ރިޔާޒް (ޖޫން 24) - ބޮޑު ހަރަދު ކުރަމުން އަންނަ ސައުދީ އަރަބިއާގެ ކްލަބްތަކުން ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނަށް ޝައުގުވެރިކަން ފާޅުކޮށް، އެ ޑީލްތައް ކާމިޔާބުކުރަން ފަށައިފި އެވެ.
އެންމެ ފަހުން ސައުދީ އަރަބިއާގެ ޕްރޯ ލީގަށްށް ބަދަލުވި ކުޅުންތެރިއަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސްގެ ކެޕްޓަންކަން ކުރަމުން އައި ރުބެން ނެވޭސް އެވެ. އެގައުމުގެ އަލް ހިލާލް އިން ނެވޭސް، 26، ގެ ސޮއި އިއްޔެ ހޯދީ ކްލަބް ރެކޯޑް އަގެއްކަމަށްވާ 60 މިލިއަން ޑޮލަރަށެވެ.
ނެވޭސް ޕްރިމިއާ ލީގު ދޫކޮށްލިއިރު ވުލްވްސްއާ އެކު ހަދާފައިވާ އެއްބަސްވުމުގައި އިތުރު އަހަރެއް އޮތެވެ. ޕޯޗުގަލްގެ ގައުމީ ޓީމުގައި ވެސް ހިމެނޭ މިޑްފީލްޑަރު ޔޫރަޕް ފުޓްބޯޅަ ދޫކޮށްލީ ބާސެލޯނާ އިން ވެސް ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށެވެ. އެކަމަކު ބާސެލޯނާ އިން ރަނގަޅު އޮފާ އެއް ނުލިބުމުން ސައުދީގެ ހުށަހެޅުން ނެވޭސް ގަބޫލުކުރީ އެވެ.
ނެވޭސް އަކީ 2017 ވަނަ އަހަރު ވުލްވްސް އަށް ބަދަލުވެ އެ ކްލަބް ޕްރިމިއާ ލީގަށް ޕްރޮމޯޓް ކޮށްދިނުމަށް ފަހު މިދިޔަ އަހަރުތަކުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އެ ޓީމަށް 253 މެޗު ކުޅެ ނެވޭސް 30 ގޯލު ޖެހި އެވެ.
ސައުދީ ލީގަށް އެންމެ ފުރަތަމަ ބަދަލުވި ބޮޑު ނަމަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް މިިދިޔަ ޖެނުއަރީ މަހު ސައުދީގެ އަލް ނަސްރަށް ބަދަލުވުމަށް ފަހު ރޮނާލްޑޯ ބުނެފައިވަނީ އެއީ ވަރުގަދަ ލީގެއް ކަމަށާއި، މަޝްހޫރު ކުޅުންތެރިން ސައުދީ ލީގަށް ބަދަލުވެއްޖެ ނަމަ ދުނިޔޭގެ އެންމެ ވަރުގަދަ ފަސް ލީގުގެ ތެރޭގައި އެ ލީގު ހިމެނިދާނެ ކަމަށެވެ.
ރޮނާލްޑޯ އާއި ނެވޭސްގެ އިތުރުން ރެއާލް މެޑްރިޑްގައި 13 އަހަރު ހޭދަކުރި ފްރާންސްގެ ކަރީމް ބެންޒެމާ އާއި ޗެލްސީގެ އެންގޯލޯ ކާންޓޭ ވަނީ ސައުދީ ލީގުގެ އަލް އިންތިހާދަށް ބަދަލުވެފަ އެވެ. މި ކުޅުންތެރިންގެ އިތުރުން ސައުދީ ލީގުން ވަނީ ލިއޮނެލް މެސީ ގެންދަން ވެސް މަސައްކަތް ކޮށްފަ އެވެ. އެކަމަކު އަލް ހިލާލްގެ ބޮޑު ހުށަހެޅުމަށް ނޫނެކޭ ބުނެ މެސީ ބަދަލުވީ އެމެރިކާގެ ކްލަބް އިންޓަ މިއާމީ އަށެވެ.
ސައުދީގެ ކްލަބްތަކުން މިހާރު ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ޗެލްސީ އަށް ކުޅޭ ސެނެގޯލްގެ ގޯލްކީޕަރު އެޑުއާޑް މެންޑީ އާއި މެންޗެސްޓާ ސިޓީގެ ޕޯޗުގަލް މިޑްފީލްޑަރު ބެނާޑޯ ސިލްވާ އަށެވެ. މެންޑީ ގެންދަން އަލް އަހްލީ އިން މަސައްކަތް ކުރާއިރު ސިލްވާ އަށް ޓާގެޓްކުރީ އަލް ހިލާލް އިންނެވެ.
ސައުދީ އަރަބިއާގެ ވިސްނުމަކީ ބޮޑު ހަރަދުކޮށް މަޝްހޫރު ކުޅުންތެރިންނާއި އެކު އެ ގައުމުގެ ފުޓްބޯޅަ ލީގު ދުނިޔޭގެ ވަރުގަދަ ނަމަކަށް ހެދުމެވެ. މިދިޔަ ޑިސެމްބަރު މަހު ގަތަރުގައި ކުޅުނު ވޯލްޑް ކަޕްގައި ސައުދީ ޓީމުގައި ހިމެނުނު 26 ކުޅުންތެރިން ވެސް ނިސްބަތްވަނީ އެ ގައުމުގެ ކްލަބްތަކަށެވެ.
ސައުދީ އަރަބިއާ އިން ވަނީ އޭއެފްސީ އޭޝިއަން ކަޕް ތިން ފަހަރު ކާމިޔާބު ކޮށްފަ އެވެ. އަދި، އޭއެފްސީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމަކީ ހަތަރު ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ އަލް ހިލާލް އެވެ.