02 އޮކްޓޯބަރ 2024 - 12:02
ލިލް (އޮކްޓޫބަރު 2) – ރެއާލް މެޑްރިޑުގެ ފޯވާޑް ކީލިއަން އެމްބާޕޭ އަށް ޗެމްޕިއަންސް ލީގުގައި މިރޭ އޭނާގެ ކޮއްކޮއާ ދެކޮޅަށް ކުޅެން ކުރި އުއްމީދު ފެނަށް ހިނގައްޖެ އެވެ.
އޭނާގެ ކޮއްކޮ އީތަން އެމްބާޕޭ ކުޅެމުން އަންނަ ލިލް އާއި އެމްބާޕޭގެ ރެއާލް މެޑްރިޑް މިރޭ ވާދަކުރާނެ އެވެ. އެކަމަކު އީތަން އަށް ވަނީ އަނިޔާވެފަ އެވެ.
ޕީއެސްޖީގެ އެކަޑަމީން ތަމްރީނުވެގެން އީތަން ވަނީ މިދިޔަ ސީޒަނުގައި، ކިލިއަން އާއެކު ޕީއެސްޖީގެ ސީނިއާ ޓީމަށް ކުޅެފަ އެވެ. ނަމަވެސް ސީޒަން ނިމުމުން ކިލިއަން އެމްބާޕޭ ޕީއެސްޖީ ދޫކޮށް ރެއާލަށް ބަދަލުވުމާ އެކު އޭނާގެ ކޮއްކޮ، އީތަން، 17، ވެސް ވަނީ ކްލަބް ދޫކޮށް، ހިލޭ ޓްރާންސްފާގައި ލިލްއާ ގުޅިފަ އެވެ.
މިރޭގެ މެޗުގެ ކުރިން، މީގެ ހަފްތާއެއް ކުރިން އެމްބާޕޭގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން މެޗު ގެއްލޭނެ ކަމަށް ބެލެވުނު ނަމަވެސް އޭނާ ވަނީ އިއްޔެ ޓީމާއެކު ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ.
"އޭނާގެ ރިކަވަރީ ވަރަށް ރަނގަޅަށް ދިޔައީ. އޭނާ މިއަދު ޓްރެއިން ކުރާނެ، އެއަށް ފަހު (ލިލް މެޗުގައި ކުޅުމާ މެދު) ގޮތެއް ނިންމާނީ. އޭނާ ރިސްކު ކުރާކަށް އަހަރެމެން ބޭނުމެއް ނުވޭ،" މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އަންޗެލޮޓީ ބުންޏެވެ.
އެމްބާޕޭ އަނިޔާއިން ރަނގަޅުވި ނަމަވެސް، މި ނިމުނު ހަފްތާ ބަންދުގައި ލީގުގައި ކުޅުނު މެޗުގައި އީތަންގެ ފަލަމަސްގަނޑަށް ސީރިއަސް އަނިޔާއެއް ވެ، އޭނާ އަށް މިރޭގެ މެޗު ގެއްލޭނެ ކަން ވަނީ ޔަގީން ވެފަ އެވެ.
"މެޗުގައި އަނިޔާވުމާ ގުޅިގެން ހަފްތާތަކަކަށް އަހަރެން ހުންނަން ޖެހޭނީ ކުޅުމާ ދުރުގައި. މިއީ އުނދަގޫ ވަގުތުކޮޅެއް، އެއީ މިއީ ފުޓްބޯޅަ ކުޅެން ފެށީއްސުރެން އަހަރެންނަށް މިވަރުގެ އަނިޔާއެއް ލިބުނު ފުރަތަމަ ފަހަރު،" އީތަން އެމްބާޕޭ ނޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓުގައި ލިޔެފައިވެ އެވެ.
"އަހަރެންގެ ބޭބެއާ ޗެމްޕިއަންސް ލީގުގައި ދިމާވުމަކީ ހުވަފެނެއް. އެކަން ތަންކޮޅެއް ދުރުގައި އަދި އޮތީ އެކަމަކު ފުރުސަތު ނުގެއްލޭ. އުއްމީދުކުރަނީ ވަރުގަދަކޮށް އެނބުރި އައުމަށް."
ރެއާލް އާއި ލިލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy