ބާސެލޯނާ (ފެބްރުއަރީ 19) - މިއީ ބާސެލޯނާގެ އަސްލު ފެންވަރު ސާބިތުކޮށްދިނުމަށް ހުރިހާ ކުޅުންތެރިން އެކުވެގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
ސްޕެނިޝް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ލެގަނޭސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެންރީކޭ ބުނީ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުންވި ބަލީގެ އަސަރު ހުރިހާ ކުޅުންތެރިންނަށް ވެސް ކޮށްފައިވާ ކަމަށެވެ.
"ޕީއެސްޖީ އަތުންވި ބަލީގެ އަސަރު މުޅި ޓީމަށް ވެސް ވަނީ ކޮށްފައި. އެކަމަކު އެއީ އަހަރެންގެ މުސްތަގުބަލާ ގުޅޭ ގޮތަކުން ނޫން. އަހަރެން އަބަދުވެސް ބޭނުންވަނީ މި ޓީމަށް ކާމިޔާބު ހޯދައިދޭން. އެގޮތުގައި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހުންނާނީ،" އެންރީކޭ ބުންޏެވެ.
ސެވިއްޔާ ރޭ ކުޅުނު މެޗުން މޮޅުވުމުން ބާސެލޯނާ ވަނީ ލީގުގެ ތިން ވަނަ އަށް ވެއްޓިފަ އެވެ. މިރޭގެ މެޗުން މޮޅުވެގެން އަލުން ދެ ވަނަ އަށް އެރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.
އެންރީކޭ ބުނީ ބާސެލޯނާއާ މެދު ގިނަ ބަޔަކު ކުރިމަތިކުރުމަވުން އަންނަ ސުވާލުތަކަށް ޖަވާބުދޭން ފަށަންވީ ވަގުތު ޖެހިއްޖެ ކަމަށެވެ.
"އަހަރެމެންގެ ފޯމު ގެއްލުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުން. މިއީ އެ ހުރިހާ ކަމަކަށް ލޯ ހުޅުވައިގެން ކުރިއަށް ދާންވީ ވަގުތު. ބާސެލޯނާގެ ފެންވަރުގައި ކުޅެންވީ ވަގުތު މިއީ،" އެންރީކޭ ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން މި ސީޒަނަށް ފަހު ބާސެލޯނާގެ ކޯޗުކަމުން އެންރީކޭ ވަކިވާނެ އެވެ. އެންރީކޭ އަންނަނީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ކުރާ ސުވާލުތަކަށް ނުސީދާ ޖަވާބުތަކެއް ދެމުންނެވެ. އޭނާ ބުނީ ސީޒަންގެ މެދުތެރެއިން މުސްތަގުބަލުގެ ވާހަކަ ދެއްކުމަކީ އޭނާ ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ.
އެންރީކޭ ބާސެލޯނާ ދޫކޮށްލައިފި ނަމަ އެ ޓީމުން ދެން ގެންނާނެ ކަމަށް ބެލެވެނީ ކުރިން އެ ޓީމަށް ކުޅުނު ޑިފެންޑަރު އަދި މިހާރު އެވަޓަންގެ ކޯޗު ރޮނާލްޑް ކޫމަން ނޫނީ ސެވިއްޔާގެ ކޯޗު ޖޯޖް ސަމްޕައޮލީ އެވެ.
ބާސެލޯނާ އާއި ލެގަނޭސް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.