ލަންޑަން (ފެބްރުއަރީ 17) - ޕްރިމިއާ ލީގުގެ މަޝްހޫރު ރެފްރީ މާކް ކްލެޓެންބާގް އެ ލީގުގެ އޮފިޝަލްކަން ކުރުން ހުއްޓާލުމަށް ފަހު ސައުދި އަރަބިއާ ލީގަށް ބަދަލުވުމަށް ނިންމައިފި އެވެ.
ކްލެޓެންބާގް ވަނީ ފާއިތުވި ހަތަރު ވަރަކަށް އަހަރަށް ބަލާއިރު ދުނިޔޭގެ ނަން މަޝްހޫރު ގިނަ މެޗުތަކުގައި ރެފްރީކަން ކޮށްފަ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ އެފްއޭ ކަޕް ފައިނަލާއި ޗެމްޕިއަންސް ލީގު ފައިނަލުގެ އިތުރުން މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ހިމެނެ އެވެ.
އިނގިރޭސި ރެފްރީންގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕްރޮފެޝަނަލް ގޭމް މެޗް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްލެޓެންބާގް ވަނީ އިންގްލެންޑް ދޫކޮށް ސައުދީ އަރަބިއާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ މަގާމަކާ ހަވާލުވުމަށް ނިންމައިފައި ކަމަށެވެ.
"ޕީޖީއެމްއޯއެލްގެ އެންމެ އިސް އެއް ރެފްރީ ލީގު ދޫކޮށްދިއުމަކީ ލިބޭ ވަރަށް ބޮޑު ގެއްލުމެއް. ކްލެޓެންބާގަކީ ޕްރިމިއާ ލީގުގައި ހުރި އެންމެ ގާބިލު ރެފްރީ. އަހަރެމެންގެ ފަރާތުން ކްލެޓެންބާގް ކޮށްދިން ހުރިހާ ހިދުމަތްތަކަށް ޝުކުރު އަދާކުރަން،" ޕީޖީއެމްއޯއެލްގެ ބަޔާނުގައިވެ އެވެ.
އުމުރުން 41 އަހަރުގެ ކްލެޓެންބާގް އެންމެ ފުރަތަމަ މެޗެއްގައި ރެފްރީކަންކުރީ 2000 ވަނަ އަހަރު އެވެ. އެއީ އިނގިރޭސި ތިން ވަނަ ޑިވިޝަނުގެ މެޗެއްގަ އެވެ. އިނގިރޭސި ދަށް ޑިވިޝަންތަކުގައި ރެފްރީކަން ކުރުމަށް ފަހު ކްލެޓެންބާގް ވަނީ ހަތަރު އަހަރު ތެރޭ ޕްރިމިއާ ލީގުގެ މެޗުތަކުގައި ރެފްރީކަން ކުރަން ފަށައިފަ އެވެ. ކްލެޓެންބާގަށް ފީފާ ބެޖް ލިބުނީ 2006 ވަނަ އަހަރު އެވެ.
ނިއުކާސަލް ސަޕޯޓަރެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ކްލެޓެންބާގް ވަނީ 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކް ފައިނަލުގެ އިތުރުން 2014 ވަނަ އަހަރުގެ ޔޫއޭފާ ސުޕަ ކަޕް ފައިނަލުގައި ވެސް ރެފްރީކަން ކޮށްފަ އެވެ.