޕްރޯ ލައިސަންސް ހާސިލް ކުރި ނިޒާމްބެ ބުންޏެވެ.

ކޯޗު ސުޒޭން، ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކޯޗު ސުޒޭން، ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުޅުންތެރިން ދަންނަ ކޯޗަކާ ކުޅުންތެރިން ހަވާލު ކުރުމަކުން އަދި ނުފުދޭ ކަމަށާއި އެފްއޭއެމުން ވެސް ގައުމީ ޓީމަށާއި ކޯޗުންނަށް ފަހިވާނެ ފުރުސަތުތައް މަގުފަހި ކޮށްދޭން ޖެހޭނެ ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކަރަކު ބުންޏެވެ.

ރާއްޖެ އަކީ ހުނަރުގެ ގޮތުން މޮޅު ކުޅުންތެރިން ގިނަ ގައުމެކެވެ. ބޭރުގެ ފުޓްބޯޅައިގެ ފަރާތްތަކުން ވެސް އެކަން ފާހަގަ ކުރެ އެވެ. އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ވެސް ބުނީ މީގެ ކުރިން ރާއްޖެއަކީ ބަލި ކުރަން އުނދަގޫ ގައުމެއް ކަމަށެވެ.

ނަމަވެސް އެފްއޭއެމްގެ ހިންގުން ދޯދިޔާވެ ފުޓްބޯޅަ އަށް ގިނަ ފާޑުކިޔުންތަކެއް އަމާޒު ވަމުން އަންނަ ދުވަސްވަރެކެވެ. ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) މީގެ ކުރިން ބުނެފައި ވަނީ މީޑިއާތަކުގައި ފުޓްބޯޅައާ ބެހޭގޮތުން ހުންނަ ނެގެޓިވް ވާހަކަތައް ބަލައި ހެދުމުން ކުޅުންތެރިންނަށް އޭގެ އަސަރުކުރާ ކަމަށެވެ. ނޫސް މީޑީއާތަކުގެ އިތުރުން ސޯޝަލް މީޑިއާގައި ވެސް މިދުވަސް ވަރު އެފްއޭއެމާ ދެކޮޅަށް ގިނަ ފާޑުކިޔުންތަކެއް ދައުރުވެ އެވެ.

މެޗުތަކަށް ކުރިމަތިލާއިރު އެންމެ ފުރަތަމަ ކަމަށް ވެސް ކުޅުންތެރިން ނަފްސާނީ ގޮތުން ތައްޔާރުކޮށް، އެ ކުޅުންތެރިންގެ ވިސްނުން އަބަދުވެސް ޕޮޒިޓިވް ކޮށް ބަހައްޓަން މަސައްކަތް ކުރުމަކީ މުހިންމު ކަމެއްކަމަށް ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު އަދި ފަހުން ނިއުރޭޑިއަންޓްގެ ކާމިޔާބު އެއް ޗެއާމަން އަލީ ވަހީދު ވެސް މި ފަހުން ވިދާޅުވެފައި ވެއެވެ.

ފީފާ ބްރޭކްތަކުގައި ރަހުމަތްތެރިކަމުގެ މެޗުތައް ނުކުޅުމުގެ ގެއްލުން މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ފެނުނެވެ. ނަމަވެސް ބަންގްލަދޭޝްއާ ދެކޮޅަށް ވޯލްޑް ކަޕް ކޮލިފައިން ޕްރިލިމިނަރީ ބުރުގެ ދެ މެޗާ ރާއްޖެ ކުރިމަތިލަނީ، ސާފް ޗެމްޕިއަންޝިޕްގެ ނާކާމިޔާބީއަށް ފަހު ރަހުމަތްތެރިކަމުގެ މެޗެއް ނުކުޅެ އެވެ.

އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ވާދަކުރާތީ، މިދިޔަ މަހު ލިބުނު ފީފާ އިންޓަނޭޝަނަލް ބްރޭކުގައި ވެސް ރާއްޖޭން މެޗެއް ނުކުޅެ އެވެ. ނަމަވެސް ބަންގްލަދޭޝް ވަނީ ރާއްޖެ މެޗަށް ތައްޔާރު ވުމުގެ ގޮތުން ސެޕްޓެމްބަރު ބްރޭކުގައި އަފްގާނިސްތާނާ ދެކޮޅަށް ރަހުމަތްތެރިކަމުގެ ދެ މެޗު ކުޅެފަ އެވެ.

ބަންގްލަދޭޝް މެޗަށް ތައްޔާރުވާން ކުރިއަށް ގެންދިޔަ ރާއްޖޭގެ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ބަންގްލަދޭޝް މެޗަށް ތައްޔާރުވާން ކުރިއަށް ގެންދިޔަ ރާއްޖޭގެ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒިޔާ ޓީމުގައި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ހިމެނޭތީ އޭގެ ފައިދާ އެ ކުޅުންތެރިންނަށް ކުރާނެ ކަމަށް ގަބޫލު ކުރެވެ އެވެ. ނަމަވެސް ގައުމީ ސްކޮޑުގެ ކުޅުންތެރިން އެކުގައި ކުޅެލުމުގެ ފުރުސަތު ނުލިބުމަކީ ދިމާވާނެ ގޮންޖެހުމެއް ކަމަށް ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) ބުންޏެވެ.

"ކޮލިފައިން މެޗުތަކަށް ރަނގަޅަށް ތައްޔާރުވުމުގެ ގޮތުން، ފްރެންޑްލީ މެޗު ކުޅެގެން ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދިނުން އެއީ ނަތީޖާ ހޯދަން ބޭނުން ނަމަ މުހިއްމު ކަމެއް،" ޖޫނިއާ ގައުމީ ޓީމުތަކުގެ ހެޑްކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި ކޯޗު ސޮބާ ބުންޏެވެ.

"ގައުމީ ޓީމުގައި މާޒިޔާ ކުޅުންތެރިން ގިނަ، މާޒިޔާ ކުޅުންތެރިން ވަރަށް ރަނގަޅު ދެ މެޗު ކުޅެފި އޭއެފްސީ ކަޕްގަ، އެއީ ޕޮޒިޓިވް ކަމެއް. އެކަމު ގައުމީ ސްކޮޑުގައި ހިމެނޭ އެހެން ކްލަބްތަކުގެ ކުޅުންތެރިންނާ ވެސް އެކުގައި ނުކުޅެވުމުން އެއީ ޓީމު ރާވާލަން ކޯޗަށް ވެސް ދިމާވެދާނެ ގޮންޖެހުމަކަށް ވާނެ މުހިއްމު މެޗަކަށް ނުކުންނައިރު."

ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ބޫޓާން އަތުން ރާއްޖެ މޮޅު ވިއަސް ޓީމުގެ ކުޅުމާ މެދު ސަޕޯޓަރުން އިންތިހާއަށް ކަންބޮޑުވުން ފާޅު ކުރި އެވެ. ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވެ، މުބާރާތުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ރާއްޖެ ގުރޫޕް ސްޓޭޖުން ކެޓި އެވެ. ނަމަވެސް ފަހު މެޗުގައި ލެބަނަން އާ ދެކޮޅަށް ރާއްޖެ 1-0 އިން ބަލިވި އިރު ވެސް، ކުޅުމަށް ހެޔޮ ބަދަލެއް އައިތަން ފެނުނެވެ. ހަމަ އެއާ އެކު ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅެފައި މުބާރާތަށް އާދެވުނު ނަމަ ރާއްޖޭގެ ކުޅުން ރަނގަޅު ވީސް ކަމަށް ކޯޗު މޮރިއޭރޯ، ލެބަނަން މެޗަށް ފަހު އެއްބަސް ވިއެވެ.

ބަންގްލަދޭޝް މެޗަށް ތައްޔާރުވާން ކުރިއަށް ގެންދިޔަ ރާއްޖޭގެ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ބަންގްލަދޭޝް މެޗަށް ތައްޔާރުވާން ކުރިއަށް ގެންދިޔަ ރާއްޖޭގެ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވޯލްޑް ކަޕް ކޮލިފައިންގައި ދެވަނަ ބުރުން ޖާގަ ޔަގީންވި ހަމައެކަނި ދެކުނު އޭޝިއާގެ ގައުމަކީ އިންޑިއާ އެވެ. ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް މެޗުގެ ކުރިން އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ވަނީ، ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗުތައް ކުޅުމުގެ ސަބަބުން އިންޑިއާ ގައުމީ ޓީމަށް ލިބޭ ކުރިއެރުން ހިއްސާ ކޮށްފަ އެވެ. ޗެތުރީ ބުނީ، ލެބަނަން އާއި ކުވެއިތު ފަދަ ގައުމުތަކާ ދެކޮޅަށް ކުޅުމުން، އޭޝިއަން ކަޕްގައި އިންޑިއާ ކުޅެން ޖެހޭ ގައުމުތަކާ ދެކޮޅަށް ކުޅުމުގެ ކުރިން އެ ޓީމުތަކުގެ ފެންވަރު ވަޒަން ކޮށްލައި، ރަނގަޅު ކުރަންވީ ކަންކަމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

"ލެބަނަން އާއި ކުވެއިތު ފަދަ ޓީމުތަކާ ދެކޮޅަށް ކުޅުމުން އެނގޭނެ އޭޝިއަން ކަޕްގައި އިދިކޮޅުން ނުކުންނަ ސީރިއާ އާއި އުޒްބަކިސްތާން ފަދަ ޓީމުތަކުގެ ފެންވަރު. އުޒްބަކިސްތާނަކީ މާ ވަރުގަދަ ޓީމެއް. އެކަމަކު ވެސް އެ ޓީމުތަކުން ކުޅޭނެ ގޮތް ކޮންމެވެސް ވަރަކަށް ދެނެގަނެވޭނެ،" ސާފް ޗެމްޕިއަންޝިޕްގައި ލެބަނަން އާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޮތް ޕްރެސްގައި ޗެތުރީ ބުންޏެވެ.

"އަހަރެމެން އޮސްޓްރޭލިއާއާ ދެކޮޅަށް ވެސް ކުޅޭނަން، އެކަމު އޭގެ ކުރިން އިންޑިއަން ސުޕަ ލީގު އޮންނާނެ. ސުޕަ ލީގު ފެންވަރު ރަނގަޅަސް، ލީގުގެ ޓީމުތަކުގައި އޮސްޓްރޭލިއާގެ ފެންވަރެއް ނުހުންނާނެ."

ބަންގްލަދޭޝް މެޗަށް ތައްޔާރުވާން ކުރިއަށް ގެންދިޔަ ރާއްޖޭގެ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ބަންގްލަދޭޝް މެޗަށް ތައްޔާރުވާން ކުރިއަށް ގެންދިޔަ ރާއްޖޭގެ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހަމަ އެއާ އެކު، ރާއްޖެ ބަލިކޮށް ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދިޔަ ބަންގްލަދޭޝްގެ ކޯޗު ހަވިއޭ ކަބްރޭރާ ބުނީ މުބާރާތުގައި އެއް ފެންވަރެއްގައި ރަނގަޅު ކުޅުމެއް ދައްކުނީ، މުބާރާތުގެ ކުރިން ގިނަ ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅެ، ޓްރޭނިންތަކުގައި ބުރަކޮށް މަސައްކަތް ކޮށްގެން ކަމަށެވެ.

ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކޮށް ދެ ލެގުން ކުރި ހޯދާ ޓީމަކަށް ދެން އޮންނާނީ ކޮލިފައިންގެ ދެވަނަ ބުރުގައި އަންނަ މަހު، ދުނިޔޭގެ ރޭންކިންގެ 27 ވަނައިގައި އޮތް އޮސްޓްރޭލިއާއާ ވާދަކުރަން ޖެހޭ މެޗެވެ. އެ ފުރުސަތު ރާއްޖެއަށް ލިބުމަކީ، ފުޓްބޯޅައިގައި ގިނަ ކަންކަމެއް ދަސްކުރަން ލިބޭ އަގުހުރި ފުރުސަތެއް ކަން ވެސް ސޮބާ ފާހަގަ ކުރި އެވެ.

ވޯލްޑް ކަޕްގައި މިހާތަނަށް ވިދިވިދިގެން ހަ ފަހަރު ވާދަ ކޮށްފައިވާ އޮސްޓްރޭލިއާ އެކު އެއް ގުރޫޕެއްގައި ދެން ހިމެނެނީ މީގެ ކުރިން އެ ޓީމުތަކާ ދެކޮޅަށް ރާއްޖެ ކުޅެފައިވާ ލުބުނާން އާއި ފަލަސްތީނެވެ.

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތަކާ ދުރު ރާއްޖެ ރޭންކިންގެ މަތީ ޓީމުތަކާ ދެކޮޅަށް ވާދަކޮށްލަން ފުރުސަތެއް ލިބެނީ ހަމައެކަނި ވޯލްޑް ކަޕް ކޮލިފައިންގަ އެވެ. އެންމެ ފުރަތަމަ 1997 ވަނަ އަހަރު އިރާން އަތުން 17-0 އިން ރާއްޖެ ބަލިކުރި ނަމަވެސް، އެންމެ ފަހުން 2011 ވަނަ އަހަރު އިރާނަށް ގަލޮޅު ދަނޑުގައި ރާއްޖެ ބަލިކުރެވުނީ 1-0 އިންނެވެ. އަދި 2004 ވަނަ އަހަރު ރާއްޖޭން ވަނީ ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި، ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅުނު ދެކުނު ކޮރެއާ ގޯލެއް ޖެހިޔަ ނުދީ ހިފަހައްޓައިފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިން އަށް އާ ފެށުމަކުން ދިވެހި ޓީމް ފަށަން ޖެހިފައި އޮތްއިރު، ހީނަރުވެފައި އޮތް ފޯރި އަލުން ގެންނަން އެފްއޭއެމުން އޮތީ ސަޕޯޓަރުންގެ އިތުބާރު ހޯދަން ޖެހިފަ އެވެ. ކަންކަން ސިއްރުނުކޮށް ހާމަކުރުމާއި ޓްރާންސްޕޭރެންސީގެ އުސޫލުން މަސައްކަތްކުރާ ބަޔަކަށް އެފްއޭއެމު އޮތީ ވާން ޖެހިފަ އެވެ.