ލަންޑަން (ފެބްރުއަރީ 21) - އިންގްލެންޑުގެ މަޝްހޫރު ރެފްރީ މާކް ކްލެޓެންބާގް ސައުދީ އަރަބިއާ އަށް ބަދަލުވާން ނިންމުމަށް ފަހު އެކަން ފަސްކޮށްފި އެވެ.
ޕްރިމިއާ ލީގު ދޫކޮށް ސައުދީ އަަރަބިއާ އަށް ބަދަލުވާން ނިންމާފައިވާކަން ކްލެޓެންބާގް އިއުލާންކުރީ މިދިޔަ ހަފްތާގަ އެވެ. އިނގިރޭސި ރެފްރީންގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕްރޮފެޝަނަލް ގޭމް މެޗް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) އިން ވެސް ނިންމީ ކްލެޓެންބާގް ދެން ޕްރިމިއާ ލީގުގެ މެޗަކުން ނުފެންނާނެ ކަމަށެވެ.
އެހެން ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ކްލެޓެންބާގް ވަނީ މިހާރު އެ ނިންމުން ބަދަލުކޮށް މި ސީޒަނުގެ ނިޔަލަށް ޕްރިމިއާ ލީގުގައި މަޑުކުރަން ނިންމައިފަ އެވެ.
އިނގިރޭސި އެފްއޭ އިން ވަނީ އަންނަ ހޮނިހިރު ދުވަހު ވެސްޓް ބްރޮމް އާއި ބޯންމައުތު ކުޅޭ މެޗުގެ ރެފްރީ އަކަށް ކްލެޓެންބާގް ހަމަޖައްސައިފަ އެވެ. މި މެޗުގެ ރެފްރީ އަކަށް ކްލެޓެންބާގް ހަމަޖެއްސި ނަމަވެސް އިނގިރޭސި އެފްއޭ އާއި ޕީޖީއެމްއޯއެލް އިން ނިންމާފައިވަނީ ކްލެޓެންބާގަށް ރެފްރީކަން ކުރަން ދޭ މެޗު މަދުކުރުމަށެވެ.
ކްލެޓެންބާގް ހަވާލުވާނީ ސައުދީ އަރަބިއާގެ ހެޑް އޮފް ރެފްރީސްގެ މަގާމާ އެވެ. އެ މަގާމުން ކުރިން ފުރަމުން އައި އިނގިރޭސި ރެފްރީ ހޮވާޑް ވެބް ވަނީ މިދިޔަ މަހުގައި މަގާމުން އިސްތިއުފާ ދީފަ އެވެ. ވެބް މަގާމުން އިސްތިއުފާދިނީ އެމެރިކާގެ މޭޖަ ލީގް ސޮކާ (އެމްއެލްއެސް) އަށް ބަދަލުވުމަށެވެ.
އުމުރުން 41 އަހަރުގެ ކްލެޓެންބާގް އެންމެ ފުރަތަމަ މެޗެއްގައި ރެފްރީކަންކުރީ 2000 ވަނަ އަހަރު އެވެ. އެއީ އިނގިރޭސި ތިން ވަނަ ޑިވިޝަނުގެ މެޗެއްގަ އެވެ. އިނގިރޭސި ދަށް ޑިވިޝަންތަކުގައި ރެފްރީކަން ކުރުމަށް ފަހު ކްލެޓެންބާގް ވަނީ ހަތަރު އަހަރު ތެރޭ ޕްރިމިއާ ލީގުގެ މެޗުތަކުގައި ރެފްރީކަން ކުރަން ފަށައިފަ އެވެ. ކްލެޓެންބާގަށް ފީފާ ބެޖް ލިބުނީ 2006 ވަނަ އަހަރު އެވެ.
ކްލެޓެންބާގް ވަނީ ފާއިތުވި ހަތަރު ވަރަކަށް އަހަރަށް ބަލާއިރު ދުނިޔޭގެ ނަން މަޝްހޫރު ގިނަ މެޗުތަކުގައި ރެފްރީކަން ކޮށްފަ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ އެފްއޭ ކަޕް ފައިނަލާއި ޗެމްޕިއަންސް ލީގު ފައިނަލުގެ އިތުރުން މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ހިމެނެ އެވެ.