ޖިއްދާ، ސައުދީ އަރަބިއާ (ޖުލައި 23) - މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ރިޔާދު މާރޭޒް އާއި ލިވަޕޫލްގެ ކެޕްޓަން ޖޯޑެން ހެންޑަސަން، ފުޓްބޯޅައިގައި ބޮޑު ހަރަދުކުރަމުން އަންނަ ސައުދީ ޕްރޯ ލީގަށް ވިއްކާލަން ސިޓީ އާއި ލިވަޕޫލުން އެއްބަސްވެއްޖެ އެވެ.

އަލްޖީރިއާގެ ވިންގާ، މާރޭޒް، 32، ސިޓީ އިން އަލް އަހްލީ އަށް ވިއްކާލަން ނިންމީ 38 މިލިއަން ޑޮލަރަށެވެ. މާރޭޒްގެ ޑީލް ބަލައިގަތުމަށް ފަހު ސިޓީ އިން ޕްރީ ސީޒަނުގައި ޖަޕާނާއި ދެކުނު ކޮރެއާ އަށް ކުރާ ދަތުރުގައި މާރޭޒް ބައިވެރިއެއް ނުކުރެ އެވެ.

ސިޓީ އިން މާރޭޒް ވިއްކާލުން މަޑުކޮށްލީ އެޓީމުން ބޭނުންވާ ވަރުގެ ހުށަހެޅުމެއް ލިބެންދެންނެވެ. ލެސްޓާ ސިޓީގައި ވިދާލައި، 2018 ވަނަ އަހަރު މާރޭޒް ސިޓީ އަށް ބަދަލުވީ 77 މިލިއަން ޑޮލަރަށެވެ.

ސިޓީގެ މާރޭޒް. ސިޓީ އިން މާރޭޒް ވިއްކާލާނީ އަހްލީ އަށް
ސިޓީގެ މާރޭޒް. ސިޓީ އިން މާރޭޒް ވިއްކާލާނީ އަހްލީ އަށް

ލިވަޕޫލުން ހެންޑަސަން ވިއްކާލަން އެއްބަސްވީ އަލް އިއްތިފާގަށެވެ. ހެންޑަސަން ލިވަޕޫލުން ވިއްކާލާނީ 15 މިލިއަން ޑޮލަރަށެވެ. އެޓީމުގެ ކޯޗަކީ ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑް އެވެ.

ހެންޑަސަން، 33، ލިވަޕޫލާ އެކު ހަދައިފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އަދި އެބަ އެބައޮތެވެ. ހެންޑަސަން ލިވަޕޫލް ދޫކޮށްލާއިރު އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ފަބީނިއޯ އަށް، އަލް އިއްތިހާދުން ވަނީ 51 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.

ސަންޑަލެންޑުން 2011 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވެ ހެންޑަސަން ވަނީ 491 މެޗު ކުޅެ 33 ގޯލު ޖަހައިފަ އެވެ. ލިވަޕޫލުން 30 އަހަރަށް ފަހު އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ހޯދިއިރު ކެޕްޓަނަކީ ހެންޑަސަން އެވެ. ލީގުގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގު ވެސް ހެންޑަސަންގެ ކެޕްޓަންކަމުގައި ލިވަޕޫލް ކާމިޔާބުކުރި އެވެ.

އާ ސީޒަނަށް ތައްޔާރުވާން ލިވަޕޫލުން ރޭ ޖަރުމަނުގެ ކާލްސްރުހާއާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް ވަނީ 2-4 އިން މޮޅުވެފަ އެވެ. މެޗަށް ދަތުރުކުރި ލިވަޕޫލް ސްކޮޑުގައި ހެންޑަސަން ހިމެނި ނަމަވެސް މެޗު ކުޅުނު ޓީމުގައި ހެންޑަސަން ހިމަނާފައެއްނުވެ އެވެ. އަދި ފަބީނިއޯ ޓީމާ އެކު ދަތުރުކޮށްފައެއްނުވެ އެވެ.

މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ސައުދީ ލީގަށް ބަދަލުވާއިރު، އަދިވެސް އިތުރު ކުޅުންތެރިން ހޯދަން އެ ގައުމުގެ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެތެރޭގައި ހިމެނޭ އެއް ކުޅުންތެރިއަކީ ފުލަމް އަށް ކުޅެމުން އަންނަ އަލެކްސަންޑަ މިޓްރޮވިޗް އެވެ.